އެ އޮތީ ދެން ގެއްލިފަ ދެއްތޯ: ރައީސް ޔާމީން
ކޮމިޝަން ރިޕޯރޓުންނާއި ރިޕޯރޓް ނެރުމުގެ ފަހުން ފެންނަ ނުބައި ނުލަފާކަން.
ވީނުވީއެއް ނޭނގި ގެއްލުވާލުމާ މަރާލާފައިވާ މީހުންނޭ ކިޔަން ޖެހުނީ ވެސް ޔާމީންގެ 5 އަހަރު އެ ބިރުވެރިކަން ހައްދު ފަހަނަ އަޅާ ވަރަށް ބޮޑުވީމައެވެ. އަހްމަދު ރިލްވާން ގެއްލުވާލައިގެން އުޅުނުއިރު ޔާމީން އަތުވި ވަގުތެއްގައި ނޫސްވެރިއަކު އެ ސުވާލު ކުރުމުން އޭގެ ޖަވާބު ހިހޫ ކޮށްލީ ދެއްތޯ ލެވެލް އަށެވެ. މޫނަށް ރުލެއް ވެސް އަރުވާ ނުލާ ބުނީ " އެ އޮތީ ދެން ގެއްލިފަ ދެއްތޯ؟ ފުލުހުން އެ ތަހުގީގު ކުރާނެ ދެއްތޯ" އެވެ.
ރަހުމުގެ ކުލަވެސް ނެތި އެ ޖަރީމާ ހިންގި މީހުންނާ އެއް ތަށިން އެއްބައި ކައި ހީ ސަމާސާކޮށް، ނުވިތާކަށް އެ މީހުން ސީރިއާއަށް ފުރުވާލުމުގެ އަޑީގައި ހުރެގެން ޔާމީން އެޖަވާބު ދިންކަން މި އެނގުނީ ތަހުގީގު ރިޕޯރޓް ނިކުތީމައެވެ. އެ ދުވަހު ފުލުހުންނޭ ބުނިއިރު ފުލުހުންގެ ކަމިޝަރަކަށް ހުރީ ހޭޅި ހުސެން ވަހީދެވެ. އޭނާ އެ ހުރީ ބޮޑު ގޮހޮޑާ ވާހަކަ ގެނެސްދީ ޔާމީނަށް ޗެނަލް 13 ހިންގައިދޭށެވެ.
މި ދައްކަނީ ދިވެއްސަކު ގުދުކޮށް ބޯބުރިކޮށް ކަނޑު ފެއްތި މީހުންނާ އޭރު ގައުމު ހިންގަން ހުރި މީހާގެ އޮތް ގުޅުމާއި އޭރުގެ ފުލުސް ކޮމިޝަނަރު އިހުމާލުވީ ވާހަކައެވެ.
ޔާމީނު ރައީސް ކަމުގައި ކުރި އިންޑިޔާ ދަތުރަކަށް ފަހު ރާއްޖެ އައިސް އެއަރޕޯޓުގައި ހުރެ ނޫސްވެރިއަކު ކުރި ސުވާލަކަށް ދިން ޖަވާބެއްގައި ރިލްވާނު މަރުވެއްޖެ ކަމަށް ޔާމީނު ބުންޏެވެ. އެ ދުވަހު އެހެން ބުނުމުގެ ކުރިން ރިލްވާނު މަރުވެފައި ވާކަން އެއްވެސް ފަރާތަކުން ކަށަވަރުކޮށް ދީފައެއް ނުވެއެވެ. ރިލްވާނު މަރުވެއްޖެކަން ފުރަތަމަ ކަށަވަރު ކޮންދިން މީހަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީނެވެ. ނޫސްވެރިންގެ ކުރިމަތީގައެވެ. ފުލުހުންގެ ތަހުގީގަށް ސާބިތު ނުވާ ކަމެއް އެންމެ ފުރަތަމަ ޔާމީނަށް ކަށަވަރުވީ ކިހިނެތް ހެއްޔެވެ. އެއްގޮތަކީ ރިލުވާނުގެ މަރާލުމުގައި ޔާމީނުގެ އަތެއް އޮތުމެވެ. ނޫނީ ވިއްޔާ އެކަން ޔާމީނަށް އެނގޭނީ އެ ކަމުގައި އަމަލީ ގޮތުން އުޅުނު މީހުންނާ ގުޅުން އޮވެގެން އެ މީހުންގެ ފުށުންނެވެ.
ހައްގޭ އިންސާފޭ ރިލްވާނޭ ކިޔަމުން ކޯލިޝަން ހަދައިގެން ތިބި މީހުން އެތިބަ ގޮތް ދެކޭށެވެ. އެތިބީ މި ކަމުގައި މި ލިބުނު ކުރިއެރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ހެޔޮބަހެއް ބުނެފިއްޔާ އަންނަ އިންތިހާބުގައި ތިމާމެންގެ ފާޓު ހަނި ވެދާނެތީ އެއްޗެއް ނުބުނެ ތައްބައްދައިގެންނެވެ. އެ މީހުން އެ ގޮތަށް ތިބޭއިރު ރިލްވާން ކަތިލުމާ އެކި ގޮތް ގޮތުން ގުޅިފައި ތިބި އިދިކޮޅު މީހުން ތިބޭނެ ގޮތް ވިސްނާށެވެ.
ހިތާމައާ އަސަރުން ހިތުގައި ހިލަ ބަނދެގެން ވެސް ރިލްވާންގެ އާއިލާ މި ތަހްގީގު ބަލައިގެންފިއެވެ.
އިންސާނުންގެ ކިބައިގާ ފާޑުފާޑުގެ އަހުލާގު ހުރެއެވެ. އެކަމަކު ދިވެހިންގެ ކިބައިން މި ފެންނަނީ އަދި މުޅިން އެހެން ބާވަތެކެވެ. އެންމެ ރަނގަޅު ކަމަށް ދެއްކިގެން އެންމެ ކުރީ ސަފަށް އަރައިގެން އެންމެ އޮމާންކޮށް ވާހަކަ ދައްކަނީ އެންމެ ނުލަފާ މީހުންނެވެ.