ޝިއުނާ އާއި މަލްސާ އުޅެނީ މުއިއްޒު ބްލެކްމޭލްކޮށްގެން؟!
ދައުލަތުގެ މުސާރައިގާ ތިބެ ގައުމުގެ އިގްތިސޯދު ފުޑާލި
ހިނގަމުންދާ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އޭޕްރީލް މަހާއި ދެމެދު ރާއްޖެއަށް އައިސްފައިވަނީ އިންޑިއާގެ 42،638 ފަތުރުވެރިންނެވެ. ހުސްވިއަހަރުގެ އެ މުއްދަތުގައި އިންޑިއާއިން 73،785 ފަތުރުވެރިން ރާއްޖެ އައިސްފައިވއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި:-
- 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދަކީ 12792 އެވެ.
- 2024 ފެބްރުއަރީ މަހުގެ ޖުމްލައަކީ 11522 އެވެ.
- 2023 ވަނަ އަހަރުގެ ޖެނުއަރީ، ފެބްރުއަރީގައި ރާއްޖެއައި އިންޑިއާ ފަތުރުވެރިންގެ އަދަދު މިއަހަރަށްވުރެ 19497 މީހުން އިތުރެވެ.
- 2024 މާރޗް މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ އެންމެ 8322 އެވެ.
- 2023 ވަނަ އަހަރުގެ މާރޗް މަހު ޖުމްލަ 18099 މީހުން ޒިޔާރަތްކުރިއެވެ.
2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ 17 ލައްކަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. 2023 ވަނަ އަހަރު އިންޑިއާއިން 209198 އަށް ވުރެ ގިނަ ފަތުރުވެރިން އައެވެ. 2022 ވަނަ އަހަރު އިންޑިއާގެ ފަތުރުވެރިންގެ އަދަދު 2.4 ލައްކައަށް ވުރެ ގިނައެވެ. 2021 ވަނަ އަހަރު ރާއްޖެއައި އިންޑިއާ ފަތުރުވެރިންގެ އަދަދު 2.11 ލައްކައަށް ވުރެ މައްޗެވެ.
ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖެއައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އިންޑިއާއިން ފަތުރުވެރިން އައި އަދަދު ދަށަށް ދިޔައީ އިއްތިފާގަކުން ނޫނެވެ. ދިވެހި ސަރުކާރަށް ނިސްބަތްވާ ބަޔަކު ގަސްދުގައި ކުރި ކަމެއްގެ ސަބަބުންނެވެ.
ބަޔަކު ގަސްދުގައި ނުވަތަ އިހުމާލުން ކުރާކަމެއްގެ ސަބަބުން އާއްމުވެގެންވާ ގެއްލުމެއް މުޖުތަމައަށް ލިބިއްޖެނަމަ އެބަޔަކަށް ގާނޫނީ ފިޔަވަޅު އަޅާ އަދަބުދޭން ޖެހެއެވެ. ހާއްސަކޮށް ދައުލަތުގެ ކަމަކާ ހަވާލުވެ ހުރި މީހަކު ކުރިކަމަކުން ނުވަތަ ނުކޮށް ދޫކޮށްލިކަމަކުން އެއްވެސް ގެއްލުމެއް ނުވަތަ ތަކުލީފެއް އުފުލަން ދައުލަތަށް ޖެހިއްޖެނަމަ ގާނޫނީ ފިޔަވަޅުއަޅާ ގެއްލުމުގެ ބަދަލު ހޯދުމަކީ ވެރިއާގެ މައްޗަށް ލާޒިމުކަމެކެވެ.
މަވެތިކަމުގެ ޖަޒްބާތުގައި ޖެހިގެން ދައުލަތުގެ މުސާރަ ކައިގެން ތިބި ތިން ނައިބަކުވެގެން ގައުމުގެ އިގްތިސޯދު ފުޑާލި ފުޑާލުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއްނޫނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ޝިއުނާއާއި މަލްސާއާއި މަހުޒޫމް ދިންވަރުގެ ގެއްލުމެއް ރާއްޖޭގެ ތާރީހުގައިވެސް ބަޔަކު ނުދެއެވެ. ރާއްޖޭގެ މުޅި އިގްތިސޯދަށް ސިދާކޮންނާއި ނުސީދާކޮށް ލިބުނު ގެއްލުން މިއިން ޒަމާނަކު ފުލެއް ނުބެއްދޭނެއެވެ. އިންޑިއާއިން ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ނައުމުން ގައުމަށް ލިބޭ ފައިސާ ބޮޑުތަނުން މަދުވުމުގެ އިތުރަށް ގެއްލުން ފޫބެއްދުމަށް ދައުލަތުން އެތައް ހަރަދެއް ހިންގަން މަޖުބޫރުވި މަޖުބޫރުވުމަކީ ކުޑަކުޑަ ގެއްލުމެއް ނޫނެވެ.
އަނެއްކޮޅުން ސަސްޕެންޝަނުގައި ބައިތިއްބައިގެން އެ ތިން މީހުނަށް ދައުލަތު މުސާރައިގެ ގޮތުގައި އެތައް ލައްކައެއް މިހާތަނަށް ހަރަދުކޮށްފިއެވެ. ކޮންމެ ހުއްޖަތެއް ދެއްކިޔަސް އެކަމަކީ ހަލާލުކުރެވޭނެ ކަމެއް ނޫނެވެ. މުޅި ދައުލަތަށް ފަހުގެ ތާރީހުގައި އެންމެ ބޮޑުގެއްލުން ދިނުމުން އިނާމެއްގެ ގޮތުގައި މަސައްކަތް ނުކުރުވާ މުސާރަ ދީފައި ބޭތިއްބުމުގެ ފަހަތުގައި އަޑިނޭގޭ ކަންތައް ތަކެއް އެބައޮތެވެ. ދެ އަންހެނެއްގެ ގައިދަށުވެގެން ރައީސް މުއިއްޒު ހުންނަ ހުރުމާމެދު ސުވާލު އުފެދެއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށާއި ބައިނަލްއަގުވާމީ ގުޅުމަށް އެންމެބޮޑު ގެއްލުމެއް ދިން ޝިއުނާ އާއި މަލްސާ މަގާމުން ވަކިކޮށް ފިޔަވަޅު ނޭޅިގެން މިއުޅެނީ ކޮންފަދަ ބްލެކްމޭލަކުން ރައީސް މުއިއްޒު ބްލެކްމޭލްވެފައި ހުރެގެން ހެއްޔެވެ.