3 ދުވަސް ތެރޭގައި ރޮނާލްޑޯގެ ދެވަނަ ހެޓްރިކް
ރޮނާލްޑޯގެ ދެވަނަ ހެޓްރިކް ހެދީ ސައުދީ ލީގުގައި އަލް ނަސްރު މޮޅުވި މެޗުގައި
ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު އަބްހާ އަތުން 8-0 އިން މޮޅުވެ، 72 ގަޑިއިރުގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ދެވަނަ ހެޓްރިކް ހަދައިފިއެވެ.
ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ރޮނަލްޑޯ ވަނީ އަންގާރަ ދުވަހު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ތިން ގޯލް ޖަހައި ދެ އެސިސްޓް ކޮށްފައެވެ.
ޕްރިންސް ސުލްތާން އަބްދުލްއަޒީޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އަލްނަސްރު އިން ވަނީ ލިބުނު ހިލޭ ޖެހުމަކުން މެޗުގެ ފުރަތަމަ 11 މިނެޓު ތެރޭގައި ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނަލްޑޯއެވެ.
ހަމައެއާއެކު، ލިބުނު ދެވަނަ ހިލޭ ޖެހުން ކާމިޔާބުކޮށް، މެޗުގެ 21 ވަނަ މިނެޓުގައި ރޮނަލްޑޯ ވަނީ އަލްނަސްރުގެ ލީޑު ބޮޑުކޮށްފައެވެ.
ފުރަތަމަ ހާފް ނިމުމާއި ގާތްވެފައި ވަނިކޮށް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ފަސޭހަ ކަމާއި އެކު ވައްދާލައި ރޮނާލްޑޯ ވަނީ 72 ގަޑިއިރު ތެރޭގައި، ޖެހިޖެހިގެން ދެ މެޗުގައި ހެޓްރިކު ހަދާ, އޭނާގެ ކެރިއަރުގެ 65 ވަނަ ހެޓްރިކު ކާމިޔާބުކޮށް ރިކޯޑް މުގުރާލާފައެވެ.
އެއާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ 21 ވަނަ ގަރުނުގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ރިކޯޑް މުގުރާލާފައެވެ.