ކެޕްޓަން ސާޖިއޯ ބުސްކެޓްސް ބާސެލޯނާ ދޫކޮށްލަނީ

ކެޕްޓަން ސާޖިއޯ ބުސްކެޓްސް ބާސެލޯނާ ދޫކޮށްލަނީ

ބާސެލޯނާގައި 18 އަހަރު ހޭދަކުރުމަށްފަހު ސީޒަން ނިމުމުން ބާސެލޯނާ ދޫކޮށްލާނެކަން ކެޕްޓަން ސާޖިއޯ ބުސްކެޓްސް ކަށަވަރު ކޮށްދީފިއެވެ.

ސްޕެއިންގެ ކުރީގެ މިޑްފީލްޑަރު، ސާޖިއޯ ބުސްކެޓް 34، ބާސެލޯނާއަށް 718 މެޗު ކުޅެދީފައި ވެއެވެ. މިއީ އެ ކްލަބުގެ ތާރީހުގައި ތިން ވަނައަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާއެވެ.

ބާސެލޯނާ ކްލަބާއެކު ބުސްކެޓްސް ހޯދި ކާމިޔާބުތަކުގެ ތެރޭގައި ލަލީގާގެ އަށް ތަށި ހޯދުމާއި، އެކު ހަތް ކޮޕާ ޑެލްރޭސްއާއި 7 ސްޕެނިޝް ސުޕަ ކަޕް އަދި ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ހިމެނެއެވެ.

ބުސްކެޓްސް ބުނެފައިވާ ގޮތުން އޭނާގެ މި ނިންމުމަކީ ފަސޭހަ ނިންމުމަކަށް ނުވި ނަމަވެސް މިހާރު ވަގުތުއައިސް ޖެހިއްޖެއެވެ. ބާސާގައިކުރި ދަތުރަކީ ހަނދާން ނައްތާނުލެވޭނެ ދަތުރެއްކަމަށް އޭނާ ބުނެއވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ އޭނާ އަބަދުވެސް ހުވަފެނުގައި ދެކެމުން އަންނަނީ ބާސެލޯނާ ޓީޝާޓާއި އެތާގެ ދަނޑުގައި ކުޅޭތަން ކަމަށެވެ. އޭނާގެ ހުރިހާ ހުވަފެނަތަކެއް މިހާރުވަނީ ހަގީގަތުގައި ހާސިލް ވެއްޖެ ކަމަށް ދެކެއެވެ. ފުރަތަމަ ދުންވަހުން ފެށިގެން ފަހު ދުވަހާ ޖެހެންދެން އޭނާއަށް މިކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތް ތަކަށް އޭނާ ޝުކުރު އަދާކޮއްފައިވެއެވެ.

ބުސްކެޓްސް އެންމެ ފުރަތަމަ ބާސާއަށް ކުޅެން ނުކުމެފައިވަނީ 2005 ވަނަ އަހަރު ޒުވާން ކުޅުންތެރިއެއްގެ ގޮތުގައިއެވެ. އޭނާގެ މި ދަތުރު ނިމުމަކަށް ދާއިރު އޭނާވަނީ ތިން ޔޫރަޕިއަން ސުޕަ ކަޕާއި ތިން ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިއެވެ. މިހާރު އޭނާ ހުރީ ނުވަ ވަނަ ލީގު ޗެމްޕިއަންކަން ހޯދައިގެން ބާސެލޯނާގެ ކެރިއަރު ނިންމާލުމުގެ މަގުމަތީގައެވެ.

ބުސްކެޓްސް ކޭމްޕް ދޫކޮށްލަން ނިންމިކަން އިއުލާން ކުރަމުން ބާސެލޯނާއިން އޭނާ ސިފަކޮށްފައިވަނީ "މިހާތަނަށް ކްލަބް ތަމްސީލުކުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ"ގެ ގޮތުގައެވެ. ސީނިއާ ޓީމާއެކު ބުސްކެޓްސް ހޭދަކުރި 15 އަހަރުގެ ތެރޭގައި އޭނާ ވަނީ 18 ގޯލް ޖަހައި 40 އެސިސްޓް ދީފައެވެ. 

ހުސްވި އަހަރު ޑިސެމްބަރު މަހު ސްޕެއިންގެ ކުރީގެ ކެޕްޓަން ބުސްކެޓްސް ވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފައެވެ. ބުސްކެޓްސް ވަނީ ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްކުޅެފައެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިއެވެ.