ކަޅުދިގު ހޮޅި ވައުދު ތޮޅިއަށް: ވާކަމެއް ހަރާން!
ހުޅުމާލޭ ހަލިމަގުން ނަގަންބުނި ސޯލަރ ހަރުތައް ނެގުންވެސް ދިޔައީ ތޮޅިއަށް
ރައީސް މުއިއްޒުގެ ހުވަފެނީ ދުނިޔޭން ރައްޔިތުންނަށް ހާސިލުވާ ހަމަ އެކައްޗެއް ނެތެވެ. ވެރިކަން ހޯދާށާއި މަޖިލިސް ހޯދަން މުއިއްޒު ދެއްކި ކުލަނުޖެހޭނެ ހުވަފެންތަކުގެ ލިސްޓް ވަރަށް ދިގުވެފައި ބޮޑެވެ. މުއިއްޒުގެ ކޮންމެ ހިޔާލީ ފޮލައެއް ކެއްކުމަށް ބިލިޔަނުން ހަރަދު ނުވާނެ އެންމެ ހުވަފެނެއްވެސް މުއިއްޒު ނުދައްކައެވެ.
ރަސްމާލެ ބިނާކުރަން ދެއްކިހާ ވާހަކަޔާއި ކަންކުރި ގޮތް އެ އޮތީ ފެންނާށެވެ. މަސައްކަތް ނުހުއްޓޭކަމަށް ދައްކަން ވެސް ހެދީ ރޯމަރު ބޮޑު ދޮގެކެވެ. ރަސްމާލެ ތަރައްގީ ކުރަނީ ދުނިޔޭގެ އެންމެ ބޮޑު އެކޯސިޓީގެ ގޮތުގައި ކަމަށް ބުންޏެވެ. ތިމާވެއްޓާ ރައްޓެހި ކާބަން ފްރީ އެކޯސިޓީއަކަށް ރަސްމާލެ ހެދުމަށް ބޭނުންވާ އެކްސްޕަރޓީސް ހޯދަނީ ކަމަށް ބުނެ ދޮގު ހެދިއެވެ. މަތީފެންވަރުގެ އެކްސްޕާރޓުންގެ ލަފާގެ މަތިން ރަސްމާލެ އެކޯސިޓީ ބިނާކުރުމުގެ ކަންތައް ހުއްޓުމެއްނެތި ކުރިއަށް ދާކަމަށް ބުނަމުން ދިޔައެވެ. އެހެންނަމަވެސް ކުއްލިޔަކަށް ފެނުނީ ބިމުން ކާވަތެއް ވަރުވެސް ނުހިކިގެން އުޅެނިކޮށް ހިއްކުމުގެ މަސައްކަތް ހަވާލުކޮށްގެން އުޅުނު ރާޖޫއަށް އެތައް ހެކްޓަރެއްގެ ބިން ހުޅުމާލޭން ދިނުމަށްފަހު ރަސްމާލެ ހިއްކުމުގެ އެގްރިމަންޓް ބާތިލު ކުރިތަނެވެ.
ރަސްމާލެ އޮތް ހާލަތުގައި އޮތްއިރު މަލްޓި ބިލިޔަން ޑޮލަރގެ އަންޑަރވޯޓަރ ޓަނަލްގެ ވާހަކައިގެ ފޭކްކަން މީހަކު ބުނެދޭ ވަރެއް ނުވެސް ވާނެއެވެ. ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތިނުދިނުމަށާއި އެތަންތަން ބުރިޖަކުން ގުޅުވާ ނުލުމުގެ ބަހަނާއަކަށް ދެއްކި އަންޑަރވޯޓަރ ޓަނަލްގެ ހުވަފެނަކީ ބޮއްކުރައެއްގައި ހަނދަށް ދިޔުމަށް ވެއްޖެއެވެ.
އައްޑޫ ސިޓީގެ މައި ރަށްތަކާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ވާހަކައަކީވެސް އިންތިހާބު ކާމިޔާބު ކުރުމަށް އައްޑޫ މީހުން އެރުވި ޅޮސް އުނދޯއްޔެކެވެ. މަސައްކަތުގެ އަލިފުބާވެސް ނާޅާ ފަންޑު ހޯދުމުގެ ބަހަނާ ދައްކައިގެން އަދިވެސް އައްޑޫ މީހުންނަށް ހޮޅިހޮއްލަނީއެވެ.
12 ފަޅުރަށް ބަޔަކަށް ދީގެން ތިނަދޫ ފަޅުގައި އަޅަން އެމްއޯޔޫ އެއްގައި ސޮއިކުރި އެއަރޕޯޓް އެޅޭ ކަމުގެ ކުލަަވެސް ނެތެވެ. ފްލޯޓިންގ ޓާމިނަލާއިއެކު އަޅާނެ ކަމަށް ބުނެ ދެއްކި ކުލަ ވީޑިއޯ ދައްކައިގެން ތިނަދޫ ރައްޔިތުން ވައުވައްދާ ވޯޓް ހޯދުވައިގެން މަޖިލީހަށް މެންބަރުން ވެއްދިގޮތަށް ފްލޯޓިން ޓާމިނަލާއެކު އެއަރޕޯޓް ތިނަދޫ ފަޅުތެރެއަށް ގެނބި ގެއްލި ހުސްވީއެވެ.
ގުއިފުނަދޫގައި އަޅާ ސްޕަރމޯލާއި މާލެއާއި ފުނަދުއާއި ހުޅުލެ ގުޅާލާ މިނީރޭލް ވިއުގަ ވެގެން ދިޔައީ މާލެ ސަރަހައްދުން މަޖިލީހަށް ނެރުނު މެންބަރުން ހޮވަން އެރުވި ސައިބޯނި ބޮތްކަކަށެވެ. ސީޕްލޭން ޓަރމިނަލް ބަދަލުކުރުމާއި ހުޅުމާލޭ ހަލިމަގުން ނަގަންބުނި ސޯލަރ ހަރުތައް ނެގުންވެސް ދިޔައީ ތޮޅިއަށެވެ. މާލޭ ކައިރީގައި ފައްކާކުރާ ސޯލަރ އައިލެންޑް އަވީ ކޮންތާކު ކަމެއްވެސް ނޭގެއެވެ.
ޔޫއޭއީ އާއި ބޭންކޮކް އާސަންދާއާއި ނުފެށުނުތާ އެއަރ އެމްބިއުލާންސް ދިޔައީ ހަވަޔަށް އަރައިގެންނެވެ. ދިއްދޫ އެއަރޕޯޓާއި މަކުނުދޫ އެއަރޕޯޓާއި ތުޅާދޫ އެއަޕޯޓާއި ނިލަންދޫ އެއަރޕޯޓާއި ވިލިނގިލި އެއަރޕޯޓް ވީހިސާބެއް ނޭގެއެވެ.
ބިޔަ މެގަ ޕްރޮޖެކްޓް އިއުލާނުކޮށްފައި މައްޗަށް ނުދާނެ ކަމަށް ބުނި ޑޯލަރުގެ އަގު މަތިވެގެން އުޑާ ވާހަކަ ގޮވާތީ ސަލާމުގެ ނާށިގަނޑު ދޫނުވެގެން އުޅެއުޅެ ހުއްޓާ ނޭފަތުކުރީ ފެންޖެހެނީއެވެ. ވީހާ ކަޅުދިގު ހޮޅި ވައުދުތައް ތޮޅިއަށް ދަނީއެވެ.