އިބޫ ގަދަަކަން އިދިކޮޅަށް ހަޖަމު ނުވިޔަސް ރިޒާ ހަޖަމްކޮށްފި
ގުރައިދޫ ދާއިރާއިން އެމްޑީޕީއަށް ގޮނޑިލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް.
އުސްތާޒު އިބްރާހީމް ރިޒާ ދެއްކެވި އަހުލާގު އުސްތާޒު ހުސައިން ރިޒާ ވެސް ދައްކަވައިފިއެވެ. ގުރައިދޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ޝާޒް އިބްރާހީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ބަލިވެ ވަޑައިގެން ކެންޑިޑޭޓަށް ބަލި ހަޖަމް ކުރެއްވުނަސް ޒާތީ ތައްސަބާއި ފިތުނައިން ފުރިފައިވާ ޕީޕީއެމް ލީޑަރޝިޕާއި އެމްޑީޕީއާ އިދިކޮޅަށް ވުރެ އިދިކޮޅު ފިކުރެއްގެ ދިރުމަށް ޝާޒްގެ ކާމިޔާބީ ހަޖަމެއް ނުކުރެވެއެވެ.
ޕީޕީއެމް ފިކުރު މޫލާފައި އެތައް ޒަމާނެއް ވަންދެން އޮތް ގުރައިދޫ ދާއިރާއިން އެމްޑީޕީއަށް ގޮނޑިލިބުމަކީ ވަރަށް ބޮޑު ކާމިޔާބެކެވެ. ހާއްސަކޮށް ހަމްދަރުދީގެ އެތައް ވޯޓެއް ޕީޕީއެމް ކެންޑިޑޭޓަށް ލިބެން އޮތް ހައްސާސް ހާލަތެއްގައެވެ. އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ކާމިޔާބެއް ނޫންކަމަށް ދައްކަން ވާހަކަ ދައްކާ މީހުން ބުނަނީ ސަރުކާރުން ނުފޫޒު ފޯރުވި ކަމަށެވެ. ފައިސާ ބެހިކަމަށެވެ. ޕްރޮޖެކްޓްތައް އޮއްސާލީ ކަމަށެވެ.
އެންމެ ރަނގަޅެވެ. ވާދަކުރެވޭ ގޮނޑިއެއް ހާސިލް ކުރަން ކުރެވެން އޮތް ކަމެއް ނުކޮށް މަޖިލީހުން ގޮނޑިއެއް ހޯދައިގެން ހުރި ކަމަށް ބުނާ ހުރީ ކާކުހެއްޔެވެ. ބާރެއް ނުފޫޒެއް ފޯރުވެން އޮވެ އެކަން ނުކުރާ އެކަކުވެސް ހުރި ކަމަށްވޭ ހެއްޔެވެ. އެހެން ކަމުން ޝާޒް ބޮލުގައިވެސް އެ ތުހުމަތު އަޅުވާނެއެވެ. އަޅުވައެވެ.
ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލީ ރައްޔިތު މީހާއެވެ. އެމީހާ އަމިއްލައަށް އެތަނަށް ގޮހެވެ. ފާހަގަ ޖަހަނީ އަމިއްލަ އިހުތިޔާރުގައެވެ. ވޯޓުގުނަނީ އެންމެންގެ ކުރިމަތީގައެވެ. މަންދޫބުންގެ ހާޒިރުގައެވެ. ނަތީޖާ ލިބުމުން ނަތީޖާ ގަބޫލުނުކޮށް އާދަމްގެފާނޭ ފަޅޮލޭ ކިޔާކަށް ރީއްޗެއް ނޫނެވެ. ރައްޔިތު މީހާ ލައްވާ ތިމާމެން ބޭނުންވާ މީހާގެ ނަމުގައި ފާހަގަ ޖެއްސުވޭވަރު ނުކުރެވުމަކީ ކާމިޔާބު ކުރާ ކެންޑިޑޭޓްގެ މައްސަލައެއް ނޫނެވެ.
ރައްޔިތުން ކަންކަމަށް މީހުން ހޮވަނީ އެމީހުން ބޭނުންވާ ކަންކަން ކުރުމަށެވެ. މީހަކު ތަނެއްގައި ހުރީމާ މުސާރައެއް ދޭކަށްނޫނެވެ. ރައްޔިތުން ބޭނުންވާ ގޮތަށް އެދޭ ގޮތަށް ކަންތައް ވާތަން ފެނުނީމާ ކަންކަން ކޮށްދޭ ބަޔަކަށް ވޯޓު ދޭނެއެވެ. ދުވަހަކު ހުވަފެނުންވެސް ވެދާނެކަމަށް އުއްމީދު ނުކާ އެތައްކަމެއް ލޯ ކުރިމަތީގައި ހިނގާތަން ފެނުނީމާ ސަރުކާރަށް ތާއީދުކޮށް ވޯޓު ދެނީކީ ނޫފޫޒަކުން އިންތިހާބަށް ބަހާ ފައިސާ އަކުން ނޫނެވެ. ކުރިން ޕީޕީއެމްގެ ތާއީދު ބޮޑު ގުރައިދޫ ދައިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ރައީސް ސޯލިހުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަނެ ތާއީދު ބޮޑުތަނުން އިތުރުވަމުން އަންނަ ކަމުގެ ހެއްކެވެ.