އާބަން ސެންޓަރ ދިރާސާ ކުރާނަމުގާ ޖީބު ފުރަނީ!
މާލޭ މީހުނަށް ބޭނުމީ އަވަހަށް ބޯހިޔާވަހިކަން ލިބުން
އާބަން ސަރަހައްދު ތަކެއް ހެދުމަށް ދިރަސާ ކުރުމަށް ވުރެ ކުރަން މާ މުހިންމު ކަންތައް އެބަހުއްޓެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ފަށާފައިވާ އަސާސީ ހިދުމަތއް ގާއިމު ކުރުން މިހާރުން މިހާރަށް މާ މުހިންމެވެ. މާލޭގައި ދިރިއުޅޭ މީހުނަށް ގޯތިދޭން ނިންމާފައިވާ ހުޅުމާލޭ ފޭސް ތިނަކާއި ގުޅީފަޅާއި ގިރާވަރުފަޅާ އުތުރުތިލަފަޅު އަވަހަށް ނިންމާ އެތަންތާ މީހުންނަށް ދިރިއުޅެވޭނެ ގޮތް ހަދާދިނުން މާ މުހިންމެވެ. އެހެން ކަންކަމަށް މިވަގުތު ދައުލަތުން ފައިސާ ހޭދަ ކުރުމަށްވުރެ ރައްޔިތުންނަށް ފައިދާ ބޮޑުވާނީ އެގޮތެވެ. ސިޔާސީ ގޮތުން ސަރުކާރަށް ވެސް އެންމެ ފައިދާ ބޮޑުވާނީ އެގޮތެވެ.
މުއިއްޒު ސަރުކަރުން ބައެއްގެ ޖީބަށް ފައިސާ އޮހޭނެ އަނެއް ކަމެއް ފެށީއެވެ. ރާއްޖޭގެ އެކި ހިސާބުގައި އާބަން ސެންޓަރުތަކެއް ހެދުމަށް ދިރާސާ ކުރާނަމުގައެވެ. އާބަން އޭރިއާތައް ތަރައްގީ ކުރުމަކީ ރަނގަޅު ކަމެކެވެ. ކުރަންޖެހޭވެސް ކަމެކެވެ. އެހެން ނަމަވެސް މިއްޔަކީ އެވަގުތެއް ނޫނެވެ. އެކަމަށް ވުރެކުރިން ކުރަންޖެހޭ މާ މުހިންމު ކަންކަން ހުއްޓާ އެކަންކަން ނުކޮށް އާބަންސެންޓަރު ހަދަ ވާހަކަ ދައްކަނީ ދައުލަތުގެ ފައިސާ ކައްވާށެވެ. ދައުލަތުން އިސްރާފް ކުރާށެވެ.
ދުރު މުސްތަގުބަލަށް އާބަން އޭރިއާތައް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރީން ފަށާފައިވާ އަސާސީ މަސައްކަތްތައް ނިންމާލުމުން ވާރަނގަޅު މާ ބޮޑުވާނެއެވެ. ބައިމަދު ތަންތާ މީހުން ދިރިއުޅުވުމުގެ ވިސްނުން ނެތަސް އެތަންތާ މީހުން ދިރިއުޅޭހާ ދުވަހަކު އެމީހުނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިފައި އޮންނަން ޖެހެއެވެ. އެހެން ނޫނަސް ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ފަށާފައި ހުންނަ މަސައްކަތް ހުއްޓާލާ ނުކޮށް ދޫކޮށް ލުމަކީ ދައުލަތަށް ދެވޭ ބޮޑު ގެއްލުމެކެވެ. ފަށާފައި ހުރިކަމެއް ލަސްކޮށް ފަސްކުރުމަކީވެސް އިންތިހާ ދަރަޖައަށް ގެއްލުން ހުރި ކަމެކެވެ. ވެވޭ ހިޔާނާތެކެވެ. ވެރިކަން ބަދަލުވުމަކީ އެއްވެރިކަމުން އަނެއްވެރިކަމަށް ވާރުތަކުރާ ކަންކަން ނުކޮށް ދޫކޮށްލުމަށް އޮތް ހުއްޖަތެއް ނޫނެވެ.
ކުރީގެވެރިކަމުން މިހިނގާ ވެރިކަމަށް ވާރުތަކުރި އެންމެ މުހިންމު އެއްކަމަކީ މާލޭގެ ރައްޔިތުނަށް ގޯތި ދިނުމެވެ. ކުރީގެ ވެރިކަން ނިމުނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަކި ކަމަށް ހައްލެއް ހޯދާދެމުން ދަނިކޮށެވެ. އާނއެކެވެ. މާލޭގައި ދިރިއުޅޭ މީހުނަށް އެންމެ އަވަހަށް ބޭނުމީ ފަސޭހަ ކަމާއެކު ބޯހިޔާވަހިކަން ލިބުމެވެ. އާބަން ސެންޓަރުތައް ހެދިގެން އެތަންތަނަށް ބަދަލުވުމަށް އަނެއް ވިހި ތިރީސް އަހަރު ދަތި ހާލުގައި އުމުރު ހެދަކުރާކަށް މާލޭ ގިނަ މީހުން ބޭނުމެއް ނޫނެވެ. އެއީ އެކަން ވާނެ ގޮތެއްވެސް ނޫނެވެ.
ގިރާވަޅުފަޅާއި ގުޅީފަޅާއި ހުޅުމާލެއިން ގޯތި ދީފައިވާ މީހުނަށް ބޭނުންވާ ގޯތި ކެނޑޭ ވަރަށް ހިއްކަން ބޭނުންވާ ބިމުގެ ބޮޑުބައި އޮތީ ހިއްކާ ނިމިފައެވެ. އެތަންތާ ދިރިއުޅެން ފަށައިގަތުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށާއި ގޯތިތަކަށް ބޭނުންވާ ބިމުގެ ގޮތުގައި އެއިން ކޮންމެ ތަކުން ހިއްކާން އޮތީ ކުޑަ ނިސްބަތެކެވެ.
ދީފައިވާ ގޯތިތަކުގައި ދިރިއުޅެން ފަށައިގަތުމަށް ކޮންމެހެން ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވޭ ވަރަށް ބިން ހިއްކާ ނިންމާ އެތަންތާ ހުންނަން ޖެހޭ އަސާސީ ހިދުމަތްތައް ގާއިމުކޮށް ދިރިއުޅެވޭވަރު ކޮށްދިނުން ފުރަތަމަ ކަމަކަށް ސަރުކާރުން ހަދަން ޖެހެއެވެ. މުޅިފަޅުން ހިއްކެން އޮތް ހުރިހާތަނެއް ހިއްކާ ނިންމައިގެން އެތަންތާ ދިރިއުޅެވޭ ގޮތް ހަދާ ދޭން ވެއްޖެނަމަ އެތަން ނިންމައިގެން މީން ޒަމާނަކު ބަޔަކު އެތަންތާ އާބާދެއް ނުކުރެވޭނެއެވެ.
ރައްޔިތުންނަށް ހެވެއް އެދިގެން ކަމެއް ކޮށްދިނުމުގެ ވިސްނުން ހުރިނަމަ ހިއްކަންޖެހޭ މުޅިބިން ހިއްކާ ނިމެންދެން މަޑެއް ނުކުރާނެއެވެ. ހޯދާނީ އަވަސް ކުރުމަގެވެ. މާލޭގައި ގިނަ މީހުން ދިރިއުޅެނީ ޒަމާން ތަކަކަށް އުންމީދު ބޮލަށްލައިގެން ތިބެވޭ ވަރަށް ވުރެ ދަތިހާލުގައެވެ. ބޭނުންވަނީ މާލޭގެ ބޯހިޔާވަހިކަމަށް އަވަސް ހައްލެވެ. ބޮޑެތި އާބަން ސެންޓަރުތައް އެކި ހިސާބުގައި ހަދަން އުޅުމުގެ ކުރިން ދަތިހާލުގައި އުޅޭ ރައްޔިތުންނަށް ފުރަތަމަ ގޮތް ހޯދާދޭށެވެ.
1997 ގައި ހިއްކަންފެށި ހުޅުމާލެ އަދިވެސް ހިއްކަ ނުނިމެއެވެ. ހުޅުމާލެ ހިއްކަ ނިމިގެން ބަޔަކު އާބާދުކުރަން ތިބި ނަމަ އަދިވެސް ހުޅުމާލޭގައި ބަޔަކު ނޫޅުނީހެވެ. ބައިބަޔަށް ފޭސްފޭހަށް ހިއްކާ އާބާދުކުރަމުން ދިޔަކަމުން ހުޅުމަލެއަކީ ރާއްޖޭގައި އޮތް އެންމެ އެންމެ ވަރުގަދަ އާބަން ސެންޓަރަށް ބަދަލުވަމުން ދާތަން ލޮލަށް އެބަ ފެނޭނޫން ހެއްޔެވެ.