މުންކަރާތުން ލިބޭ ނަފާ އިބްރާހީމް ޖަނާބަށް!

ސާޖިދާ ޖަނާބް ކަރޯކޭ ކުއީން

މުންކަރާތުން ލިބޭ ނަފާ އިބްރާހީމް ޖަނާބަށް!

ހަރާން ކަމެއް ކޮށްގެން ހޯދާ އެއްޗަކީ ހަރާން އެއްޗެއްކަމަށް ދީނީ މީހުން ބުނާތީ އަހަމެވެ. ލަވަޔާއި މިޔުޒިކަކީ ހަރާން އެއްޗެއް ކަމަށް ސަލަފު ޝޭހުން ބުނާ އަޑުއަހަމެވެ. ސަލަފު އަނގަވާރު އަލީ ރަމީޒަކީ ލަވަޔާ މިޔުޒިކްގެ ވިޔަފާރިން އެންމެ ބޮޑު ނަފާހޯދި މީހާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަލީ ރަމީޒު މަޝްހޫރު ކަމާއި ފައިސާ ލަވަކިޔައިގެން ހޯދިއެވެ.

އަލީ ރަމީޒު ލަވަކިޔުން ހުއްޓާލާ ގެންގުޅުނުހާ އަގުބޮޑު މިޔުޒިކް ކުޅޭސާމާނުގައި ހުޅުޖަހާ އަންދާލީ މިއުޒިކް ހަރާންކަން އެނގިގެންނެވެ. އަލީ ރަމީޒަށް މަގުދެއްކީ ސަލަފު ޝޭހުންނެވެ. ސަލަފީންގެ އިސް ލީޑަރަކީ ބާބުލް އަވާލީ އަބްދުއްލާ މުހައްމަދެވެ. 

އަބްދުއްލާ މުހައްމަދަކީ ސަލަފީންގެ ބޮޑު ޝޭހު ބާބުލްއަވާލީ މުހައްމަދު އިބްރާހީމް (ޖަނާބު ޝޭހު)ގެ ދަރިއެކެވެ. މައްޗަށްގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރުކަމަށް ޕީއެންސީން ވާދަކުރާ އިބްރާހީމް މުހައްމަދު (އިބްރާހިމް ޖަނާބު) އާއި މެޑަމް ސާޖިދާ ޖަނާބު އަކީވެސް ޖަނާބު ޝޭހުގެ ދަރިންނެވެ. މި އެންމެންނަކީ ވެސް މާ ދީންވެރި ބަޔަކަށް ވެގެން އުޅޭ ބައެކެވެ. 

މެޑަމް ސާޖިދާގެ ދީންވެރިކަން ބޮޑުކަމުން ފިރިހެނުންނާ ސަލާން ނުކުރެވިގެން އުޅުނު އިރެއް ދިޔައެވެ. އާހިރުގައި ބުޅާ ގޯނިން ބޭރުވީއިރު ސާޖިދާ މިވީ ހިލޭ ފިރިހެނުންނާ ބީހޭ ކަރޯކޭ ކުއީނަށެވެ. ދައްކަން މިއުޅެނީ ސާޖިދާގެ ވާހަކައެއް ނޫނެވެ.

ދައްކަން މިއުޅެނީ ދީންވެރިކަމުން އޮބިނޯވެގެން އެހެން މީހުން ކާފަރު ކުރަމުން ދީނަށްޓަކާ މަޖިލިސް މެންބަރުކަން ކުރަން އުޅޭ އިބްރާހީމް ޖަނާބުގެ ވާހަކައެވެ. ކަމެއް ހާސިލުކުރަން ވީމާ ދީނަކަށް ގައުމަކަށް އިބްރާހީމްމެން ނުބަލާ ވާހަކައެވެ. ކިތަންމެ ބޮޑު މަންފާއެއް ގެއްލިގެން ދިޔަސް ދީނުގެ ހައްގުގައި ހަގީގީ ދީންވެރިން ނުކުރާނެ ކަންކަން ހުރެއެވެ. މީހުން ލައްވާވެސް ނުކުރުވާނެ ކަންކަން ހުރެއެވެ. އެހެނެއް ކަމަކު އިބްރާހީމް ޖަނާބުގެ ކިބައިގައި އެ ސިފައެއްނެތެވެ. 

އަންހެން ކުދިން ހިތާނު ކުރުން ލާޒިމުކުރާ ގާނޫނެއް މަޖިލީހުން ފާސްކުރުވަން ސަލަފަށް ބައިއަތު ހިފައިގެން ލޯންޖު ކުރީ މިޔުޒިކާއެކު ކިޔާ ކެންޕޭން ލަވައެކެވެ. އިބްރާހީމް ޖަނާބުގެ ކެންޕޭނަށްޓަކައި ލަވަޔާ މިޔުޒިކް އިބްރާހީމް ޖަނާބަށާއި ސަލަފަށް ހަލާލުވީތާއެވެ. ސަލަފާއި އަލީ ރަމީޒު ތިބީ ހަނެވެ. އެނގޭ ކަމަށްވެސް ނުހަދައެވެ. 

ލަވައާއި މިޔުޒިކަކީ ހަރާން އެއްޗެއްކަމަށް ތަކުރާރުކޮށް އެތައް ތަނެއްގައި އެތައް ފަހަރަކު މި އިބުރާހީމް ޖަނާބު ބުނެފާ އެބަހުއްޓެވެ. ލަވައާއި މިޔުޒިކުން ނަފާ ހޯދުމަކީވެސް ހުއްދަނޫން ކަމެއްކަމަށް މި އިބްރާހީމާއި ސަލަފުން ބުނެއެވެ.

އިބްރާހީމް ޖަނާބު ގޮވައިގެން ބޮޑު ޅިޔަނު ސަޖިދަ ވިއްކާ ރައީސާއި ސާޖިދާ ޖަނާބު ދޮރުން ދޮރަށް ހިނގަމުން ދިޔައީ އަޑުހަރުކޮށް މިއުޒިކާއެކު ޖަހަމުން ދިޔަ ކެންޕޭނު ލަވައަށް ވަޒަން ހަމަކޮށް ކޮރުލަމުންނެވެ. ވޯޓު ހޯދުމުގެ ބޭނުމުގައި ޖަގަހައިގާ ދެޖިންސް ގުޅަކަރުވައިގެން އިބްރާހީމް ޖަނާބުގެ ކަމަކީ މިޔުޒިކާލަވައިން މަޖާ ނެގުމެވެ.

މިހާރަކު ވެސް އިބްރާހީމް ޖަނާބަށް ހުއްދަ ކަމަކަށް ލަވައާއި މިޔުޒިކް ނުވެޔޯލައެވެ. އިބްރާހީމް ޖަނާބު ކުރިކަން ހަލާލުކުރަން ބުނަނީ "އަޅުގަނޑަށް ތާއިދުކުރާ މީހުން ވެސް އެބަ ހަދާ ޅެމާއި ބަންޖާ، އެކަން ކަމަށް އަޅުގަނޑަށް ނެތް ހުއްޓުވޭކަށެއް. އެކަމަކު އަޅުގަނޑު އަމިއްލަ އަށް އެ ކަހަލަ ކަމެއް ނުކުރަން. ތާއިދުކުރާ މީހުންނާއި ޕާޓީން އެކަން ކުރުމަކީ މުޅީން އެހެން ކަމެއް،" ކަމަށެވެ.

ކިހާތާހިރު ހެއްޔެވެ. މުންކަރާތް އެކަނޑާލަނީ އެހެން ބައެއްގެ ބޮލަށެވެ. މުންކަރާތުން ލިބޭ ނަފާ އިބްރާހީމް ޖަނާބަށެވެ.