ޓަވަރ އޮފް ލަންޑަން : ދުނިޔޭގެ އެންމެ ބިރުވެރި ގަނޑުވަރު

ތޭމްސް ކޯރުގެ އައްސޭރީގައި ބިނާކޮށްފައިވާ ތާރީހީ ގަނޑުވަރެއް

ޓަވަރ އޮފް ލަންޑަން : ދުނިޔޭގެ އެންމެ ބިރުވެރި ގަނޑުވަރު
ޓަވަރ އޮފް ލަންޑަން:

ލަންޑަން ޓަވަރަކީ އެ ސިޓީގެ މެދުތެރޭގައި، ތޭމްސް ކޯރުގެ އައްސޭރީގައި ބިނާކޮށްފައިވާ ތާރީހީ ގަނޑުވަރެކެވެ. މިއީ މީލާދީން 1066 ވަނަ އަހަރު ނޯމަން ފަތަހައިގެ ދުވަސްވަރު ބިނާކުރި ތަނެކެވެ. ނުބައި ރޭވުންތަކާއި ބިރުވެރިކަމުން ފުރިފައިވާ މާޒީއެއް އޮތް އެހެން ތަންތަނެކޭ އެއްފަދައިން، މި ތަނަކީވެސް އަދިވެސް ފުރޭތަ އުޅޭ ނުވަތަ ރޫހާނީ ކަންތައްތަކެއް ހިނގާ ތަނެއް ކަމަށް ބުނެވެއެވެ. މިތަނުން ފެންނަ ކަމަށް ބުނާ ގިނަ ރޫހުތަކަކީ ނުހައްގުން މަރާފައިވާ ބައެއްގެ ރޫހުތަކެވެ. މީގެ ތެރޭގައި ބޮޑު ސާރިދޯޅު ފަދަ ޖަނަވާރުތަކާއި މަރުވި މީހުން ފެނުން ވެސް ހިމެނެއެވެ.

ލަންޑަނަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް މި ތާރީހީ ބިނާ ބަލާލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ތިރީގައި މިވަނީ އެ ތަނުން އެންމެ ގިނައިން ފެންނަ ކަމަށް ބުނާ ތޭރަ ރޫހެއްގެ ވާހަކައެވެ.

އޭން ބޮލީން

ހެންރީ 8 ވަނަ ރަސްގެފާނުގެ ދެވަނަ އަނބިކަނބަލުން އަދި އެ ރަސްގެފާނު އެންމެ ފުރަތަމަ މަރުގެ އަދަބު ދެއްވި އަނބިކަނބަލުންނަކީ މި ޓަވަރުން ފެންނަ ކަމަށް ބުނާ އެންމެ މަޝްހޫރު ރޫހެވެ. އެކަމަނާ މަރުގެ އަދަބު ދިން "ޓަވަރ ގްރީން" އާއި، ފަސްދާނުލެވުނު "ސެއިންޓް ޕީޓަރ އެޑް ވިންކިއުލާ" އާއި، އަދި އެ ތަނުގެ އެކި ކޮރިޑޯތަކުން ބޯ ނެތް ހަށިގަނޑެއްގެ ސިފައިގައި އެކަމަނާ އުޅުއްވާތަން ފެންނަ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ހެންރީ 6 ވަނަ

މި ރަސްގެފާނު އަވަހާރަވީ ވެރިކަމުގެ ހަނގުރާމައެއްގެ ތެރޭގައެވެ. އޭނާއަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ތަހުތު ލިބެން އޮތް ނަމަވެސް، ހަނގުރާމައިގެ ތެރޭގައި އޭނާ ހައްޔަރުކުރެވުނެވެ. 1471 ވަނަ އަހަރު ވޭކްފީލްޑް ޓަވަރުގައި އަޅުކަންކުރަން ހުންނަވަނިކޮށް އޭނާ އަވަހާރަކޮށްލެވުނެވެ. މިއަދުވެސް މެންދަމު ބާރަ ޖަހާއިރު އެ ތަނުން އޭނާގެ ރޫހު ފެންނަ ކަމަށް ބުނެވެއެވެ.

ލޭޑީ ޖޭން ގްރޭ

ކެތަލިކް މޭރީގެ ބަދަލުގައި ޕްރޮޓެސްޓަންޓް ރަސްކަލެއްގެ ގޮތުގައި އިސްކުރެވުނު މިކަމަނާއަށް ރަސްކަން ކުރެއްވުނީ އެންމެ ނުވަ ދުވަހުއެވެ. އޭގެ ފަހުން މޭރީ ޓިއުޑަރ އެކަމަނާ އަށާއި ފިރިކަލުންނަށް މަރުގެ އަދަބު ދެއްވިއެވެ. މި ޓަވަރުގެ ފާރުތަކުގެ މަތިން އެކަނިވެރިކަމާއެކު ހިނގާފައިދާ ސޫރައެއްގެ ގޮތުގައި މިކަމަނާ ފެންނަ ކަމަށްވެއެވެ.

ލޯޑް ގިލްޑްފޯޑް ޑަޑްލީ

ލޭޑީ ޖޭން ގްރޭގެ ފިރިކަލުން ލޯޑް ޑަޑްލީގެ ރޫހު ފެންނަނީ ބޯޗޭމްޕް ޓަވަރުގެ ގޮޅިއެއްގެ ތެރޭގައި އިނދެގެން ރޭގަނޑު ދަންވަރު ރޮނިކޮށެވެ. އެ ތަނުގެ ފާރުގައި ކަނޑާނެގިފައިވާ "Jane" މި ލަފުޒަކީ އޭނާ ކުރެއްވި ކަމެއް ކަމަށް ބެލެވެއެވެ.

މާގްރެޓް ޕޯލް (ކައުންޓެސް އޮފް ސެލިސްބަރީ)

މިއީ ތާރީހުގައި ހިނގާފައިވާ އެންމެ ބިރުވެރި އަދި އަނިޔާވެރި މަރުގެ އަދަބު ލިބުނު އެކަކެވެ. މަރުގެ އަދަބު ދޭ ތަނަށް ގެންދިއުމުން ކަކޫޖަހަން އިންކާރުކޮށް އޭނާ ފިލަން ދުވުމުން، މަރުގެ އަދަބު ދޭ މީހާ އޭނާގެ ފަހަތުން ދުވެ، ކޮށާލައިގެން މަރާލީއެވެ. މިހާރުވެސް "ޓަވަރ ގްރީން" އިން އޭނާ ހަޅޭއްލަވާ އަޑު އިވޭ ކަމަށް ބައެއް މީހުން ބުނެއެވެ.

ވައިޓް ލޭޑީ

މިއީ ކާކުކަން ސީދާ ނޭނގުނު ނަމަވެސް، މި ރޫހު އުޅެނީ ވައިޓް ޓަވަރުގައެވެ. މި ރޫހު ކައިރިވުމުން ވަރަށް ގަދަ ސެންޓު ވަހެއް ދުވާ ކަމަށާއި، ބައެއް ފަހަރު މީހުންގެ ކޮނޑުގައި އަތްލާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ޒިޔާރަތްކުރާ މީހުން ބުނެއެވެ.

ޕްރިންސް އެޑްވަރޑް 5 ވަނަ އާއި ޕްރިންސް ރިޗަޑް

މި ދެ ކުޑަކުދިންނަކީ އެކުދިންގެ ބޮޑުބޭބެ ރިޗަޑް 3 ވަނަގެ އަމުރަށް ޓަވަރުގައި ހައްޔަރުކޮށް މަރާލެވުނު ދެބެންނެވެ. 1674 ވަނަ އަހަރު ސިޑިއެއްގެ ދަށުން ދެ ކުޑަކުދިންގެ ކަށި ފެނުމުން، އެއީ މި ދެ ޕްރިންސުން ކަމަށް ބަލައި ޝަރަފުވެރިކަމާއެކު ވަޅުލެވުނެވެ. ނިދާ ހެދުމުގައި އަތުގައި ހިފައިގެން ތިބޭ ދެބެންގެ ސޫރަ ވައިޓް ޓަވަރުން ފެންނަ ކަމަށްވެއެވެ.

ސަރ ވޯލްޓަރ ރޭލީ

މަޝްހޫރު ސަރ ވޯލްޓަރ ރޭލީ މި ޓަވަރުގައި ދެ ފަހަރެއްގެ މަތިން ހައްޔަރުކުރެވުނެވެ. މަރުގެ އަދަބު ދިނުމަށްފަހު، އޭނާ ހައްޔަރުކޮށްފައި ހުރި "ބްލަޑީ ޓަވަރު" ސަރަހައްދުން އޭނާގެ ރޫހު ފެންނަ ކަމަށް ބުނެވެއެވެ.

ގްރޭ ލޭޑީ

މިއީ ކާކުކަން ސާފު ނުވި ނަމަވެސް، މި ރޫހު އުޅެނީ "ކުއީންސް ހައުސް" ގައެވެ. ބުނެވޭ ގޮތުގައި މި ރޫހު ފެންނަނީ ހަމައެކަނި އަންހެން ޒިޔާރަތްތެރިންނަށެވެ.

އަރބެލާ ސްޓުއަރޓް

ޖޭމްސް 1 ވަނަ ރަސްގެފާނުގެ ހުއްދަނެތި ކައިވެނި ކުރުމުން، ތަހުތަށް ނުރައްކަލެއް ކަމަށް ބަލައި މިކަމަނާ ޓަވަރުގައި ހައްޔަރުކުރެވުނެވެ. 1615 ވަނަ އަހަރު އެކަމަނާ އެތަނުގައި އަވަހާރަވީ ކާނާ ނުކައިގެން ނުވަތަ އަވަހާރަކޮށްލުމުން ކަމަށް ބުނާ ހިޔާލުތަފާތުވުންތަކެއް ހުރެއެވެ. އެކަމަނާގެ ރޫހު އުޅެނީ ކުއީންސް ހައުސްގައެވެ.

ގައި ފޯކްސް

ވައިޓް ޓަވަރުގެ ކައުންސިލް ޗެމްބަރުން ގައި ފޯކްސް ހަޅޭއްލަވާ އަޑާއި ރުއިމުގެ އަޑު އިވޭ ކަމަށް ބުނެވެއެވެ. މިއީ އޭނާ މަރާލުމުގެ ކުރިން އަނިޔާކުރި ތަނެވެ.

ބިރުވެރި ބާރުތަކާއި ޖަނަވާރުގެ ރޫހު

އެކި އަހަރުތަކުގައި ރާމާމަކުނާއި، ސިންގާއާއި، އަސް ފަދަ ޖަނަވާރުގެ އަޑުތައް އިވޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ސީދާ ފެނިފައިވަނީ އެންމެ ޖަނަވާރެކެވެ. އެއީ ބޮޑު ސާރިދޯޅެކެވެ އެއްފަހަރަކު ފޯރިއަށް ހުރި ސިފައިންގެ މީހަކަށް މި ސާރިދޯޅު ފެނިގެން އޭނާގެ ބަޑީގެ ކޮޅުގައި އިންނަ ވަޅިން ހަމަލާދިނުމުން، އެ ވަޅި ދިޔައީ ސާރިދޯޅުގެ ހަށިގަނޑުގެ ތެރެއިންނެވެ. އެ ސިފައިންގެ މީހާ ބިރުން ހޭނެތިގެން ވެއްޓި، ދެ ދުވަސް ފަހުން މަރުވިއެވެ.

ލަންޑަން ޓަވަރު ބިނާކުރެވުނުއިރު އެއީ އަނިޔާވެރިކަމުގެ ނިޝާނެއް ކަމުގައި ބެލެވުނެވެ. 1100 އިން 1952 އާ ހަމައަށް އެތަން ޖަލެއްގެ ގޮތުގައި ބޭނުންކުރެވުނެވެ. ނަމަވެސް އެންމެ ކުރީކޮޅު އެއީ ރަސްކަމުގެ ގަނޑުވަރެކެވެ. މި ތަނުގެ ތާރީހާއި، ހިތާމަވެރި ވާހަކަތަކާއި، އަދި ފަހަރެއްގައި މި ބުނާ ރޫހުތަކުގެ ހިލަމެއް ވޭތޯ ބަލާލުމަށް މިހާރުވެސް ގިނަ ބަޔަކު އެ ތަނަށް ޒިޔާރަތްކުރެއެވެ.