ސުއޫދަކީ ސްޕްރީމް ކޯޓުގައިހުރި އެންމެވަރުގަދަ ގާނޫނީ ސިކުނޑި: ޑރ.ޖަމީލް
ރާއްޖޭގެ ސްޕްރީމް ކޯޓުގައި ހުސްނުއްސުއޫދު ހުންނަންޖެހޭ: ޑރ. ޖަމީލް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓިތަކަށް ލިބިދިން އިސްލާހު ގާނޫނު އަސާސީއާ ހިލާފުތޯ ބެލުމުގެ ސްޕްރީމް ކޯޓަށް ބެލޭނެކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުންވީ ސްޕްރީމްކޯޓަށް ރައީސް މުއިއްޒުގެ ސިދާ ނުފޫޒު ފޯރުވި ސަބަބަށެވެ. އެ މައްސަލަ ބަލައިގަތުމާއި މެދު ސްޕްރީމްކޯޓުގެ ހުރިހާ ފަޑިޔާރުންގެ ބެންޗުން ބޭއްވި އަޑުއެހުންތަކުގައި ބެންޗުން ގިނަގުނަ ސުވާލުތަކެއް އުފެއްދިއެވެ. ސުވާލުތައް އަމާޒުވީ މައްސަލަ ހުށަހެޅި އުސްތާޒް އަލީ ހުސައިންގެ ގާނޫނީ ޓީމަށާއި ބަންޑާރަ ނައިބުގެ ވަކީލުންގެ ޓީމަށެވެ.
އެންމެ ވަރުގަދަ އެންމެ ހޫނު ބުރަދަންހުރި ގާނޫނީ ސުވާލުތައް އުފެއްދީ ޖަސްޓިސް ހުސްނުއްސުއޫދެވެ. ހުސްނުއްސުއޫދުގެ ސުވާލުތަކަށް ބަންޑާރަނައިބުގެ ފަރާތުން ދިފާއީ ފެންހިފޭ ޖަވާބެއް ނުދެވުނެވެ. ނަތީޖާއަކަށްވީ އެމައްސަލަ ސްޕްރީމް ކޯޓަށް ނުބެލޭނެކަން ބަންޑާރަ ނައިބަށް ސާބިތުކޮށް ނުދެވުމެވެ. އެހެންކަމުން ރައީސް މުއިއްޒު ބޭނުންވެގެން ގާނޫނު އަސާސީއަށް ގެނުވި އެބަދަލަކީ ސައްހަ ބަދަލެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބާރު ސްޕްރީމް ކޯޓަށް އޮތްކަމަށް ސްޕްރީމް ކޯޓުން ނިންމިއެވެ. އެނިންމުން ނިންމުމާއެކު ބަންޑާރަ ނައިބު އުޝާމަށް ގޮތްހުސްވެ ލިބިއޮތް އާރާބާރުގެ ބޭނުންކޮށްގެން ޝަރީއަތާއި ގާނޫނަށް ލޯހުޅުވިފައިވާ ތަޖުރިބާކާރު ފަނޑިޔާރުންގެ ބެންޗް ސްޕްރީމް ކޯޓުން ބޭރުކޮށްލުމުގެ މަސައްކަތް ފާޅުގައިފެށީއެވެ.
ނެތް މައްސަލަ އުފައްދައިގެން 3 ފަނޑިޔާރުން ސަސްޕެންޑްކޮށް ފަނޑިޔާރުކަމުން ވަކިކުރަން އަމާޒު ހިފީއެވެ. ސަސްޕެންޑް ކުރި 3 ފަނޑިޔާރުންގެ ތެރޭގައި ޖަސްޓިސް ސުއޫދު ހިމެނުނީ ސުއޫދުގެ ގާނޫނީ ޝަރުއީ ސުވާލުތަކަށް ޖަވާބުދެވޭ ވަރުގެ ގާނޫނީ އުރަތްޕަށް ބަންޑާރަނައިބާ މުޅި ސަރުކާރުގައި ނެތިގެންނެވެ. ސުއޫދާއެކު ދެންވެސް ސަސްޕެންޑް ކުރީ އެހާ ހުނަރުވެރި އިލްމުވެރި ދެ ފަނޑިޔާރުންނެވެ. ޖަސްޓިސް ޑރ. އަޒްމިރަލްދާއާއި ޖަސްޓިސް މަހާޒެވެ.
ޖަސްޓިސް ސުއޫދުގެ ގާބިލުކަމާއި ކުޅަދާނަކަމާއި މެދު ގާނޫނީ އަދި ޝަރުއީ ދާއިރާގެ އިލްމާ މައުލޫމާތެއް ލިބިހުރި މީހަކު ދެކޮޅެއް ނުހަދާނެއެވެ. ގާނޫނީ ގޮތުން ކަންކަމުގައި ސުއޫދުގެ ރައުޔަށް އެންމެ ބޮޑަށް ހިޔާލު ތަފާތު ގާނޫނީ މާހިރުންވެސް ޖަސްޓިސް ސުއޫދަށް ސެލިއުޓުކުރެއެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑް ކުރުމާއި އެކު ސުއޫދުގެ ނަޒާހަތްތެރިކަމާއި ގާބިލުކަމާމެދު ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ މީހުން ޒާތްޒާތުގެ ތުހުމަތުތައް އެބަކުރެއެވެ. އެ ތުހުމަތުތަކަށް އެންމެ ވަރުގަދަ ޖަވާބެއް ދެއްވީ ޑރ. ޖަމީލެވެ.
ފަހަކަށް އައިސް ރާއްޖޭގެ ޝަރުއީ ނިޒާމަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ޗެލެންޖުކުރައްވާ އެއްބޭފުޅަކީ ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ރާއްޖޭގެ ޖަސްޓިސް މިނިސްޓަރުކަމާއި ގާޒީކަންވެސް ޑރ. ޖަމީލް ވަނީ ކުރައްވާފައެވެ. ޑރ. ޖަމީލަކީ އެހާމެ މަޝްހޫރު ލޯޔަރެކެވެ. އަނެއްކޮޅުން ޑރ. ޖަމީލަކީ ރައީސް ޔަމީނާ ދެކޮޅަށް ދައުލުތުން އުފުލި ބޮޑެތި މައްސަލަތަކުގައި ރައީސް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމްގެ އިސް ވަކީލެވެ.
ޑރ. ޖަމީލު ޖަސްޓިސް ސުއޫދާ ބެހޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ " ސުޢޫދަކީ ކިޔެވި އިރުވެސް ވިސްނުންތޫނު ބޭފުޅެއް. އަޅުގަނޑު ޚިޔާލު ތަފާތު ބޮޑެތި ނިންމުން ފަނޑިޔާރެއްގެ ގޮތުގައި ނިންމަވާފަ އެބަހުރި. އެކަމަކު، އެއީ މި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުންނަން އެންމެ ގާބިލް އެއް ގާނޫނީ ވަރުގަދަ ސިކުނޑިއެއް!" ކަމަށެވެ. ރާއްޖޭގެ ސްޕްރީމް ކޯޓުގައި ސުއޫދު ހުންނަންޖެހެއެވެ.