މުއިއްޒު ކަސްޓަމަށް ކުރުވީ ގައިރުގާނޫނީ އަމުރެއް!

މުއިއްޒު ކަސްޓަމަށް ކުރުވީ ގައިރުގާނޫނީ އަމުރެއް!

ދުންފަތް މަނާކުރާ ގާނޫނުގައި ސިނގިރޭޓް އަނބުރަން ބޭނުންކުރާ ކަރުދާހެއް ސިނގިރެޓް ފިލްޓަރެއް އޮޅާ މެޝިން ފަދަ އާލާތެއް ދުންފަތުގެ މާނާގައި ހިމަނާފައެއް ނެތެވެ. ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ތެރޭގައި އެ ބާވަތްތައް ހިމަނާފައެއް ނެތެވެ. 

ދުންފަތް ކޮންޓްރޯލްކުރާ ގާނޫނުގައި ދުންފަތަކީ ކޮބައިކަން ބުނެދީފައިވެއެވެ. ދުންފަތުގެ މާނާގައި ބެލެވޭނީ ކޮންކޮން އެއްޗެއްކަންވެސް ގާނޫނުގައި ބުނެފައި އެބައޮތެވެ. 

9 ވަނަ މާއްދާގައި އޮތީ ދުންފަތުގެ ބާވަތްތަކުން އެހެނިހެން އެއްޗެތި ނުއުފެއްދުމުގެ ވާހަކައެވެ. 

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާ:

  • އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ކުޅޭއެއްޗެއްގެ ނުވަތަ ކާއެއްޗެއްގެ ނުވަތަ އެނޫން އެހެންވެސް އެއްޗެއްގެ ސިފައިގައި އުފައްދައި، ބަހައި، ވިއްކައި ނުވަތަ ވިއްކުމަށް މާނަކުރެވޭގޮތަށް ޢާންމުންނަށް ފެންނާނެހެން ބަހައްޓައިގެންނުވާނެއެވެ.

10 ވަނަ މާއްދާގައި އޮތީ ދުންފަތް ހެއްދުމާއި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާ ވުމުގެ ވާހަކައެވެ. ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނަނީ:

(ހ) ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުމަކީ، ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ.

(ށ) ދުންފަތް ގަހާއި، ދުންފަތުގެ ގަހުގެ އޮށް ހިމެނޭހެން، ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެނޫންވެސް ބައެއް، ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.

(ނ) ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ މަނާކަމެކެވެ.

42 ވަނަ މާއްދާގައި އޮތީ ދުންފަތް ކޮންޓްރޯލް ކުރާ ގާނޫނުގެ ލަފްޒީ މާނަތަކެވެ. އެ މާއްދާގައި "ދުންފަތް" މާނަ ކޮށްފައި އޮތީ:

(ފ) "ދުންފަތް" ކަމަށް ބުނެފައި އެވަނީ، ދުންފަތް ގަހުގެ ހުރިހާ ބާވަތެއްގެ ގަހާއި އެ ގަސްގަހުގެ ފަތަށެވެ.

42 ވަނަ މާއްދާގައި "ދުންފަތުގެ ބާވަތްތައް" މާނަ ކޮށްފައި އޮތީ:

(ދ) "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ދުންފަތާއި ދުންފަތުގެ ތަނޑިއާއި، ނިކޮޓިންއާއި، ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ، ހަފައިގެން ނުވަތަ ބޮއެގެން ނުވަތަ ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާޞިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެކެވެ. މިފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ދުންފަތުން ދުރުހެލިވުމަށް "ސެޒޭޝަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅާ ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މިފަދަ އެހެން ބާވަތްތައް މި ގާނޫނުގެ ބޭނުމަށްޓަކައި ދުންފަތުގެ ބާވަތްތައްކަމަށް ނުބެލެވޭނެއެވެ.

42 ވަނަ މާއްދާގައި "ދުންފަތް އުފެއްދުން" ތަކަކީ ކޮބައިކަމާއި "ދުންފަތުގެ އިސްތިޢުމާލުކުރުން" އެއީ ކޮންކަމެއް ކަންވެސް މާނަކޮށްފައިވެއެވެ. 

(ތ) "ދުންފަތް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ވައި، އަވި އަދި އަލިފާނުގެ ހޫނުން ދުންފަތް ހިއްކުން ނުވަތަ މިނޫންވެސް ގޮތަކަށް ދުންފަތް އުފެއްދުމުގައި ބޭނުންކުރުމަށްޓަކައި ދުންފަތުގެ ތާޒާ ފަތް އެކި ގޮތްގޮތަށް ތައްޔާރުކުރުމަށެވެ.

(ލ) "ދުންފަތުގެ އިސްތިޢުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއް، އެއިން ބާވަތަކުން އުފެދޭ ދުން ނުވަތަ އާވި އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ ދުންފަތުގެ ބާވަތެއް އަނގައަށްލުން ނުވަތަ އަނގައިން ހެފުން ނުވަތަ ކެއުން ނުވަތަ ބުއިން ނުވަތަ ދުންފަތުގެ ބާވަތަކުން ވަސްދެމުން ނުވަތަ މިނޫންވެސް ގޮތަކަށް ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް ހަށިގަނޑަށް ވާޞިލުކުރުމަށެވެ.

އިސްވެ ބުނެވި ދިޔަ ކަންކަމަށް ނަޒަރު ކުރާއިރު ސިނގިރެޓް އަނބުރަން ބޭނުންކުރާ ކަރުދާހެއް ސިނގިރެޓް ފިލްޓަރެއް އޮޅާ މެޝިން ފަދަ އާލާތް ރާއްޖެ އެތެރެކުރުން މަނާކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ. ސިނގިރެޓް އަނބުރަން ބޭނުންކުރާ ކަރުދާހެއް ސިނގިރެޓް ފިލްޓަރެއް އޮޅާ މެޝިން ފަދަ އާލާތް އެތެރެވިޔަނުދީ އަތުލާ ނައްތާލުމަކީ ގާނޫނާ ހިލާފް ކަމެކެވެ. ދުންފަތް ކޮންޓްރޯލްކުރާ ގާނޫނު ގެ ބަލަދުވެރި ފަރާތަށް ވެގެން މިނިސްޓްރީ އޮފް ހެލްތުން އެތަކެތި އަތުލާ ނައްތާލަން ކަސްޓަމަށް ކޮށްފައި އެވަނީ ގައިރު ގާނޫނީ އަމުރެކެވެ. ގާނޫނުތަންފީޒުކުރާ އިދާރާއެއްގެ ހައިސިއްޔަތުން ކަސްޓަމަށް އެކަމެއް ނުކުރެވޭނެއެވެ.

ހުއްދަކަމެއް މަނާކުރުމާއި ގައިރުގާނޫނީ އަމުރަށް ކިޔަމަންވުމަކީ ކަސްޓަމަށް ވެސް އޮތް ހައްގެއް ނޫނެވެ. ގާނޫނާ ހިލާފަން މީހުންގެ މުދަލަށް އަރައިގަނެ ނައްތާލުމާއި ގެއްލުން ދިނުމަކީ އެކަކަށްވެސް އޮތް ހައްގެއް ނޫނެވެ.