އިންޑިއާއަށް ގައުމު ވިއްކާލާކަމަށްބުނި ކޯޕަރޭޓްވިސާ މިހާރު އޯކޭ!

ހަގީގަތް އޮޅުވާލުމުގެ މުއިއްޒު ވަރެއް ނެތް

އިންޑިއާއަށް  ގައުމު  ވިއްކާލާކަމަށްބުނި ކޯޕަރޭޓްވިސާ މިހާރު އޯކޭ!

ރައީސް މުއިއްޒު އައު މަސައްކަތެއްގެ ގޮތުގައި "އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފްކުރަން" ވިދާޅުވިއަސް؛ މި މަސައްކަތަކީ އެމްޑީޕީ ސަރުކާރުން 2020 ގައި އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް " ކޯޕަރޭޓް ރެސިޑެންސީ ވިސާ" ގެ ނަމުގައި މުޅިން ނިންމާފަ އޮތް މަސައްކަތެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒު ވިދާޅުވެއްޖެއެވެ.

ގާނޫނުގައި ނެތަސްވެސް ރައީސް ޔާމީނުގެ ސަރުކާރުންވެސް މިފަދަ ޚިދުމަތެއް ފޯރުކޮށްދީފައިވާކަމަށް ފައްޔާޒު ފާހަގަ ކުރައްވައެވެ.

ކޯޕަރޭޓް ރެސިޑެންސީ ވިސާ އަކީ އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ތިބުމަށް ހިތްވަރު ދިނުމަށް އެމްޑީޕީ ސަރުކާރުން ތައާރަފްކުރި އައު ވިސާއެއް ކަމަށާއި އިންވެސްޓަރުން ރާއްޖޭގައި ގިނަ ދުވަހު ތިބުމަކީ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ކުރުމަށް ހުޅުވޭ އައު ދޮރެއް ލުމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން ކޮށްފަހުރި މަސައްކަތްތައް އެއީ ރައީސް މުއިއްޒުގެ މަސައްކަތްތައް ކަމަށް ދައްކަމުން ދިއުމަކީ އައު ކަމެއްނޫން. ނަމަވެސް އިމިގްރޭޝަން ގާނޫނަށް އޭރު އެ ބަދަލު ގެންނަން ހުށަހެޅުމުން ޕީއެންސީން ގޮވަމުން ދިޔައީ ގައުމު ވިއްކާލަނީ ކަމަށެވެ. އިންޑިއާ މީހުން މިތާގައި ވަޒަންވެރި ކުރުވަން އުޅެނީކަމަށް ބުނެ ޕީޕީއެމުން އަޑު އުފުލި ކަން ފައްޔާޒު ހަނދާންކޮށް ދެއްވައެވެ. 

ކޯޕަރޭޓް ރެސިޑެންސީ ވިސާގެ ކަންކަން ހުއްޓާނުލައްވާ ކުރިއަށް ގެންދަވަން ނިންމެވުން އެއީ ހެޔޮފާލެއް ކަމަށާއި އެކަމަށް ރައީސް މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.