ފެނަކަ އާއި އާރުޑީސީގެ ގިނަބަޔަކު ވަކިކުރަންޖެހޭ.
އޮއި ކުންޏަކީ ދެކޮޅަށް ދުވާއެއްޗެއް
ކެމްޕޭންގައި ރަށްރަށަށް ވަޑައިގަތުމުން ސަލާމް ކުރަން ސަފަށް އެރި ފެނަކަ އަދި އާރުޑީސީގެ މުވައްޒަފުން ޑރ. މުއިއްޒުގެ އަރިހުން ހޯދި ޔަގީން ކަމަކީ ވެރިކަން ބަދަލު ވިޔަސް އެ މީހުންގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަމެވެ. އެގޮތުން އެ މީހުން އެދުނީ ރައްޔިތުންނާ މުޚާތަބް ކުރައްވާ ވާހަަކަފުޅު ދައްކަވާއިރު އެ ވާހަކަ ވިދާޅުވެ ދެއްވުމަށެވެ. ސަބަބަކީ އެއަޑު އަހަންތިބޭ ޢާއިލާގެ ވޯޓް ވެސް ޑރ. މުއިއްޒަށް ލިބޭނީ އެގޮތުގެ މަތިން ކަމަށް ވާތީއެވެ.
މުއިއްޒު އެ ޔަގީންކަން ދެއްވީ ރައްޔިތުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ވައިރަލް ވެފައިވާ ވީޑިއޯ އަކުން ފެންނަ ފެނުމުގައި ޑރ. މުއިއްޒު ވިދާޅުވި އިރު ބަސްމަގުގެ ކުށަކުންވިޔަސް ވިދާޅުވީ ހަގީގަތުގައި ހަމަ ވިދާޅުވާންޖެހޭ ގޮތަށެވެ.
ނިމިދާ ސަރުކާރުން ކުންފުނިތަކުން ވަޒީފާ ދީގެން އެތައް ހާސް މުވައްޒަފުންނެއް އިތުރުކުރިއެވެ. އެ އާއިލާ ތަކަށް ރަނގަޅުވެ އަދި އެންމެ ފަހުން އެ މީހުންގެ ވޯޓް ވެސް ލިބޭނެކަމުގެ އުންމީދުގައެވެ. ހަގީގަތުގައި އެއީ ނިމިދާ ސަރުކާރަށް ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި ލިބުނު ލަނޑެކެވެ.
ވޯޓުލިބޭނެ ކަމުގެ އުންމީދުގައި ޕާޓީއަށް އިޚުލާޞްތެރި މީހާ ހުއްޓާ މާދުރުގައި ތިބި އެހެން ބަޔަކަށް ވަޒީފާ ދިނުމެވެ. އާޚިރު ދެކޮޅުން ކުރެ ކޮޅަކުން ވޯޓް ނުލިބި އިންތިޚާބުން ބަލިވީއެވެ.
ހަގީގަތުގައި ރާއްޖޭގައި އޮތީ ސިޔާސީ ދެ ޕާޓީއާ ދެކުލައެވެ. ތާއީދު ކުރާ މީހުން ދެބަޔަށް ބެހިފައި އެވަނީ ދީނަކަށް ވެދެ ތިބި ގޮތަށެވެ. ތިމާ އެހިނދަކު ސަޕޯރޓް ކުރާ މީހާއަކީ ނަމާދު ނުކުރާ ރާބޯ ނުވަތަ ދޮގުހަދާ ނުވަތަ ކޮރަޕްޓް ވަގެއްކަން އެނގުނަސް އީމާން ވެގެން ތިބީ ވަކިވަރަކަށް ނޫނެވެ. އެއްވެސް ބަޔަކީ އެކަނި ވެރިކަން ކަށަވަރުވާ ބައެއް ނޫނެވެ. މަދުވާ އެތިކޮޅު ހޯދަނީ ދެމެދުގައި އުޅޭ އޮއިކުނި އެއްކޮށްގެންނެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބްގެ ފުރަތަމަ ބުރުން ފާހަގަވި ކަމަކީ ގަދަކޮށް އޮތް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ފަޅިވެ ކުދިވެފައި އޮތް އެމްޑީޕީގެ ކެންޑިޑޭޓަށް ވުރެ 15 ހާސް ވޯޓް އިތުރަށް ނެގުމެވެ. ނަތީޖާއަކީ ފުރަތަމަ ބުރުން ގިނަވޯޓް ހޯދިކޮޅަށް ހުރިހާ އޮއިކުނި ޖަމާވެ، ނުވިތާކަށް އެމްޑީޕީ ފަޅިވިތަނުން ވެސް ބައެއް އެކޮޅަށް ލެއްގުމެވެ.
ތަޖުރިބާއިން އެނގިފައި މި ވަނީ ސިޔާސީ ފައިދާއެއް ކޮށްފާނެ ކަމަށް ޕާޓީން ބޭރު މީހުންނަށް ވަޒީފާ ދިނުމަކީ ސިޔާސީ ގޮތުން ފައިދާއެއް ނެތް ކަމެއް ކަމެވެ. ޑޮކްޓަރ. މުއިއްޒު ވެސް ވެރިކަން ކުރައްވަންޏާ އޮތް އެންމެ ރަނގަޅު ގޮތަކީ ސީދާ ރޮނގު ދަމައިގެން ވަޒީފާ ދެއްވުމެވެ. އޮއި ކުންޏަކީ ދެކޮޅަށް ދުވާއެއްޗެކެވެ.