އިތުބާރުނެތް ރައީސް ކުރިމަތީ ހުވާކުރާ ރައީސް ކޮން ރައީސް!
އިތުބާރުނެތި ރިޔާސަތު ބެލެހެއްޓޭނެ ކަމަކަށް ސުޕްރީމް ކޯޓުން ކަނޑައެއް ނާޅަ
އިތުބާރުނެތް މަޖިލިސް ރައީސްގެ ކުރިމަތީގައި އައު ރައީސް ހުވާކުރުވަން ނަޝީދު ގަޅާފައިވާ ފޫ އޭނަ މޮހައެއް ނުލާނެއެވެ. މަތިމައްޗަށް ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލިހުގައި އެޖެންޑާ ކުރިޔަސް އީވާ އެކަން ވިޔަކަ ނުދޭނެއެވެ. ނިޒާމު ނަގާލަމުން މަޖިލިސް ތަޅުން ހައިޖާނު ކުރަމުން ދަންމަމުން ގޮސް އެންމެ ފަހުން އައު ސަރުކާރު ހުވާ ކުރާ ދުވަސް ވެސް އަންނާނެއެވެ.
ބޭނުމަކީ އަންނަ ދައުރަށް ރާއްޖޭގެ ރައްޔިތުން އިންތިހާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ހުވާ އިތުބާރު ގެއްލި މަޖިލީހުގެ ރިޔާސަތަށް ގާނޫނީ ގޮތުން އެރުން ހުއްދަނެތް މަޖިލިސް ރައީސް އެއްގެ ކުރިމަތީގައި ހުވާ ކުރުން ނޫން ގޮތެއް ނެތް ވަރަށް ޑރ. މުއިއްޒަށް ގޮތް ހުސްކޮށްލުމެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމާ މެދު ސުވާލު އުފެދިއްޖެ ނަމަ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ހުންނަ އެކަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.
މީހަކު ބުނެފާނެއެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އެއޮތީ ކަނޑައަޅާފައެވެ. ވީއިރު ދެން އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ މައްސަލަ ނެތަސް އޮތް ހަގީގަތެއް ނެތް ކަމަކަށް ސުޕްރީމު ކޯޓުން ކަނޑައެއް ނާޅައެވެ.
މިވަގުތު އޮތް އެންމެ ބޮޑު ހަގީގަތަކީ ރާއްޖޭގައި އިތުބާރު އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސެއް ނެތް ކަމެވެ. އެހެންވެ މަޖިލިސްގެ ރިޔާސަތު ބެލެހެއްޓުން ވެސް އެމީހާއަށް މިވަގުތު ހުއްދައެއް ނޫނެވެ. މަޖިލިސް ރައީސަކީ އިތުބާރު އޮތް، އަދި އެމަޖިލިހުގެ ރިޔާސަތު ބެލެހެއްޓުމުގެ ގާނޫނީ ޖާއިޒުކަން އޮތް މީހެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެއް ނާޅައެވެ. މިހާރު މިއޮތް ގޮތުން ޑރ. މުއިއްޒު ކުރައްވާ ހުވާ، ހުވަޔަކަށް ވިޔަސް އެ މީހެއްގެ ކުރިމަތީގައި އެ ހުވާ ކުރެވުނު ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ މަޖިލިހުގެ އިތުބާރު ގެއްލި ރިޔާސަތަށް ނޭރޭ މީހެއް ނޫން ކަމަކަށް ނުވާނެއެވެ. ނަމަވެސް އެއީ މިހާރު މިއޮތް ގޮތް ބަދަލު ނުވެއްޖެ ނަމައެވެ.
ސުވާލެއް ނެތް މިންވަރަށް މިކަން ނިމޭނީ އިތުބާރު ނެތް މައްސަލައިގެ ވޯޓަށް އަހައިގެން މަޖިލިސް ރައީސަށް އިތުބާރު އޮތް ކަމަށް ފާސް ވުމެވެ. ނޫނީ އިތުބާރު އޮތް ބޭފުޅަކު ރައްޔިތުންގެ މަޖިލިސް ރައީސްގެ މަގާމަށް އެ މަޖިލިހުން ހޮއްވެވުމެވެ.
އެހެންނުވެ، މިދާ ގޮތަށް ހިނގައްޖެނަމަ ކިތަންމެ ޒަމާނެއް ވިޔަސް އޮންނާނީ ވަރަށް ހުތުރު ހަގީގަތެކެވެ. އެއީ ރާއްޖޭގެ ރައީސުން ކުރެ މަޖިލިހުގެ އިތުބާރާ މެދު ސުވާލު އުފެދިފައިހުރި މަޖިލިސް ރައީސެއްގެ ކުރިމަތީ ވެރިކަމުގެ ގާނޫނީ ހުވާ ކުރެއްވި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ޑރ. މުހަންމަދު މުޢިއްޒު ވުމެވެ. ދަމާ ކޫއްތާފައި ވެސް ކަންތައް އެހާލަތަށް ގެންދިއުމަށް ބަޔަކު އެތިބީ އަރުވާ ޖަހައިގެންނެވެ.