މުއިއްޒުގެ އެއްބޭނުމަކީ ކައުންސިލަރުންގެ އަގުވައްޓާލުން: ޝާހިދު
ރަން ރީނދޫ ލަޝްކަރަށް މުޅި ރާއްޖެ ބަދަލުކޮށްލެވޭނެ
އަނިޔާވެރި އޮޅުވާލުމާއި މަކަރުވެރި މުއިއްޒު ސަރުކާރުގެ އެންމެ މައިގަނޑު އެއް ފަލްސަފާއަކަށް ވާނީ ކައުންސިލަރުންގެ އަގު ވައްޓާލުންކަމަށް އެމްޑީޕގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު ވިދާޅުވާ ގޮތުގައި މުއިއްޒު ސަރުކާރުން ދަނީ ކައުންސިލަރުންނަކީ ބޭނުންތެރި ބައެއް ނޫން ކަމަށް ދައްކަން މަސައްކަތް ކުރަމުންނެވެ.
މުއިއްޒު ސަރުކާރުގެ މިސްރާބު ހުރީ ކައުންސިލަރުންގެ އަދަދު މަދުކޮށް، ހޮވޭ ކައުންސިލަރުން ކަތީބުންނަށް ބަދަލުކޮށްލަން ކަމަށްވެސް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ. އޭރުން ތިބޭނީ ބޮޑު ކަތީބާއި ކުޑަ ކަތީބުގެ އިތުރުން އެޓޯލްސް މިނިސްޓަރު ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލަން މުއިއްޒު ސަރުކާރުން ކުރާ މަސައްކަތާއި ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށް ވެސް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ. މިހާރުއްސުރެ މަސައްކަތް ފަށައިގެން އެމްޑީޕީން މުޅި ރާއްޖެ އަލުން ލާމަރުކަޒީ ނިޒާމަށް ބަދަލުކޮށްލެވޭ ވަރުގެ ކައުންސިލަރުންތަކެއް 2026 ގައި ގެނެސް 2026އަކީ އެމްޑީޕީގެ ކައުސިލަރުންގެ އާ އަލިވިލުން ކަމުގައި ހެދުމަށް މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.
ކައުންސިލަރުންނާ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މުއިއްޒު ސަރުކާރުގެ ވިސްނުމަކީ ރަށު ބަންދުގައި ރައްޔިތުން ބައިތިއްބައިގެން ރަށްރަށުގައި ތިބި ރައްޔިތުންނަށް އާމްދަނީ ލިބެމުންދިޔަ ދޮރުތައް ވެސް ބަންދު ކުރުން ކަމަށެވެ. ރައީސް ސޯލިހު ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ތަރައްގީގެ އެތައް މަޝްރޫއެއް ފަށައި ނިންމިފައިވާ ކަމާއި ނުނިމި ހުރި މަޝްރޫތައް މި ސަރުކާރު އައިސް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މި ސަރުކާރުގެ ވިސްނުމަކީ ރަށު ބަންދުގައި ރައްޔިތުން ބައިތިއްބައި، އެ ރަށްރަށުގައި ތިބި ރައްޔިތުންނަށް އާމްދަނީ ލިބެމުންދިޔަ ދޮރުތައް ވެސް ބަންދު ކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީއަކީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ރަން ރީނދޫ ލަޝްކަރު ކަމަށާއި އެ ޕާޓީއަށް މުޅި ރާއްޖެ ބަދަލުކޮށްލެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ކުޅުދުއްފުށި ސިޓީގައި މިހާރު ހިނގަމުންދާ އެމްޑީޕީ ކައުންސިލަރުގެ މަހާސިންތާގައެވެ.