މަގާމާ ބާރު ހޯދަން އިސްމުފުޅު ވިއްކާ ދިވެހީން.

ދީނުގެ ނަމުގައި އިއްޔެ ދެއްކި ވާހަކައާ ދިމާ އިދިކޮޅަށް މިއަދު ކަން ކުރުން

މަގާމާ ބާރު ހޯދަން އިސްމުފުޅު ވިއްކާ ދިވެހީން.

ޕީޕީއެމް - ޕީއެންސީ މީހުން ވެރިކަމުގެ ދަހިވެތި ކަމުގައި އައްލާހު ސުބްހާނަހޫ ވަތައާލާގެ އިސްމުފުޅުތައް ބޭނުންކުރާ ގޮތް ފެނި ބިރުގަނެއެވެ. މިކަމުގައި އެމީހުންތެރޭ ދީނީ ޢިލްމުވެރިން ކަމުގައި ނަންވެގެން އުޅޭ ބައެއް މީހުންނެކޭ، އޭގެ ތެރޭގައި ހުރި އެންމެ ރޯނާ ގަބިޔާ މީހެކޭ ތަފާތެއް ނުފެނެއެވެ.

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކުރި ހުކުމް އައި ދުވަހު، އުފަލުންކަން ދައްކަން ބައްދަ ބައްދާފައި ރޮއެ ހޭރުނީ މުޅި ތަން އަޑުބައްދާފައި އައްލާހު އަކްބަރު ގޮވަމުންނެވެ. އޭގެ އެންމެ ކުރީގައި ހުންނެވީ މެދުއިރުމަތީގެ އޯނަރު ކަމަށް ރައީސް މުއިއްޒަށް ދަޅަދައްކައިގެން ވަޒީރުކަން ހޯދާ ވެރިކަމުގެ އެދުން ރައީސް މުއިއްޒު ފަދައިން އަޑީގައި ފޮރުވައިގެން އުޅުއްވާ އިލްމުވެރިޔާ ޑރ. ޝަހީމެވެ.

ވަޒީރު ކަމުގެ ހުވާ ކުރެއްވި ފަހުން މީޑިއާގައި ޝަހީމް ހެއްދެވި ސުރުހީތައް ބަލާލިޔަސް ހީވާނީ ރައީސް މުއިއްޒަށްވުރެ ރައީސްކަން ބޮޑީ ޑރ. ޝަހީމް ހެންނެވެ. އެއީ މުއިއްޒަށްވުރެ ޝަހީމް ވެރިކަމަށް މާ ގާބިލްކަން ދައްކަން ގަސްތުގައި ކުރާކަންކަމޭ ހީވެއެވެ.

ކޮންމެ އަކަސް މިބައިމީހުން، ދެނޭވާ ދޭތެރޭން އިންޝާއައްލާހު ،  މާޝާއައްލާހު އޭ ބުނަނީ ހިތުގެ އަޑިންނޭ ރައްޔިތުންނަށް ހީކުރުވައެވެ. ޝޯޝަލް މީޑިއާ ޕްރޮފައިލް ތަކުގައި ޝަހާދަތުގެ ދެކަލިމަ އާއި ކައުބާގެ ފޮޓޯލައިގެން ޕޯސްޓްތައް ލިޔެއެވެ. ދުވަހަކު ނަމާދެއް ނުކުރިޔަސް ރޯދައެއް ނުހިފިޔަސް ސޯޝަލް މީޑިއާގައި ކޮށްލާފައި ހުންނަ ދީނީ ޕޯސްޓްތަކުން ބައެއް މީހުންގެ ދީންވެރިކަމާ ތަވާލުއުވެރިކަމުން ފިއްކަޑައިގެން ދާވަރު ވޭނޫން ހެއްޔެވެ.

އައްލާހު އަކްބަރު ގޮވާފައި ރުއި މީހުން ރައީސް ޔާމީނުގެ ފޮޓޯ ދައްކައިގެން ވެރިކަމަށް އައިގޮތަށް ރައީސް ޔާމީނަށް ދިން ދެރައާއެކު ، ހަމަ އެމީހުން އެކަމަށް ތާއީދުކޮށް ދައްކާ ވާހަކައާއި ކުރާ ޕޯސްޓްތަކުގައި މިހާރު އެއްޗެއް ބުނަނީ ވެސް ހަމަ އަލްޙަމްދުލިއްލާހި ،  އިންޝާ އައްލާހު ، މާޝާ އައްލާހު އަދި  އައްލާހު އަކްބަރު ކިޔަމުންނެވެ.

އިއްޔެ ދެއްކި ވާހަކައާ ދިމާ އިދިކޮޅަށް މިއަދު ކަން ކުރަނީ ހަމަ އެ މަތިވެރި އިސްމުފުޅުތައް ބޭނުން ކޮށްގެން ދީނާ ގައުމަށްޓަކާ ކަމުގައިހެދިގެން ތިބެއެވެ. ބިރެއް ޖެހިލުމެއް ނެތެވެ. މިމީހުން މިކަން ކުރަނީ ތެދުވެރިކަމާ ހެޔޮ ނިޔަތުގައި ކަމަށް ރައްޔިތުންގެ ބަޔަކަށް ހީވެގެން ވޯޓު ހޯދައިގެން ވެރިކަން ހޯދުމަކީ އަބަދުވެސް ހަދާ ހީލަތެވެ. 

ރައްޔިތުންނަށް އޮޅުވާލެވި ދާނެއެވެ. އެކަމު ތިމާމެން މިކަން މިކުރަނީ ތެދުވެރި ކަމާއެކު ނޫންކަން އައްލާހު ސުބްނަހޫ ވަތަޢާލާ ދެނެވޮޑިގަންނަވާނެކަން އެނގޭ ހާލު ބިރު ނުގަނެ ތިބެ އަމިއްލަ އެދުމުގައި އެވިއްކަނީ އެކަލާނގެ މަތިވެރި އިސްމުފުޅު ތަކެވެ.

ރައީސް ޔާމީން މިނިވަން ކުރަން  އައްލާހު އަކްބަރެވެ. އަނެއް ދުވަހު އެމަނިކުފާނު ނިކަމެތި ކުރަން ވީމާ ވެސް ހަމަ އެ ދޫތަކުން ދީނާ ގައުމަށްޓަކާ، އައްލާހު އަކްބަރު ،  އިންޝާއައްލާހު ، މާޝާއައްލާހު ގޮވަމުން އެތިބަ ދުވަނީއެވެ.

ތިމާމެން ރުހޭ މެޑަމް ބަނޑު ޖަނގިޔާ ތުރުކުރައްވާ ގަޔަށްބާރު ހެދުން ގަދަކަމުން އަރުވައިގެން ނޭވާ ނުލާ ހުރެ ފިރިހެނުންނާ ސަލާން ކުރަމުން މަސްކާރާ ހޭކި ހޭކިންނުން ދެލޯ ކަރާވަރުން ލޯހުޅުވަން އުނދަގޫ ވެފައި ހުއްޓަސް އޯކޭއެވެ.

މަގާމާއި ވަޒީފާއާއި އިއްޒަތާއި ޖާހު ހޯދަން ދޮގާ މަކަރާ ފިތުނަ ހެދުމަކީ އިންސާނުން ކޮށްފާނެ ކަމެކެވެ. ބިރުގަންނަނީ އެހުރިހާ ނުބަައި ކަމެއް އެނގި ތިބެ އެކަން ކުރުމަށް ބިރެއްނެތި އެކި ގޮތްގޮތަށް ހައްދަވާ ގެންގުޅުއްވާ މަތިވެރިވެ ވޮޑިގެންވާ އިލާހުގެ އިސްމުފުޅާ އެކަލާނގެ ދީން ބޭނުން ކުރާތީއެވެ.

މި މީހުންގެ މިސާލަކީ ފަރުމަސް ކާހިތްވާ ދުވަހު އެ މަސް ކާން ފަށަމުން ބިސްމި ކިޔާ ގޮތަށް، އޫރުމަސް ކާހިތްވާ ދުވަހު އޭތިކާން ފަށަމުން ވެސް ބިސްމި ކިއުމެވެ. ހުންނަ ނުބައިކަން ދެކިބަލާށެވެ. މިހާ އަވަހަށް މިބައިމީހުން ބައިބައި ކުރައްވާ ބޭޒާރު ކުރެއްވުމަކީ ވެސް ވިސްނައިފި ބަޔަކަށް ކުޑަކަމެއް ނޫނެވެ.