އޮލިމްޕިކްސްގައި ޓްރާންސްޖެންޑަރ އަންހެނުންނަށް ބައިވެރިނުވެވޭގޮތް ހަދަނީ

އޮލިމްޕިކްސްގައި ޓްރާންސްޖެންޑަރ އަންހެނުންނަށް ބައިވެރިނުވެވޭގޮތް ހަދަނީ

އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައި.އޯ.ސީ) އިން ހާމަކޮށްފައިވާ ގޮތުގައި، 2028 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްއިން ފެށިގެން އަންހެނުންގެ ކެޓަގަރީތަކުގައި ވާދަކުރުމުގެ ފުރުސަތު ޓްރާންސްޖެންޑަރ އަންހެނުންނަށް (އަންހެނަކަށް ބަދަލުވެފައިވާ ފިރިހެނުންނަށް) ދެން ނޯންނާނެއެވެ.

އަލަށް އެކުލަވާލި މި އުސޫލުގެ ދަށުން، އަންހެނުންގެ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ބަޔޮލޮޖިކަލް ގޮތުން އަންހެނުންގެ ގޮތުގައި އުފަންވެފައިވާ ފަރާތްތަކަށެވެ. މިކަން ކަށަވަރުކުރުމުގެ ގޮތުން އެއްފަހަރު ކުރެވޭ ސްކްރީނިންގ އެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މި ޓެސްޓުގައި ފިރިހެން ޖިންސީ ސިފަތަކާ ގުޅުންހުރި " އެސް.އާރް.ވައި" ޖީން ހުރިތޯ ބެލުމަށް ކުޅު ނުވަތަ ލޭގެ ސާމްޕަލް ބޭނުން ކުރެވޭނެއެވެ.

އައި.އޯ.ސީގެ ރައީސާ ކާސްޓީ ކޮވެންޓްރީ ވިދާޅުވި ގޮތުގައި، މި ނިންމުމަކީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެކެވެ. އެގޮތުން ފިރިހެން ކްރޮމޯޒޯމްތަކުގެ ސަބަބުން ހަށިގަނޑުގެ ބާރާއި، ކެތްތެރިކަމާއި، ހަކަތަ އިތުރުވުމުގެ ފުރުސަތު އޮންނާތީ، މިއީ މުބާރާތްތަކުގެ އިންސާފުވެރިކަމާއި އެތުލީޓުންގެ ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އުސޫލުގެ ސަބަބުން، ޖިންސީ ގޮތުން އާދަޔާ ހިލާފު ބަދަލުތަކެއް ހުންނަ "ޑީއެސްޑީއެސް" ބައެއް އެތުލީޓުންނަށްވެސް އަންހެނުންގެ ކެޓަގަރީގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.

މި ނިންމުން ނިންމާފައިވަނީ ކަމާބެހޭ މާހިރުންނާއި އެތުލީޓުންގެ މެދުގައި ދިގު މުއްދަތަކަށް ކުރެވުނު ދިރާސާތަކަކަށް ފަހުގައެވެ. މިއީ 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގެ ބޮކްސިން މުބާރާތުގައި، ޖިންސު ކަނޑައެޅުމާ ގުޅޭގޮތުން އުފެދުނު ބޮޑެތި ބަހުސްތަކާ ގުޅިގެން ނިންމި ނިންމުމެއްކަން ފާހަގަކުރެވެއެވެ.

އައި.އޯ.ސީ އިން އިތުރަށް ބުނެފައިވަނީ، މި ސްކްރީނިންގ މަރުހަލާތަކާ އެކުވެސް، ހުރިހާ އެތުލީޓުންނަށް އިހުތިރާމާއެކު މުއާމަލާތްކޮށް، އެފަރާތްތަކަށް ބޭނުންވާ ތައުލީމާއި، ކައުންސެލިންގ އަދި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.