މިއަދު އީވާއަށް ނައިބުރައީސްކަން ގެއްލޭނެ!
ކޮންމެ ބޭފުޅަކު ރިޔާސަތުގައި ބައިންދަވައިގެން ވިޔަސް އިތުބާރު އޮތްޓޯ ބަލަންޖެހޭ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މިއަދުގެ އެޖެންޑާގައި އޮތީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކަންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަށް މަޖިލިހަށް އެމްޑީޕީން ހުށަހެޅީ މިދިޔަ މަހުގެ 23 ގައެވެ. މަޖިލިހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރުމުގެ ކުރިން ނޯޓިސް ވަނީ ފޮނުވާފައެވެ. ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހެއެވެ. އީވާގެ މައްސަލަ އެޖެންޑާނުކޮށް ކުރިއަށްދާން މަސައްކަތް ކުރުމުން މެމްބަރުން ވަނީ މަޖިލީހުގެ އިއްޔެގެ ޖަލްސާ ހުއްޓުވާފައެވެ.
ގާނޫނުއަސާސީ ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 އެވެ. މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބެޭނުންވަނީ 44 މެމްބަރުންގެ ވޯޓެވެ. ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައި ވަނީ 50 މެމްބަރުންގެ ސޮޔާއެކުގައެވެ.
އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކި ކުރަން އެމްޑީޕީން ނިންމީ އެ ކަމަނާ އެމްޑީޕީން ވަކިވެ ވަޑައިގެން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެއްޓެވުމާ ގުޅިގެންނެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރ އީވާ އަބްދުﷲ މަޖިލިހުގެ ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ މެއި 28، 2019 ގައެވެ. އެ މަގާމަށް އީވާ އަބްދުﷲ އިންހާތިބުވެ ވަޑައިގަތީ މަޖިލިހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 72 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އީވާ އަބްދުﷲ ނައިބުރައީސް ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އޭރުވެސް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ.
އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްކަމަށް 72 މެމްބަރުންގެ ވޯޓުން އިންތިހާބުވެ ވަޑައިގެންފައި އިންނެވި ނަމަވެސް އީވާގެ އިތުބާރު ނެތްކަމަށް 60 އަށް ވުރެ ގިނަ ވޯޓު ލިބިގެން އީވާ އަބްދުﷲ އަށް މަޖިލީހުގެ ނައިބު ރައީސް ކަމުގެ ގޮނޑިގެއްލޭނެ ކަމަށް ބެލެވެއެވެ.
ކޮންމެ ބޭފުޅަކު ރިޔާސަތުގައި އިންނަވައިގެން ނަމަވެސް އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ މައްސަލައަށް ނިމުމެއް ގެނެސްގެން ރައްޔިތުންގެ މަޖިލީސް ހުއްޓުމަކަށް އައިސްފައި އޮތް އޮތުމަށް ހައްލެއް ހޯދިދާނެ ކަމަށް ބެލެވެއެވެ. ނިޒާމީ ނުކުތާގެ އޮއިވަރެއްގައި މިއަދުވެސް ޖެހި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ނިމުމެއް ނުގެނަސް މަޖިލިސް ހުއްޓުވަފައި އޮތުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.
މަގާމެއްގެ ބިރުވެރިކަމުގައި އެމްޑީޕީގައި ހުންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށް އީވާ އަބްދުﷲ ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އީވާ އެމްޑީޕީ ދޫކުރެއްވީ ނައިބު ރައީސް ކަމުގެ މަގާމް ގެއްލިވަޑައިގަތަސް ހެޔޮކަމަށް ކަމުގައި ބެލެވެއެވެ. އެހެން ކަމަށް ވާނަމަ މަޖިލިހުގެ ނައިބު ރައީސް ކަމުން ވަކިވެ ވަޑައިގަތުމުގެ ވިސްނުންފުޅު ނުގެން ގުޅުއްވުމަކީ އަމަލާ ބަސް ދިމާ ނުވާކަމުގެ ހެއްކެވެ. ރިވެތި ޑިމޮކްރެޓުންގެ އުސޫލަކީ އިތުބާރު ނެތްކަމަށް ފާސްވާ މިންވަރަށް ހުށަހެޅުމެއް ހުށަހެޅިއްޖެނަމަ އިތުބާރު ނެތް ކަމަށް ފާސް ކުރުމުގެ ކުރީން މަގާމުން އިސްތިއުފާ ދިނުމެވެ. ހެއްދެވުނު އެއްޗެއް ހައްދަވައިގެން މަގާމުގައި ދެމިހުންނަވަން މަސައްކަތް ކުރެއްވުމެއް ނޫނެވެ.