ގާސިމަށް: ރައްޔިތުން ހޮވާކާ ކޮތަރުތަކަކަށް ނުހެދޭނެ!
ކިއްލި ވިއްކުމުން ފެށިގެން ވެރިކަމާ ހަމަޔަށް ވިޔާފާރި ފުޅާކުރުމުގެ މެނިފެސްޓޯ
މާތްކަލާކޯއެވެ. ދިވެހިންނަށް ގާސިމް އިބްރާހީމް އެނގެއެވެ. ފަސް އަހަރުގެ ވެރިކަމެއްގައި 100 މިލިއަނަރުން އުފައްދާ 3 އަހަރުން ދަރަނި 120 އިން 90 އަށް ތިރިކޮށް އާމްދަނީ 30 އިންސައްތައަށް މަތިކޮށް ދޭން ގާސިމު އުޅޭނެ ކަމެއް ނެތެވެ. 20 ހާސް ހައުސިންގ ޔުނިޓް ވެސް އަޅާނެ ކަމެއް ނެތެވެ. ތިޔަހަރަ ކަން ކަމަކީ ގާސިމަކާ އަރާ އަރަ ފޯދިގެންވާ ކަންކަން ނޫންކަން ގާސިމްގެ މާޒީން އެ ހުރީ ފެންނާށެވެ.
އަމިއްލަ ވިޔަފާރިއަށް ދައުލަތުގެ ކިތައް ބިން ކިހާ ދުވަހެއް ވާންދެން އޮޅުއަޅައިގެން ހިފަހައްޓާފައި އެބަ އޮތް ހެއްޔެވެ. ހުޅުމާލެއިން ގާސިމަށް ދޫކޮށްފައި އޮތްހާ ބިންތަން އެ ހުރީ ހުރި ގޮތަށެވެ. ކުރާކަމެއް ހަރާމުން ހަރާމެވެ. އެހެން މީސްމީހުނަށް ވިޔަފާރި އުސޫލުން ހުޅުމާލޭން ދޫކުރި ބިންތަކުގައި ތަންތަން ހަދާ އޭގެ ނަފާ ރައްޔިތުންނަށް ލިބެމުން ދާއިރު ގާސިމްއަށް ދޫކޮށްފައި އޮތްހާ ބިން އެއޮތީ ރޮލަށެވެ. ތިލަފުށީގެ ބޮޑުބައެއް ވެސް އޮތީ ގާސިމު ސުންބުލީގައެވެ.
ރާއްޖޭގެ އެތަން މިތަނުން ފަޅުރަށާއި ބިންތައް ހޯދައިގެން އޭގެ މަންފާއެއް ރައްޔިތަކަށް ނުކުރާތާ ގިނަ ތަންތަން އޮތީ އެއްކަމެއް ނުކޮށް ދައުލަތުން ބަދަލު ހޯދަން އޮތް ވަސީލަތަކަށް ހަދާފައެވެ. އަކަފޫޓަކަށް ބައިރުފިޔާއެއްގެ މަގުން މާލޭގެ ބޭރުމަގުން ބޮޑު ބިމެއް ކުށްޔަށް ނަގައިގެން ވިލާގޭސް ހިންގާ ބޮޑުފައިދާ އެބަ ހޯދައެވެ. ވިލާ ކޮލެޖުގެ ވިޔާފާރި ވާހަކައެއް ނުދައްކަމެވެ.
ރައްޔިތުންގެ މޮޅުގޮތް ހޯދާދޭން އުޅޭ މަހުޖަނު އާއްމު އާދައިގެ ވިޔާފާރިތަކަށް ވަދެ އެހެން މީހުންގެ ވިޔަފާރިތަކަށް ހުރަސް އެޅުމުގައި ހުރީ ފޫގަޅައިގެންނެވެ. އެހެން ހުރި މީހަކަށް އުފެއްދޭނީ ކޮން 100 މަހުޖަނުންނެއް ހެއްޔެވެ. މިހާރުވެސް މުޅި މާލެ ތެރޭގައި އެއޮތީ ހުސް ވިލާ މާޓެވެ. ކިއްލި ވިއްކަންވެސް ޖެހެނީ ބޮޑު މަހުޖަނެވެ.
ކޮވިޑްގައި ރިސޯޓްތައް ފެސިލިޓީ ތަކަށް ހަދައިގެން ކޮވިޑް ފަންޑުން ބޮޑުބައެއް ކައްވާލާ 80 ޕަސެންޓް މުއައްޒަފުން ވަޒީފައިން ވަކިކޮށް މަގުމަތިކޮށް ބަނޑަށް ޖެއްސިކަން އެމިހުން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ކަޑާނުލާ ތިބި މަދު މުއައްޒަފުންނަށް މަހު މުސާރައަށް ދިނީ އެންމެ އެއްހާސް ރުފިޔާ ކަން އެމުއައްޒަފުން ހަދާން ހުންނާނެއެވެ. ނުކެނޑި ތިބެނީ އެހެން ގޮތެއް ނެތީމައެވެ. ސޭޓްގެ ހެޔޮކަމާ ދީލަތިކަމުން ވާ ލޯތްބަކުން ނޫނެވެ.
ލިބޭ އާމްދަނީ ދަށް ވެލާއިރަށް މުއައްޒަފުންގެ މުސާރައިން ބައެއް ކަނޑާލާ މުއައްޒަފުން މަދުކޮށް މުއައްޒަފު މީހާ މަގުމަތިކުރުން ކަށީގައި ހިފާފައި ހުރި މީހަކަށް ރައްޔިތުންނަށް ހޯދާދެވޭނީ ކޮން ހަމަޖެހުމެއް ހެއްޔެވެ. ރިސޯޓް ތަކުގައި މަސައްކަތް ކުރާ ކުދިންނަށް ހައްގު ސާރވިސްޗާޖް ކޮޅުވެސް ދޭން ނުކުރޭ މީހަކަށް އެހެން ރައްޔިތަކަށް ދޭންކެރޭނީ ކޮން އެއްޗެއް ހެއްޔެވެ.
ސިޔާސީ ބޭނުމަށް ޖެހެލުމެއް ނެތި ފައިސާ ހޭދަކުރަނީ ދައުލަތުގެ ތެރެއިން އަމިއްލަ ޖީބަށް ތިންގުނަ އިތުރަށް ހޯދުމަށެވެ. ވެރިކަން ހޯދައިގެންނާއި ވެރިކަން ހޯދާ ދީގެން އަޅާ ބައި ބޮޑުކުރުމުގެ ދަހިވެތި ކަމުގައެވެ. އަމިއްލަ ޖީބަށްޓަކާ އުމުރު ދުވަހު މަސައްކަތްކުރަމުން އަންނަ ބޮޑު މަހުޖަނު ކިއްލި ވިއްކުމުން ފެށިގެން ވެރިކަމާ ހަމަޔަށް ވިޔާފާރި ފުޅާކޮށްދީ ދައުލަތުގެ ހަޒާނާ ސޭޓްގެ ވަތްގަނޑަށް ހަދާން ތިޔަކުރާ މަސައްކަތް ރައްޔިތުންނަކަށް ނޯޅެއެވެ.
އަމިއްލަ ފައިމައްޗަށް މުއައްޒަފުން ތެދުވިޔަ ނުދީ ތުނބުން ވެއްޓޭ ބަތްފުށް ކައިގެން ތިބޭ ބަޔަކަށް މުއައްޒަފުން ހަދާހެން މަމިގިލީ ރައްޔިތުންހެން ހުރިހާ ދިވެހި ރައްޔިތުންނަކީ ގާސިމުގެ ވަށައިގެން ހޮވާކާން އޫޅޭ ކޮތަރުތަކަކަށް ނުހެދޭނެއެވެ.