ސިޔާސީ މަގާމުތައް މަދުކުރާ ހިސާބަށްދާނީ ކިހާވަރެއްވީމާ!
ކުރާ ހޭދައާއި ގާތަށްވެސް ނެރެދެވޭ ހެޔޮ ނަތީޖާއެއްނެތް
ސިޔާސީ މަގާމުތައް މަދުކުރާ ހިސާބަށް ދާނީ ކިހާވަރެއް ވީމާހެއްޔެވެ. މުތުލަގަށް ބާރެއް ލިބިދީފައި އޮތުމުން އެބާރުގެ ބޭނުން ހިފައިގެން ގައުމު ދަވާލާކަށް އިހުލާސްތެރި ވެރިއަކު ދިމައެއް ނުކުރާނެއެވެ. ސިޔާސީ މަގާމުތައް މަދުކުރާ ހިސާބަށް ދިޔައިމާ އެކަމުގެ ކެރުން މުއިއްޒުގެ ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީމާ އަންނަނީ ހިންޏެވެ.
ގާނޫނު އަސާސީ ލާޒިމުކުރާ މުއައްސަސާތަކާއި އެތަންތާނގައި ތިބެންޖެހޭ ކަމަށް ގާނޫނު ބުނާ މީހުންނަށް ދައުލަތުން ކުރަންޖެހޭ ހޭދަ ލިބޭ އާމްދަނީއާއި ނުބައްދަލު މިންވަރަށް ބޮޑެވެ. އޮތުން ލާޒިމު މިނިވަން މުއައްސާސާތަކަށް ދައުލަތުގެ އާމްދަނީން ކުރާ ހޭދައާއި ގާތަށްވެސް އެތަން ތަނުން ނަތީޖާއެއް ނުނެރެވެއެވެ.
އިންސާނީ ހައްގުގެ ދާއިރާގައި ހިއުމަން ރައިޓްސް ކަމިޝަނެއް އޮވެގެން ލިބިދެވޭ އިންސާނީ ހައްގެއް ނެގެހެއްޓޭ އިންސާނީ ކަރާމާތެއް އޮންނަ ކަމަކަށް ގިނަ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. އިންސާނީ ހައްގު ކަށަވަރު ކޮށްދެވޭކަން ރައްޔިތުންނަށް ކަށަވަރު ނުވަންޏާ ހިއުމަން ރައިޓްސް ކަމިޝަނެއް ބަލި ދަރިއެއްގެ ގޮތުގައި ދައުލަތުން ބޮޑެތި ހޭދަކުރުވަން އޮތުމުގެ ބޭނުމެއް ނެތެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ފޫގަޅައިގެން އެ މީހުން އުޅެނީ ހުއްޓާނުލާ ރެޔާއި ދުވާލު ކޮރަޕްޝަން ނައްތާލުމުގައި ކަމަށް ވެއެވެ. އެހެނެއް ކަމަކު މުޅި ގައުމު ދަނީ ކޮރަޕްޝަނުން ތަތްތެޅި ހަރާބުވަމުންނެވެ. މިހެން ކިޔާފައި ނުކިޔާނެ އެއްވެސް ތަނެއް ނެތެވެ. އެހެނޭ ކިޔާފާ ކޮށާލަން އެނގެނީ ކައުންސިލްތަކުގެ ވަރައެވެ.
ކުރާ ހޭދައާއި ގާތަށްވެސް މިނިވަން މުއައްސަސާތަކުން ނެރެދެވޭ ހެޔޮ ނަތީޖާއެއް ނެތެވެ. މިނިވަން މުއައްސަސާތަކުގެ ހާލު އެގޮތަށް އޮތްއިރު ފިސްކަލް ރިފޯމުގައި ރައީސްގެ އިހުލާސްތެރިކަމެއް ނެތެވެ. މުތުލަގަށް ރައީސަށް ބާރެއް އޮތަތީ ވުޒާރާތަކާއި ސިޔާސީ މަގާމް އުފައްދައިގެން ދައުލަތް ނޮޅާކެއުމުގައި ރައީސް ހުރީ ލަވަކިޔާލާފައެވެ.
22 ވުޒާރާ ހަދައިގެން ކޮންމެތަނަކަށް ބޮޑު އިދާރީ އޮނިގަނޑެއް ހަދައިގެން ސިވިލް ސާރވިސް އޮތީ އަތްގުޅި ނުކާވަރުކޮށްލާފައެވެ. ވަޒީރުންނާއި ވަޒީރުންގެ ވަޒީރުންނާއި ވަޒީރު ފެންވަރުގެ ވަޒީރުންނާއި ބަނޑުއަކިރި ސިޔާސީ ވެރިންލާ ކޮންމެ ވުޒާރާއެއް ވަނީ ދައުލަތް ކޮށާކާ މެޝީނަކަށް ހަދާފައެވެ. ރައީސް އޮފީހާއި ގަނޑުވަރުތަކުގައި ސިޔާސީ މީހުން ތިބީ ބާރުކޮށް ވައްޓެއްގައި ކަނޑޫ ޖަހާލާފާ ތިބޭހެނެވެ.
ފިސްކަލް ރިފޯމުގެ ނަމުގައި ކަނޑާލަނީ ރައްޔިތުންނަށްދޭ އާސަންދައެވެ. ކަރަންޓާ ފެނާ ކާޑަށްދޭ ސަބްސިޑީއެވެ. އެއްކޮށް ގަނޑުކުރަނީ އާމްދަނީ ހޯދާދޭ ކުންފުނިތަކެވެ. ސަރުކާރުގެ އޮނިގަނޑު ކުޑަކޮށް ވުޒާރާތައް މަދުކޮށް ސިޔާސީ ވެރިން ކެނޑުމުގެ ވިސްނުމެއް ނެތެވެ.