އީރާނަށް ވޯލްޑް ކަޕްގައި ބައިވެރިވެވޭކަށް ނެތް: ދުންޔާމާލީ

އީރާނަށް ވޯލްޑް ކަޕްގައި ބައިވެރިވެވޭކަށް ނެތް: ދުންޔާމާލީ

އީރާނުގެ ކުޅިވަރާއި ޒުވާނުންނާ ބެހޭ ވަޒީރު އަހުމަދު ދުންޔާމާލީ ވިދާޅުވީ، އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްލާ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވާތީ، ވޯލްޑް ކަޕްގައި އީރާނު ބައިވެރިވުމަކީ "މުސްތަހީލު" ކަމެއް ކަމަށެވެ.

އުތުރު އެމެރިކާގެ ގައުމުތަކުގައި އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި އީރާނުން ވާދަކުރާނެ ކަމަށް މީގެ ކުރިން ބެލެވުނު ނަމަވެސް، ދުންޔާމާލީ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމެރިކާގައި އީރާނުގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް ހިންގާފައިވާ އިހާނެތި އަމަލުތަކުގެ ސަބަބުންނާއި، ފާއިތުވި އަށް މަސް ނުވަތަ ނުވަ މަސް ދުވަހުގެ ތެރޭގައި ދެ ހަނގުރާމައެއް ކުރިމަތިކުރުވައި، އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާތީ، ވޯލްޑް ކަޕްގައި ބައިވެރިވުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.

މުބާރާތުގެ ތާވަލު ރޭވިފައިވާ ގޮތުން، އީރާނުން ޖޫން 15 ގައި ކެލިފޯނިއާގެ އިންގްލްވުޑްގައި ނިއުޒީލެންޑާ ދެކޮޅަށް، އަދި ޖޫން 21 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅުމަށްވެސް އޮތީ ތާވަލުކުރެވިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 11 އިން ޖުލައި 19 އަށް، އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ.

އީރާނުގެ ގައުމީ ޓީމަށް އެމެރިކާއަށް ދިއުމުގެ ހުއްދަ ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ފީފާއިން އަންގާރަ ދުވަހުގެ ރޭ ބުނެފައިވެއެވެ.