ވެންޓިލޭޓަރ ވާހަކަ ދައްކަން އަފީފް ރީއްޗެއްނޫން
އަފީފްގެ މަސްލަހަތު އޮތް ކުންފުންޏަށް ކޮވިޑް ވިޔަފާރި ލިބި ނެގި ނާޖާއިޒު ފައިދާގެ ވާހަކަ ދެއްކިއްޔާ މާ ތާހިރު ވާނެ.
ކޮވިޑްގެ ހާލަތު މިހާރަކު އެކަކުވެސް ހަނދާނެއް ނެތެވެ. ލައްކަ ލައްކައިން ކޮންމެ ދުވަހަކު ދުނިޔޭން މީހުން މަރުވަމުން ދިޔަކަން ހަނދާނެއް ނެތެވެ. އެމެރިކާ ފަދަ ފޯރާ އިތުރުވެފައި ތިބި ގައުމުތައް ވެސް އެ ދުވަހު ތިބީ ގޮތް ހުސްވެފައެވެ. ހުރިހާ ގައުމެއްގައި އޮތީ މަރުތަޅު އަޅުވާފައެވެ. އެއް ގައުމުން އަނެއް ގައުމަށް ދަތުރު ފަތުރެއް ނުކުރެވެއެވެ. އެއްގެއިން އަނެއްގެއަށް މީހުން ގޮހެއް ނޫޅެވެއެވެ. އެންމެންހެން ތިބީ މަރުގެ ތުންފަތްމަތީގައި ގަޑި ގުނާލަ ގުނާލައެވެ.
ދެވޭނެ ފަރުވާއެއް ބޭހެއް ނެތެވެ. މުޅި ދުނިޔެހެން އޮތީ ވެންޓިލޭޓަރުގައެވެ. ވެންޓިލޭޓަރަކީ އެ ހާލަތަށް އެންމެ ބޭނުން ބޮޑުވި އާލާތެވެ. ފަރުވާއެވެ. އެމެރިކާގައި ވެސް ކާރު އުފައްދާ ކުންފުނިތަކަށް މަޖުބޫރު ކޮށްފައި އޮތީ ވެންޓިލޭޓަރ އުފައްދާށެވެ. އެ ބަޔަކަށް ލިބެން އޮތް ގޮތަކުން ވެންޓިލޭޓަރ ހޯދުމަކީ ހުރިހާ ސަރުކާރުން އެއިރު އެންމެ އިސްކަން ދިން ކަންތަކެވެ. އުފެއްދުންތެރި ކަމެއްނެތް ރާއްޖެ ފަދަ ގައުމުތަކަށް އޮތްހާ ވެސް ގޮތަކީ ލިބެން އޮތް ގޮތަކުން ވެންޓިލޭޓަރ ހޯދުމެވެ.
ވެވަށް ވެއްޓުނު ގެރިއަށް ވެގެން ވެންޓިލޭޓަރު ނުލިބި ރައްޔިތުންގެ ގިނަ ބަޔަކު މަރުވެ ދާތަން ބަލަހައްޓައިގެން ތިބޭކަށް ސަރުކާރަކަށް ކުޅަދާނައެއް ނޫނެވެ. ލިބެން އޮތް ގޮތަކުން ވެންޓިލޭޓަރ ހޯދުން ނޫން އެއްވެސް ގޮތެއް އޭރަކު ނެތެވެ. މަރުގެ ތުންފަތް މަތީގައި ރައްޔިތުން ތިބިއިރު އެކަން ކޮށްދޭނެ ކަމަށް އިތުބަރާއެކު ބުނާ ބަޔަކު ބުނާ ގޮތަކަށް އެކަން ނުކޮށް ވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.
އެއިރަކީ ހުރިހާ އޮފީސްތައް ބަންދުވެ ކޮންމެހެން ނިކުންނަން ޖެހޭ މީހުން ނޫން ބަޔަކު ބޭރަށް ނިކުމެ އުޅުން މަނާ ކުއްލި ނުރައްކަލުގެ ހާލަތެކެވެ. ނިކުމެ އުޅޭ ބަޔަކު ނިކުމެ އުޅެނީ ވެސް ސިއްހީ ހިދުމަތް ދިނުމަށާއި ކާބޯތަކެތި ފޯރުކޮށް ދިނުމަށެވެ. ނިކުތުން މަޖުބޫރު މީހުން އެކަންޏެވެ. ހިދުމަތަށް ނިކުމެ އުޅުނު މީހުންވެސް ތިބެން ޖެހިފައި އޮތީ އެކަހެރި ތަންތާ އައިސޮލޭޓް ވެގެންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ ކަމެއް ކުރުމަށް އާއްމު ހާލަތުގައި ކަންކަން ކަށަވަރު ކުރުމަށް އޮންނަ ހުރިހާ އިޖުރާތެއް ފުރިހަމަ ކުރެވުމަކީ މުސްތަހީލު ކަމެކެވެ. ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯ އޮފީހުގެ އިސްވެރިޔާ ދޭ މަޝްވަރާ އަކަށްވުރެ އިތުބާރު ހުރި އެހެން މަޝްވަރާއެއް އެ ހާލަތުގައި ހޯދޭނެ ހެއްޔެއވެ. ފުރާނަ އަތްމައްޗަށް ލައިގެން މުޅި ދުނިޔެ އޮތް ދަނޑިވަޅެއްގައި މަކާރާ ހީލަތުން ބަޔަކު ކަމެއް ކޮށްފާނެ ކަމަށް އެކަކުވެސް އުންމީދެއް ނުކުރާނެއެވެ.
އާއްމު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ ކުރަންޖެހޭ ހޭދައެއް ނުކުރެވި އިޖުރާތެއްގައި ބަނދެވިގެން އެކަން ނުވުމަށް ވުރެ ކުރެވެން އޮތް ގޮތަކަށް އެ ދަނޑިވަޅުގައި އެކަމެއް ކުރާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތަކީ އާއްމު ހާލަތެއް ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރެވޭ ކަމެއްގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަކީ އާއްމު ހާލަތަށް އައުމުން ކުރެވޭނެ ކަންކަމެވެ. އެކަމުގައި އިޖުރާއަތާއި އެއްގޮތަށް އެ ހާލަތުގައި ކަންކަން ނުކުރެވިގެން ލިބޭ ގެއްލުމަކީ ގަސްދުގައި ސަރުކާރު ހިންގަން ތިބި ބަޔަކު ދިން ގެއްލުމެއް ކަމަށް ބަލައިގެން ސިޔާސީ ޗަރުކޭސް ކުޅެނީ އޭގެން ނާޖާއިޒު މަންފާ ހޯދަން އުޅެ ނުލިބިގެންނެވެ.
ވެންޓިލޭޓަރ ހޯދައިދޭން މަތިވީ އެގްޒެކިއުޓާސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވުން އޮވެ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެކެވެ. އެހެން އެކަން އޮވެމެ މުޅި މަންޒަރު ބަދަލުކޮށްގެން ވެންޓިލޭޓަރ މައްސަލަ ހޫނުކޮށް ކައްކަނީ ކާކު ކީއްވެކަން ވަރަށް ސާފެވެ.
އޭރު ހާލަތު އޮތް ގޮތުން ވީ އެންމެ އަވަހަކަށް ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ރައްޔިތުންގެ ފުރާނައަށް ނުރައްކާ އޮތް ކަން ސިއްހީ މާހިރުންގެ ލަފާކުރުން ތަކުން ވެސް ފެންނަން އޮތެވެ. އޭގެ އެޑްވާންޓޭޖް ނެގީ އޭރު ވެސް މިހާރު ވެސް ސިޔާސީ ގޭމު ކުޅެގެން ޒާތީ މަންފާ ހާސިލު ކުރުމުގައި ދެވަނައެއް ނެތް މީހާއެވެ.
ދުބާއީ އެގްޒެކިއުޓާސް ކުންފުންޏަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 75 ޕަސެންޓް ދައްކައިގެން ނޫން ގޮތަކަށް ވެންޓިލޭޓަރުތައް ލިބެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އޭރު އޮތީ ފިނޭންސަށް އަންގާފައެވެ. ރައްޔިތުންގެ ފުރާނައަށް ނުރައްކާ އޮތްލެއް ބޮޑުކަމުން ކުއްލި ނުރައްކަލުގެ ހާލަތުގައި އެ ނޫން ގޮތެއް ނެތިގެން ސަރުކާރުން އެ ފައިސާ ދެއްކީއެވެ. ކަމަކީ އެހާ ސާފުކޮށް އެގެން އޮތް ކަމެކެވެ.
ރާއްޖެއަށް ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި ވެންޓިލޭޓަރ ހޯދައިދޭނެކަމަށް ބުނި ކުންފުންޏެއްގެ linked-clinics-of-covid-19-testing-fraud ހިއްސާދާރަކު މިހާރު މަގާމުގެ ނާޖާއިޒު ބޭނުން ކޮށްގެން ސަރުކާރު ބަދުނާމް ކުރަން ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމުގެ ނިޔަތް ރަނގަޅެއް ނޫނެވެ. އޭރަކީ ކުއްލި ނުރައްކަލުގެ ހާލަތު ނަމަވެސް ވެންޓިލޭޓަރ ގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވަންޖެހޭ މީހުން ޝަރީއަތަށް ފޮނުވަން ޕީޖީއަށް ހުށަހަޅާފައި ވަނިކޮށް ވިލުފުށި އަފީފް ރައީސް ނަޝީދާ ގުޅިގެން ޖަހަން މިއުޅެނީ ކޮން ސަކަރާތެއް ހެއްޔެވެ.
ވިލުފުށީ އަފީފްގެ މަސްލަހަތު އޮތް ކުންފުންޏަށް ކޮވިޑް ޓެސްޓްކިޓާއި އިމަރޖެންސީ ރައްކާތެރި ހެދުމާއި އެކަމާ ގުޅޭ މެޝިނަރީއާއި އެހެނިހެން އާލާތްތައް ފޯރުކޮށް ދިނުމުގެ ވިޔަފާރި ލިބުނު ވާހަކައާއި އެ ކަމުގައި ނެގި ނާޖާއިޒު ފައިދާގެ ވާހަކަ އަމިއްލައަށް މަޖިލީހުގައި ދެއްކިއްޔާ މާ ތާހިރު ވާނެއެވެ.