ޑްރޯނާ ޖެހުމުން ތަސްލީމް ގެއްލުނީ ކަނޑަށްކަމެއް ނޭގުނު!
ސީރިއަސް އޮޕަރޭޝަނެއްގައި އެ ޑްރޯނެއް ބޭނުމެއް ނުކުރާނެ
ގެއްލޭ މީހުންނާއި އުޅަނދު ފަހަރު ހޯދަން ޑްރޯން ބޭނުން ނުކުރާތީ ހައިރާނެއް ނުވެއެވެ. ދައުލަތުން 37 މިލިޔަން ޑޮލަރު ހޭދަކޮށްގެން ރާއްޖެއަށް ތުރުކީން ޑްރޯން މުއިއްޒު ގަތީ ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރާކަށް ނޫނެވެ. ކަން ދައްކާށެވެ.
އިހަށް ދުވަހު މާލެ އަތޮޅު ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މީހެއްކަމުގައިވާ މ. އަސަރީހަނދާން ތަސްލީމް މުހައްމަދު ހޯދަން ޑްރޯން ބޭނުން ނުކުރާތީ ސުވާލު އުފެއްދުމުގެ މާނައެއް ނެތެވެ. މި އަހަރުގެ މޭމަހު ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު ދޯނި ހޯދާކަށްވެސް ޑްރޯން ބޭނުން ކުރީއެއް ނޫނެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ސީރިއަސް އޮޕަރޭޝަނެއްގައި އެ ޑްރޯނެއް ބޭނުމެއް ނުކުރާނެއެވެ. އެކަން އޮތީ ކުރިންވެސް ތަޖުރިބާ ކުރެވިފައެވެ.
ތުރުކީން ގަތް ޑްރޯންގެ ގޮތް ނޭނގޭއިރު މ. ރަތްމަންދޫ ބޭރުން އެޕްރީލް 20، ގައި ގެއްލުނު ދޯންޏެއް ހޯދުމަށް ޑްރޯން ބޭނުން ކުރީ ނޫން ހެއްޔެވެ. 14 ގަޑިއިރު ދުއްވައިގެންވެސް ރަތްމަންދޫ ބޭރުގައި އޮތް އެ ދޯންޏެއް ޑްރޯނަކަށް ނުފެނުނެވެ. ގެއްލިގެން އުޅުނު އެ ދޯނި ފެނުނީ ހަމަ ރަތްމަންދޫ ބޭރުގައި އޮއްވައެވެ. ތުރުކީން ގަތް ޑްރޯނަށް ދޯނިފަހަރު ވަކި ކުރަން ވެސް ނޭނގުނީތާއެވެ. އނޫނީވިއްޔާ 37 މިލިޔަން ހަރަދުކޮށްގެން ގެނެވިފައި އޮތީ ފޭކް ޑްރޯނަކަށް ވާތީ އޭގެ ފަހުން ބޭނުން ނުކުރަނީވެސް ތޯއްޗެކެވެ.
ޑްރޯނުން ހާސިލްކުރަން އެމްޑީއެފާއި ރައްޔިތުން އުންމީދުކުރި މަގްސަދު ހާސިލު ނުވާތީ އެކި ފަހަރު އެކި ބަހަނާ ދައްކައިގެން ޑްރޯން ބޭނުން ނުކޮށް ފަރުޖައްސަނީ ބަރަހަނާ ނުވާށެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް އަޝްކަރީ ބާރަށް ގޮންޖަހަން މޭ ފުއްޕިޔަސް އެ ކަކުންޏެއް ހަރު ކޮންނަން ވާނީ އެ ކަކުންޏެއްގެ ވަރުންނޭ ބުނާ އަޑުވެސް މުއިއްޒަށް ނީވެނީތާއެވެ. މިހެންވެސް ބުނީމާ ބުނާމީހާ ވަރުގެ ނުބައި މީހަކު ނުހުންނާނެއެވެ.
ހަމަތެދެކެވެ. ޑްރޯނާ ޖެހުނީމާ ތަސްލީމް ގެއްލުނީ ކަނޑަށްކަމެއް ބަނޑަށްކަމެއް ކަށަވަރުވާ ކަމަކަށް ނުވާނެއެވެ. ފޭކް ޑްރޯނު ގަނެގެން މީހުންނެތް އެއަރ ފޯސެއް ހަދައިގެން ފޮނު އެރުވީމާ ކަމަކާ ޖެހުމުން ވާނީ އަގުޅި ނެތް ކަންނޭލަކަށް ކަން ވިސްނާ މީހަކަށް އެނގޭނެއެވެ. މުއިއްޒު ޑްރޯންގަތީ އިންޑިއަން އެއަރ ފޯސްއަށް ގޮން ޖަހާށެވެ. ރާއްޖޭގައި ވެސް އިންޑިއާ އާއި ޗެލެންޖު ކުރެވޭވަރުގެ އެއަރ ފޯސް އެއް އޮތް ކަމަށް ދައްކާށެވެ. ބިޔަ ބޮޑު އިންޑިއާ ބިރުގަންނަވާލާށެވެ. އިންޑީއާގެ އަޝްކަރީ ދެ ހެލްކޮޕްޓަރާއި ޑޯނިޔާ ބޯޓާ ނުލާވެސް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭ ވަރުގެ ގާބިލުކަން ހުރިކަން ދައްކާށެވެ.