ޗާގޯސްމީނިޔާ: ފަހުތަޅާލުން ގަނޑުތަ!
ރައްޔިތުންނާއި އިދިކޮޅުގެ ޑިމާންޑަށް އިހުތިރާމް ކުރުމުންވެސް ކަމަކުނުދިޔަ
އެތައް ޒަމާނެއް ވަންދެން ރާއްޖޭގައި މީހުން ދިރިއުޅެފިއެވެ. ރާއްޖޭގެ ދެކުނުގައި ތިންސަތޭކަ އެތައް މޭލެއްގެ ދުރުގައި ޗާގޯސް އޮވެއެވެ. ދަތުރުކުރުމުގައި އެހެނިހެން ސަބަބުތަކާ ހުރެ ފޯޅަވައްސަށް ދިވެހިން ގޮސް އުޅުނުކަމަށް ވެއެވެ. އެއްވެސް އިރަކު ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަކަށް ދިވެހިން ނުދެކެއެވެ. މިއަދާ ހަމަޔަށްވެސް ޗަގޯސްއަކީ ދިވެހިރާއްޖޭގެ ބައެއް ކަމަކަށް ދިވެހިންނެއް ވެސް އަދި ފޯޅަވަހީގައި ދިރިއުޅުނު މީހުން ވެސް ނުދެކެއެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން ވެސް އެކަން ގަބޫލުކޮށް ރައުޔެއްހާ ހިސާބުވެސް ނެރެފައެއް ނުވެއެވެ.
އިގިރޭސިން ޗާގޯސް އިސްތިއުމާރުކޮށް އެތާ ތިބި މީހުން ބޭލީވެސް ރާއްޖެއަކަށް ނޫނެވެ. މޮރިޝަސްއަށެވެ. އިނގިރޭސީން އިސްތިއުމާރު ކުރުމުގެ ކުރިންވެސް ޗާގޯހަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް ދުނިޔެ ގަބޫލު ކުރެއެވެ. އިނގިރޭސި އިސްތިއުމާރުން ނެއްޓިގެން ގޮސް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނަން ޖެހޭނެ ކަމަށް ދުނިޔޭގެ ގިނަ ބަޔަކު ގަބޫލު ކުރަނީ ކަމެއް ވެގެންތާއެވެ. ރާއްޖެއާއި ކިތަންމެ ކައިރީގައި އޮތަސް ޗާގޯހަކީ ރާއްޖޭގެ ބައެއް ނޫންކަމަށް ދުނިޔެ ގަބުލުކުރާނީ ވެސް ކަމެއް ވެގެންތާއެވެ. އަމްދުން ޗާގޯހަކީ ރާއްޖޭގެ ބައެއް ކަމަށް ދެކިގެން އެ ތަނުގެ ސިޔާދަތީ ބާރު ހޯދަން އެއްވެސް އިރަކު ރާއްޖޭން އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ.
ދުނިޔޭގެ ގާނޫނު ބުނާ ގޮތުން އައްސޭރިފަށުގެ ގައުމު ތަކުގެ އިގްތިސާދީ ސަރަހައްދަކީ އެންމެ ބޭރަށް ފެނުން ހިކޭ ތަނަކުން ފެށިގެން ބޭރަށް 200 މޭލެވެ. އައްޑު އަތޮޅުގެ އެންމެ ދެކުނުން ފެނުން މައްޗަށް ހިކޭ ހިސާބުން ފެށިގެން ޗާގޯސްއިން ރާއްޖެއާ އެންމެ ކައިރިން ހިކޭ ފަރަށް 400 މޭލު ހަމައެއް ނުވެއެވެ. އަނެއް ކޮޅުން އައްޑުއަތޮޅާއި ޗާގޯހަކީ އެއް އައްޓަކުން ފައިތަޅާ ގުޅިފައިވާ ދެ އަތޮޅެވެ. ޗާގޯހާއި ރާއްޖެއާއި އޮންނަ ފުށު އެރުމަކީ އެއްވެސް ބަޔަކަށް 200 މޭލު ފުރިހަމަ ނުވެ ފުށުއަރާ ފުށުއެރުމެވެ. އެ ނޫން އެއްވެސް ނުކަސިޔާރު ކަމެއް އެއްވެސް އިރަކު ރާއްޖެއާއި ޗާގޯސްއާއި ދެމެދަކު ނެތެވެ. އަމްދުން ސިޔާދަތީ ބާރާ މެދު އެއްވެސް ނުތަނަވަސް ކަމެއް ނެތެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތަސް އިގިރޭސީންނަށް އޮތަސް ރާއްޖެއަށް ވަރިހަމައެވެ. ދިގު މާޒީގައި އެކަން އޮތީ އެ ބޮޑު ވަރިހަމައިގައެވެ. ރާއްޖޭގެ ބަޔަކަށް ޗާގޯސް އެއްއިރަކު ވެސް ވެފައި ނެތަތީއެވެ. އެކަމަށް ހެކިލިބެނީ ޗާގޯސް އިގިރޭސީންގެ އިސްތިއުމާރުން ނެއްޓި މޮރިޝަސްގެ ސިޔާދަތަށް ގެންދިޔުމަށް މޮރިޝަސްއިން އދ މަޖިލީހުގައި މަސައްކަތް ކުރި ކުރުމުގައި ވެސް ރާއްޖެއިން އަމަލު ކޮށްފައިވާ ގޮތުންނެވެ.
މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ހުއްޓާ ނުލާ އުޅުނުއިރު ރާއްޖެ އޮތީ ހަނެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން އެއްވެސް ފެންވަރެއްގައި ހުށަހެޅުމެއް ހުށަނާޅާތާ ހިޔާލެއް ވެސް ރާއްޖޭން ފާޅުކޮށެއް ނުލައެވެ. މައްސަލައިގެ ތެރެއަށް ތަދައްހުލު ވެސް ވެނުލައެވެ. އެ ހުރިހާ ކަމެއް ހިގާ ދިޔައީ ރައީސް ނަޝީދާއި ރައީސް ޔާމީނުގެ ވެރިކަމުގައެވެ.
ރައީސް ނަޝީދު ވެރިކަމުގައި މޮރިޝަސްއަށް ރައީސް ނަޝީދު ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ތެރޭގައި އޮންނަން ޖެހޭނެ ތަނެއް ކަމަށް ރާއްޖޭގެ ރައީސް ނަޝީދުއާއި މޮރިޝަސްގެ އޭރުގެ ރައީސްއާއި ދެލީޑަރުން އެއްބަސްވެ ވަޑައިގަންނަވާ ކަމަށް ދަތުރުފުޅާ ގުޅިގެން ދެލީޑަރުން ދެއްވި ގުޅިފައިވާ ބަޔާނުގައި ވެއެވެ. މޮރިޝަސް ދައުލަތުން ދެވޭ އެންމެ މަތީ ޝަރަފް ރައީސް ނަޝީދަށް އެ ދަތުރުފުޅުގައި އެރުވީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަން ޖެހެނީ މޮރިޝަސްއަށް ކަމަށް ރާއްޖެ ލޮލުން ބޮލުން ގަބޫލު ކުރާކަން ރައީސް ނަޝީދު ކަށަވަރުކޮށް ދެއްވުމުންނެވެ.
އދ މަޖިލީހަށް މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ވެއްދީ ރައީސް ޔާމީނު ވެރިކަމުގައެވެ. ރާއްޖޭގެ މަސްލަހަތު އޮތް ކަމަކަށް ނުވާތީ ދިވެހި ސަރުކަރު އޮތީ ހަނެވެ. ޔާމީނު ސަރުކާރުންވެސް ގަބޫލުކުރީ ޗާގޯސްގެ ސިޔާދަތީ ހައްގު ރާއްޖެއަށް ނެތްކަމަށެވެ. ރައީސް ސޯލިހުގެ ވެރިކަން ފެށުނު ފަހުން އދގެ އާއްމު މަޖިލީހުގައި މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު އޮތުމާ މެދު މެންބަރު ގައުމުތައް ދެކޭގޮތް ބެލުމަށް ވޯޓެއްނެގިއެވެ. ރާއްޖެއާއި ޗާގޯސް އާއި ދެމެދު އިގުތިސާދީ ސަރަހައްދުގެ އިމުގެ މައްސަލައެއް އޮތުމުން ރާއްޖެއިން ވޯޓް ދިނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނަން ނުޖެހޭނެ ކަމަށެވެ. ދެނަކާ ދެނެއް ނެތެވެ. ރާއްޖެ އަޅުވެތި ކުރުވުމަށް ތާއީދުކުރާ ކަމަށް ވެއްޖެއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަން ޖެހެނީ މޮރިޝަސްއަށް ކަމަށް ވެގެން މާލޭގައި މުޒާހަރަކޮށް ސަރުކާރު ކުށްވެރިކޮށް ޕިޕީއެމުން ބަޔާން ނެރުނެވެ.
ރައްޔިތުންނާއި އިދިކޮޅުގެ އެދުމާ ޑިމާންޑަށް އިހުތިރާމްކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ޗާގޯސްގެ ސިޔާދަތާ ގުޅިގެން އދ ގައި ދެން ނަގާ ވޯޓެއް މޮރިޝަސްއާއި އެއްކޮޅަށް ދިނުމަށް ސަރުކާރުން ގަސްދު ކުރާކަން ހާމަ ކުރުމުން ކުރިން ވާދަވެރިންކީ ހުރިހާ ޅެން ފަރިއްސަށް ހަދައިފިއެވެ. އެ ހިސާބުން ޗާގޯހަކީ ރާއްޖޭގެ ބަޔަކަށް ވެއްޖެއެވެ. ޗާގޯހުގެ ސިޔާދަތަކީ ރާއްޖޭގެ އެއްޗަކަށް ވެއްޖެއެވެ. ދުނިޔޭގެ ކޯޓުން ނިންމިޔަސް ރާއްޖެއަށް ޗާގޯސް ނުލިބޭ ނިންމުމެއް ބަލައި ނުގަނެ ހަނގުރާމަ ކުރަންވެސް ރައީސް ނަޝީދުމެން އެ ތިބީ ބުޑުފެންނަ ވަރަށް ފޫގަޅައިގެން ނޯލައެވެ.
ރައީސް ސޯލިހާ ދެކޮޅަށް ކުޅޭނެ ކާޑު ހުސްވީތާއެވެ. ރައްޔިތުން ރަތަށް އަރުވަން ރައީސް ނަޝީދު އިސްވެ ހުރެ ކުޅޭކުޅިން ގޯލުޖެހެނީ ބައިކޮޅަށެވެ. ގޮވަނީ އަތަށެވެ. ޗާގޯސް މީނިޔާ ޖެހި ހަތަރު އުދަރެސް ފެނުޖެހި ފޭކްގެ މައްޗަށް ފޭކް ހަދަމުންގޮސް ގޭނި ހުސްވުން ނޫން ކަމެއް އެބަ ވޭހެއްޔެވެ.