ލަވަކިޔުންތެރިޔާ ޑީ4ވީޑީ ޖިންސީގުޅުން ހިންގަން ގެންޅުނު ކުޑަކުއްޖާ ކަތިލައިފި

ޑޭވިޑް ބާކް (21 އަހަރު)، ހައްޔަރުކުރީ ސެލެސްޓް ރިވާސް ހެނާންޑޭޒްގެ މަރުގެ މައްސަލައިގައި

ލަވަކިޔުންތެރިޔާ ޑީ4ވީޑީ ޖިންސީގުޅުން ހިންގަން ގެންޅުނު ކުޑަކުއްޖާ ކަތިލައިފި

ލޮސް އެންޖެލިސް ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ ނޭތަން ހޮޗްމަން ހޯމަ ދުވަހު އިއުލާނު ކުރެއްވި ގޮތުގައި، މަޝްހޫރު ލަވަކިޔުންތެރިޔާ "ޑީ4ވީޑީ" ގެ މައްޗަށް ފުރަތަމަ ދަރަޖައިގެ ގަތުލުގެ ދައުވާ އުފުލައިފިއެވެ. މި ދަޢުވާ އުފުލާފައިވަނީ މިދިޔަ އަހަރު އޭނާގެ ޓެސްލާ ކާރުގެ ތެރެއިން ފެނުނު 14 އަހަރުގެ އަންހެން ކުއްޖެއްގެ ކޮށާލާފައިވާ ހަށިގަނޑާ ގުޅިގެންނެވެ.

ލޮސް އެންޖެލިސްގައި ދިރިއުޅޭ، އަސްލު ނަމުން ނަމަ ޑޭވިޑް ބާކް (21 އަހަރު)، ހައްޔަރުކުރީ ސެލެސްޓް ރިވާސް ހެނާންޑޭޒްގެ މަރުގެ މައްސަލައިގައި މަސްތަކެއް ވަންދެން ހިންގި ތަހުގީގަށްފަހު މިދިޔަ ހަފުތާގައެވެ.

ހޮޗްމަން ވިދާޅުވި ގޮތުގައި، ޑޭވިޑްގެ މައްޗަށް ގިނަ ދަޢުވާތަކެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި އެ އަންހެން ކުއްޖާގެ އުމުރުން 14 އަހަރު ނުފުރެނީސް އޭނާއާއެކު ތަކުރާރުކޮށް ޖިންސީ ގުޅުން ހިންގުމާއި، އޭނާގެ މިއުޒިކީ ކެރިއަރަށް ލިބޭ ބޮޑު އާމްދަނީއަށް އުނިކަމެއް އަތުވެދާނެތީ، ސެލެސްޓް އެ ވާހަކަ ހާމަކޮށްފާނެ ކަމުގެ ބިރަށްޓަކައި މާލީ މަންފާއަށްޓަކައި އޭނާ މަރާލުން ހިމެނެއެވެ. މީގެ އިތުރުން އިންސާނެއްގެ ގަބުރަށް އިހާނެތިކޮށް ހިތުމުގެ ދަޢުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

" ދައުވާތައް ޝައްކެއް ނެތް މިންވަރަށް ކޯޓުގައި ސާބިތުކޮށްދިނުމަށްޓަކައި ފިޒިކަލް، ފޮރެންސިކް އަދި ޑިޖިޓަލް ހެކި އެބަހުރި،" ކަމަށް ހޮޗްމަން ވިދާޅުވިއެވެ.

ހޯމަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ޑޭވިޑްގެ ފަރާތުން ވަނީ ކުށަށް އިންކާރުކޮށްފައެވެ. އޭނާ މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫނުކުރެވޭ ގޮތަށް ބަންދުގައެވެ.

ރިވާސައިޑް ކައުންޓީން ފިލައިގެން އުޅުނު ކަމަށް ރިޕޯޓްކޮށްފައިވާ ސެލެސްޓް އެންމެ ފަހުން ދިރިހުއްޓާ ފެނިފައިވަނީ 23 އެޕްރީލް 2025 ގައެވެ. އެއީ އޭނާ ހޮލީވުޑް ހިލްސްގައި ހުންނަ ޑޭވިޑްގެ ގެއަށް ދިޔަ ވަގުތެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ.

އޭނާގެ ހަށިގަނޑު ފެނިފައިވަނީ 8 ސެޕްޓެމްބަރު 2025 ގައެވެ. ފުލުހުންނަށް އޭނާގެ ހަށިގަނޑު ފެނުނީ ހޮލީވުޑްގެ މަގަކަށް ދޫކޮށްލާފައި އޮތުމުން ޓޯޔާޑަށް ގެންދިޔަ ޑޭވިޑްގެ ޓެސްލާ ކާރުގެ ފަހަތު ޑިކީންނެވެ. ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި، އޭނާގެ ބޯ އަދި ހަށިގަނޑުގެ މައިބައި އޮތީ އެއް ކޮތަޅުގައެވެ. އަތާއި ފައި އޮތީ އެހެން ކޮތަޅެއްގައެވެ.

ފުލުހުން ބުނާ ގޮތުގައި، ކާރުން ނުބައި ވަސް ދުވާތީ ބެލި ބެލުމުން ހަށިގަނޑު ފެނުނުއިރު، އެ ކުއްޖާ މަރުވިތާ ހަފުތާތަކެއް ވެދާނެއެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭނާގެ 15 ވަނަ އުފަންދުވަހުގެ އެއްދުވަސް ފަހުންނެވެ.

ތަހުގީގުން ހާމަވި ގޮތުގައި، ސެލެސްޓް ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓާ ބޮޑުމީހެއް ކަމަށްވާ ޑޭވިޑާއެކު ޖިންސީ ގުޅުން ހިންގާފައިވެއެވެ. މި މައްސަލައިގައި ޑޭވިޑަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ އަދަބު އައުން އެކަށީގެންވެއެވެ. މަރުގެ އަދަބު ދިނުމަށް އެދޭނެތޯ ޕްރޮސެކިއުޓަރުން ފަހުން ނިންމާނެއެވެ.

ޑޭވިޑްގެ ވަކީލުންނާއި އޭނާގެ މައިންބަފައިން ބުނަނީ އޭނާއަކީ ކުށެއް ނެތް މީހެއް ކަމަށެވެ. ނަމަވެސް، "ރޮމޭންޓިކް ހޯމިސައިޑް" ފަދަ ލަވަތަކުން މަޝްހޫރުވި، ޓިކްޓޮކްގައި 4 މިލިއަނާ ގާތްކުރާ އަދަދަކަށް ފޮލޯވަރުން ތިބި ޒުވާން ލަވަކިޔުންތެރިޔާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތުހުމަތުތަކާއެކު، އޭނާގެ "ވިދަރޑް" ވޯލްޑް ޓުއާގެ ޝޯތައް މިހާރު ވަނީ ކެންސަލްކޮށްފައެވެ.