މާލޭ ރައްޔިތުން މަގުމަތި ކޮށްލާނެކަމުގެ އިންޒާރުދީފި!

ގެދޮރު ލިބޭނީ މަޖިލިސް ލިބިގެން ކަމަށް ބުނެ ބިރު ބިރު ދެއްކުން

މާލޭ ރައްޔިތުން މަގުމަތި ކޮށްލާނެކަމުގެ އިންޒާރުދީފި!

ރައީސް މުއިއްޒު ސަރުކާރަށް ތާއީދު ނުކުރާ ކޮންމެ ބަޔަކު މަގުމަތި ކޮށްލުމަކީ މުއިއްޒުގެ ވިސްނުމެވެ. ކުރިއަށް އޮތް ފަސް އަހަރަށް ހޮވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ދިނުމަކީ މާލޭ ރައްޔިތުން މަގުމަތިވުން ކަމަށް މުއިއްޒު ބުނީ އެހެން ވެގެންނެވެ. މަޖިލީހުގެ މެޖޯރިޓީ މުއިއްޒަށް ނުލިބިއްޖެނަމަ މާލޭ ރައްޔިތުން މަގުމަތިކޮށްލާނެ ކަމަށް މުއިއްޒު އެބުނަނީ ވަރަށް ފާޅުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ހުރިހާ ގޮނޑި މުއިއްޒަށް ދިނަސް މަޖިލިސް މެޖޯރިޓީ މުއިއްޒަށް ނުލިބެއްޖެނަމަ މާލޭ ރައްޔިތުން މަގުމަތިކޮށްލާނެ ކަމުގެ އިންޒާރު އެއޮތީ ދީފައެވެ. މުއިއްޒުގެ މީހުން ނޫން އެންމެންނަކީ ރައްޔިތުންގެ ހައްގުން މަހުރޫމު ކުރެވޭނެ ބައެއްކަމަށް މުއިއްޒު އެބުނަނީ ލަދެއް ހަޔާތެއް ނެތިއެވެ.  

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ދެކުނު ދާއިރާއަށް ވާދަކުރާ ބޮޗޭގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ގޮސްހުރެ މުއިއްޒު މާލޭ ރައްޔިތުންނަށް އެދިން އިންޒާރަކީ ސަމާސާކަމެއް ނޫނެވެ. ވިސްނާ މުއިއްޒާ ދެކޮޅަށް ރައްޔިތުން ނިކުމެ މުއިއްޒަށް ނޫނެކޭ ބުނަން ޖެހޭ ބިރު ދެއްކުމެކެވެ.

ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަކަން ފާހަގަކޮށް ގެދޮރު ލިބޭނީ މަޖިލިސް ލިބިގެން ކަމުގެ ބިރު ރައްޔިތުންނަށް މުއިއްޒު އެދައްކަނީއެވެ. ހިޔާވަހިކަމުގެ ގޮތުން ރައްޔިތުން ހާލުގައިޖެހިފައިވާ ތިބި ތިބުމުން މުއިއްޒު ނަގަން ދިމާކޮށްފައި އެހުރީ ސިޔާސީ މަންފާއެވެ. ރައްޔިތުންގެ ގޯތިގެދޮރުގެ މައްސަލަ ސަރުކާރުން ހައްލު ކޮށްދޭނީ މަޖިލިސް ދީގެންނޭ މުއިއްޒު އެބުނަނީ އެހެންވެއެވެ. 

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނަސް ނުދިނަސް ރައީސް ކަމުގައި ހުންނަ މީހާ ރައްޔިތުންގެ ތެރެއިން ވަކި ބަކަށް ނުނިޔަތްލާ އެކަހެރި ކުރުމުގެ ވިސްނުމެއް ނުގެންގުޅޭނެއެވެ. ގެންގުޅޭނަމަ އެއީ ވަރަށް ބޮޑުކުށެކެވެ. ހުވަޔާ ހިލާފު ވުމެވެ. ކޮންމެ ބަޔަކު މަޖިލީހަށް ހޮވުނަސް ރައްޔިތުންގެ ހެވާ ލާބައަށް ކުރާކަންކަމުގައި އެއްބާރުލުން ނުދޭނެ ކަމަށް ރައީސް ކަމުގައި ހުރި މީހާ ދެކެން ވެއްޖެނަމަ ރައްޔިތުންގެ ހާލަކީ ކޮބައިހެއްޔެވެ. 

ހަމަތެދެކެވެ. ރާއްޖެއަކީ މުއިއްޒު މައިން ބަފައިންގެ ތަރިކަ މުދާ ގަނޑެއް ނޫނެވެ. ކޮންމެ ރައްޔިތަކަށް އެއްވަރަށް ހައްގު އޮތް ދިވެހީންގެ ދައުލަތެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެވެ. މުއިއްޒުގެ މަޖިލީހެއް ނޫނެވެ. 

200 ކިއްކުރަން ހެއްޔެވެ 300 ގާނޫނު ވިޔަސް ރައްޔިތުންގެ ހެވާލާބައަށް ފާސްކުރަން ޖެހެންޏާ މަޖިލީހުން ފާސްކޮށް ދޭނެއެވެ. މަޖިލީހުގައި ކޮންމެ ބަޔަކު ތިއްބަސް އެކަން ވާނެއެވެ. ރައްޔިތުންގެ ހެވާ ލާބަޔަށޭ ކިޔައިގެން މުއިއްޒު ހިތުހުރި ކަމެއް ކުރަން އަޅުންގެ އަޅުން ނޫނީ ޖާގައެއް ނުދޭނެއެވެ. ގިނަ ރައްޔިތުން ތިބީ ބޭނުންހާ އެއްޗެއް ހަދަން މުއިއްޒަށް މަޖިލީސް ދޭގޮތަކަށް ނޫނެވެ.