މުއިއްޒަށް: ޖަމީލުގެ ފިތުނައިން ގައުމު މިންޖު ކޮށްދެއްވާ
މުއިއްޒުގެ ވެރިކަމުގެ އެންމެ ބޮޑު ކަތުރުފަންޏަކަށް ވެގެންދާނީ ޑރ. ޖަމީލު
ރިޔާސީ އިންތިހާބު ނިމިއްޖެއެވެ. ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަކީ ވެސް ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ނުހަނު ބޮޑަށް ލިބިފައިވާ ދެ ކެންޑިޑޭޓުންނެވެ. ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަ ކުރެއްވިއިރު ދެވަނަ ބުރަށް ވަޑައިގެން ދެ ކެންޑިޑޭޓުންނާ ގާތަށްވެސް އެހެން ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައެއް ނުގަނެއެވެ. ފުރަތަމަ ބުރުގެ ނަތީޖާއިން ރައްޔިތުންގެ ތާއީދު އޮތްގޮތް ވަރަށް ބޮޑަށް ސާފުކޮށް އެގިއްޖެއެވެ.
އެހެނަސް ރާއްޖޭގެ ވެރިކަން ކުރާ ކޮންމެ ވެރިއަކާ ވެރިކަމަކާ ގުޅުވައިގެން ޑރ. ޖަމީލު އިސްވެ ހުކުމެއް ނުކުރާ ވެރިކަމެއް ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް ނުދެކެއެވެ. ރައީސް މައުމޫނަށް ޖަމީލު އެވަރުކޮށްލިއެވެ. ރައީސް ނަޝީދު ދިގުމުއްދަތަށް ޖައްލަށްލާން އާއްމުކޮށް އެތައް އެއްވުމެއްގައާއި އެތައް ތަނެއްގައި ތަކުރާރުކޮށް ގޮވިއެވެ. ގާނޫނީ ހުއްޖަތްތައް ދައްކަމުންނެވެ.
ރައީސް ޔާމީނަށް ޖަމީލު ނުކުރާވަރެއް ނެތެވެ. ވަގަށް ގޮވާ ހާމަކަން ބޮޑު ގޮތެއްގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ އުމުރު ދުވަހު ޖަލުގައި ބޭއްވުމަށް އަމިއްލަ ދުލުން ހުކުން ކުރަމުން ދުވިއެވެ. ޖަމީލު ތުހުމަތުކުރި ހުރިހާ ކުށަކުން ރައީސް ޔާމީނު ދިފާއު ކުރުމަށް ކޯޓުތަކުގައި އެ ދުވަނީ ވެސް އެ ޖަމީލެވެ.
ޖަޒްބާތުގައި ޖެހި ތަހުގީގު ކުރުމެއް ޝަރީއަތް ކުރުމެއް ނެތި މީސްމީހުނަށް އަދަބު ކަނޑައެޅުމާއި ހައްގުތައް ހިފަހައްޓަން ގޮވާލުމަކީ ޑރ. ޖަމީލުގެ އާދައެކެވެ. ގާޒީކަމާއި ރާއްޖޭގެ ޖަސްޓިސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރުކަން ކުރައްވަފައި ހުންނެވި ގާނޫނީ މާހިރަކު އެދަރަޖައަށް ވެއްޓުމަކީ ގާނޫނީ ފަންނަށް ވެސް ކުރެވޭ މަލާމާތެކެވެ. ފުރައްސާރައެކެވެ. ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ނުރައްކާތެރި ކަމެކެވެ.
މިވަގުތު އިންތިހާބީ ރައީސް ޑރ މުއިއްޒަށް ތާއީދު ކުރައްވައިގެން ހުންނަވާ ޑރ. ޖަމީލު އެކުރައްވަނީ އަނެއްކާވެސް ގައުމު ފަސާދަ ކުރުމުގެ މަސައްކަތެވެ. ޑރ. މުއިއްޒާމެދު ރައްޔިތުންގެ އިތުރު ބަޔެއްގެ ނަފްރަތު އިތުރު ކުރުވުމުގެ މަސައްކަތެވެ.
ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރުމާއިއެކު އިންތިގާލީ މަަރުޙަލާގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ދެ ކަމެކޭ ބުނެ ޑރ. ޖަމީލު ފަސާދައިގެ ވާހަކަ ތަކެއް ފަތުރާ ފިތުނައިގެ ހުޅު ރޯކުރަން ފެށީއެވެ. ނިމެމުންދާ ވެރިކަމުގައި ގޯސްތަކެއް ހަދާފައި ހުރިކަމަށް ތުހުމަތު ކުރެވޭނަމަ ކަމަބެހޭ މުއައްސަސާ ތަކުގެ ސަމާލު ކަމަށް އެކަމެއް ގެނައުމަކަށް ހުރަހެއް ނެތެވެ. ރާއްޖޭގައި ފުލުހުންނާއި އެންޓިކޮރަޕްޝަން ކަމިޝަނަކާއި އޮޑިޓަރ ޖެނެރަލެއް އެބަހުއްޓެވެ. އޭރުން އެތަނަކުން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެއެވެ. އެތަންތަނުން އެކަށީގެންވާ ފިޔަވަޅެއް ނަޅައިފިނަމަ ވެރިކަމާ ހަވާލުވެ ވަޑައި ގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް މުއިއްޒު ކުރެއްވީމާ ނިމުނީއެވެ. ރައްޔިތުންގެ ތެރޭގައްޔާއި ސޯސަލް މީޑިއާގައި ޑރ. ޖަމީލު ޔޯ ގޮވާ ހަޅޭފަޅޭ ޖެއްސަސް ވާނެކަމެއް ނުއޮންނާނެއެވެ. އެ ބުނާ ޒާތުގެ ކަމެއް ހިނގިޔަސް ހުއްޓުވަން ޖަމީލަށް ކުރެވޭނެ ކަމެއްވެސް ނުއޮންނާނެއެވެ.
ރައްޔިތުންގެ ތެރޭގައި ޝައްކު އުފައްދާ ރައްޔިތުން ނުތަނަވަސް ކުރުވުން ނޫންކަމެއް ޑރ. ޖަމީލަށް ކުރާކަށް ނޭނގެއެވެ. ވަކިވަކި މީސްމީހުންގެ ނަންތައް ބޭނުން ކޮށްގެން ބޮޑެތި ތުހުމަތުތައް ޖަމީލު މިހާރު ކުރާއިރު އެމީހުންނާ ގުޅިފައިވާ އާއިލަތަކާ އެ މީހުންގެ އަނބިދަރިންނާ ސަޕޯޓަރުން ތިބޭނެކަން ޖަމީލަކަށް ނޭނގެއެވެ. ޝަރީއަތަށް ސާބިތު ކުރުމެއްނެތި ތުހުމަތު ތަކެއް ބައެއްގެ މައްޗަށްކޮށް އަބުރު ކަތިލާއިރު އެ މީހުންގެވެސް ހިތާ ފިތް އެއީ އޮންނަ އެއްޗެއް ކަން ނޭގޭތީ ދެރައެވެ. ރޯކުރާ ނަފްރަތުގެ އަލިފާނުން އަނދާ ހުލިވެގެން ދާނީ ކޮންތަނެއް ކިހާވަރަކަށް ކޮން އިރަކުންކަން ޑރ. ޖަމީލަށް އެނގޭބާއެވެ.
ޑރ. މުއިއްޒެވެ. ކުށެއް އެމީހެއްގެ މައްޗަށް ސާބިތު ނުވާ ކޮންމެ މީހަކީ ވެސް ކުށްވެރިއެއް ނޫންކަމުގެ މަފްހޫމު ޑރ. ޖަމީލަށް ދަސްކޮށްދެއްވާށެވެ. މި ރާއްޖޭގައި އަމާން އޮމާން ސުލްހަވެރި މުޖުތަމައެއް ބާއްވަވައިގެން ހެޔޮވެރިކަމެއް ކުރައްވަން ބޭނުންފުޅު ވެވަޑައިގަންނަވާ ނަމަ ޑރ. މުއިއްޒު ކުރައްވަންވީ ފުރަތަމަ ކަމަކީ ޑރ. ޖަމީލު ސައިޒް ކުރެއްވުމެވެ. މަނިކުފާނުގެ ވެރިކަމުގެ އެންމެ ބޮޑު ކަތުރުފަންޏަކަށް ވެގެންދާނީ ޑރ. ޖަމީލު ނޫން ދެވަނަ މީހެއް ނޫނެވެ.