މުއިއްޒު ބުނީ ބޭރުގައި ކިޔަވާކުދިންނަށް ފައިސާ ދެވެންނެތްކަމަށް!

މުއިއްޒު ބުނީ ބޭރުގައި ކިޔަވާކުދިންނަށް ފައިސާ ދެވެންނެތްކަމަށް!

ސަރުކާރުގެ ލޯނު ސްކީމާއި ސްކޮލަރަޝިޕްތަކުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ގައުމުން ބޭރުގައި އެތައްސަތޭކަ ކުދިންނެއް ރައީސް މުއިއްޒު ވަނީ މަގުމަތިކޮށްލާފައެވެ. ދަރިވަރުން ހާލުގައިޖެހި އެތައް ޝަކުވާއެއްކޮށް ބޮޑު ގައުމީ މައްސަލައަކަށް އެކަންވުމުން ދެކޮޅުނުޖެހޭ ވާހަކައެއް ބުނެލައިގެން މުއިއްޒަށް އެކަން އޮއްބައެއް ނުލެވޭނެއެވެ. 

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތެލާއި ކާޑަށް ފައިސާ ދައްކަން ޖެހޭ ދުވަހަށް ފައިސާ ނުދައްކައިވެސް ސަރުކާރުގެ ސްޓޫޑެންޓް ލޯނު ސްކީމާއި ސްކޮލަރޝިޕްތަކުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރަން އަންގައިފީމޭ ބުނީމާ ގަބޫލު ކުރާނީ ކާކުހެއްޔެވެ. ތެލާއި ކާޑާ އަޅުވައިގެން ސްކޮލަޝިޕްއަށް ފައިސާ ދެއްކުމަުގެ ވާހަކަ ބުނުމަކީ ބޭރުގައި ކިޔަވަންތިބި ދަރިވަރުންނަށް މުއިއްޒު ކުރި މަލާމާތެކެވެ.

ތެލާ ކާޑާ އަޅުވައިގެން ސްކޮލަރޝިޕާއި ލޯން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ވާހަކަ ދެއްކުމުން އެބުނެދިނީ އެހެން ވާހަކައެކެވެ. ސަރުކާރުގެ ސްޓޫޑެންޓް ލޯނު ސްކީމާއި ސްކޮލަރޝިޕްތަކުގައި ގޮސްތިބި ކުދިންނަށް ފައިސާ ދޫކޮށްފިނަމަ ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑު ގަނެނުދެވޭނެ ވާހަކައެވެ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތެލާއި ކާޑަށް ފައިސާ ދައްކަން ޖެހޭ ދުވަހަށް ފައިސާ ނުދައްކައިފިނަމަ ރާއްޖެއިން ތެލާއި ކާޑު ހުސްވާނެކަމީ ޝައްކެއްނެތް ކަމެކެއެވެ. 

ލޯނު ސްކީމާއި ސްކޯލަރޝިޕް ފައިސާ ނުދައްކާ އެންބަސީތަކުގެ މުއައްޒަފުންނަށް މުސާރަ ނުދޭނަމޭ ބުނި ނަމަވެސް މީހަކު އެވާހަކަ ގަބޫލު ކޮށްފީހެވެ. ނިތްކުރިއަށް ރުލެއްވެސް އަރުވާނުލާ ނުވާވަރުގެ ބޮޑެތި ކަންކަން ކުރާނެކަމަށް ބުނެ އޮޅުވާލުމަކީ މުއިއްޒުގެ ކަށީގެ މަދުގައި ހިފާފައިވާ ޝައިތާނީ އާދައެކެވެ. 

ރަސްމާލެއާއި މާލެއާ ގުޅާލާނީ ކަނޑުއަޑީގައި އަޅާ ބިއްލޫރި ޓަނަލަކުންނޭ ބުނެފާ ފަހަތުން ދެންބުނި އެތި އަދިވެސް ހަނދާން ހުންނާނެއެވެ. ޓަނަލް އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ކަންކަން ކުރުމުގެ މަސައްކަތް ދުނިޔޭގެ ފަންނީ މާހިރުންގެ ބަޔަކާ ހަވާލުކޮށްގެން ކުރާ ކަމަށް ބުންޏެވެ. އާހިރުގައި އެކަން ވެގެން ދިޔައީ ހޮޅި ވާހަކައަކަށެވެ. ޓަނަލްގެ ވާހަކަ ދައްކައިގެން އެވަގުތު މުއިއްޒު ބޭނުންވީ ރަސްމާލެއަށް މާލޭން ދަތުރު ފަތުރުކުރުމަށް އޮތް ދަތިކަމުގެ ވާހަކައިގެ އަޑު ކަނޑުވާލުމަށެވެ. 

ރަސްމާލެ ހިއްކަން ފެށުމަށްފަހު މަސައްކަތް ހުއްޓި ދިގުލައިގެން ދިޔުމުން އަމާޒުވީ ފާޑުކިޔުންތައް ދިފާއު ކުރުމުގެ ގޮތުން ބުނީ ރަސްމާލެއަކީ އެކޯސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ސިޓީއަކަށްވާތީ ބައިނަލްއަގުވާމީ ފަންނީ މާހިރުން ލައްވާ ހައްދަންޖެހޭ ދިރާސަތަކެއް ހަދަމުންދާތީ މަސައްކަތް މަޑުޖެހިފައި އޮތީ ކަމަށެވެ. ދުވަސްތަކަކަށް ފަހު ފެނިގެން ދިޔައީ މަސައްކަތް ނުހިގައިގެން ހިންކަން ހަވާލުކުރި އެގްރިމެންޓް ބާތިލު ކުރިތަނެވެ. 

އުފެދޭ ކަންބޮޑުވުންތަކުގެ އަޑު ކަނޑުވާލުމަށްޓަކާ ހޮޅި ވާހަކައެއް ފަޅާލުމަކީ މުއިއްޒުގެ ދޯހަޅި ސަރުކާރުގެ ހީލަތުގެ އުކުޅެކެވެ. ތެލާއި ކާޑާ އަޅުވައިގެންވެސް މިދަނޑިވަޅު މުއިއްޒު ބޭނުންވަނީ ބޭރުގައި ކިޔަވަންތިބި ދަރިވަރުންގެ ލޯން ސްކީމާއި ސްކޮލަރޝިޕް ފައިސާގެ ވާހަކަ އާއްމު ލޯތަކުން ގެއްލުވާލާއި އަޑު ކަނޑުވާލާ ސަމާލުކަން ގެއްލުވާލުމަށެވެ. ލޯން ސްކީމާއި ސްކޮލަރޝިޕް ފައިސާގެ މައްސަލަ ހައްލުކުރުމަކީ މުއިއްޒުގެ ނިޔަތެއް ނޫނެވެ. ވަރަށް ސާފުކޮށް މުއިއްޒު އެބުނަނީ ބޭރުގައި ކިޔަވާކުދިންނަށް ފައިސާ ދައްކަންޏާ ކާޑާއި ތެލަށް ފައިސާ ނުދެއްކޭނެ ކަމަށެވެ.