ނަޝީދު ދަމާހާ ގުއިރޯނެއްގައި ސަރުކާރު ނުޖެއްސޭނެ!

ފަލިޖަހާ އަތުން ފޮޅުކެނޑުނަސް ދެން އަރާ ހަމައެއް ނުވާނެ

ނަޝީދު ދަމާހާ ގުއިރޯނެއްގައި ސަރުކާރު ނުޖެއްސޭނެ!

މަކުނު ސައްކެޔޮ ގަހަށް އަރާ އިންނަ ބީދައިން އޮބިއަޅައިގެން ތިބޭއިރު މަޖިލީހުގެ ރިޔާސަތަކީ ވާރުތަ މުދާގަނޑެކޭ ކެނެރީގޭ ކުދިންނަށް ހީވަނީ ތާއެވެ. މަޖިލީހުގެ ރައީސް ކަމާއި ނާއިބު ރައީސް ކަމަކީ ހަތްދުވަސް ވެގެން ކީ ނަމުގެ އެއްބައޭ ހީވަނީ ވެސް ތޯއްޗެކެވެ. ތިޔަ މަގާމުތަކެއް ފުރި އެތައް ބަޔަކު މިގައުމު ދެކެފައި އެބަ ތިއްބެވެ. ދީވަލްޕާ ހެދިގެން ސަވާރުވެ ނެއްޓެއް ނޭނގި ލަދު ހަޔާތުގެ ކަންފުޅެއް ނެތިގެނެއް ނޫޅެއެވެ. ކުޑަވެސް ލަދެއްކަމެއް ހުރިނަމަ މަގާމު ދޫކޮށް މިހާރު ދުރަށް ޖެހިއްޖައީހެވެ. 

ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތަށް އިސްކުރި މީހުން އެ ދެ މީހުނަށް ކުރި އިތުބާރު ގެއްލި އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވާ ވަރަށް ވުރެ ބޮޑުތަން އިތުރު އަދަދުތަކުން ސޮއިކޮށް އިތުބާރު ނެތްކަމަށް ހުށަހެޅައިފި ނޫން ހެއްޔެވެ. އިތުބާރު ގެއްލިއްޖެކަން ނޭނގި ދެމިޔަކަނުން ސޮނިފުހެން އިންނަނީ ހިއްސުތައް ސަލާމަތުން ނެތީމައެވެ. 

ރައްޔިތުންގެ ގިނަ ބަޔަކު ތިބިއްޔަކީ ނަޝީދުމެން ޖައްސާހާ ވައްތަރަކަށް ރުހިގެނެއް ނޫނެވެ. ނަޝީދުގެ ފޮޓޯ ވިއްކައިގެން ގޮނޑިތަކަށް ހޮވުނުކަމަށް ނަޝީދުމެން ބުނާ މެންބަރުން ނަޝީދު ދޫކޮށްލީމާ އެއްޗެއް ވިސްނޭކަށް ނުވޭހެއްޔެވެ. މާވަރުގަދަ ނަޒާހަތްތެރިކަމެއް އޮތްކަމަށް ދައްކައިގެން ދައުލަތުން ވައްކަންކޮށް ހިތުހުރި ގޮތަކަށް ކަންކަން ކުރަން ނާޝީދުގެ އައުވާނުންނަށް ޖާގަ ނުލިބުނީމާ ދަނޑި ރޮޓި ޕާޓީއެއް ހަދައިގެން ބިސްގަނޑު އަޅަން އުޅުނަކަސް އެކަމެއް މިގައުމަކު ނުވާނެއެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުދިން މީހުންވެސް ނަޝީދުގެ ދަނޑި ރޮޓި ޕާޓީއަކަށް ނުވަނެވެ. އެމްޑީޕީ ކަނޑާލައިގެން ނަޝީދަށް ވޯޓު ނުދެވުނު ކަމަށް ބުނި 39000 މީހުން ވީތަނެއް ނޭގުނެވެ. ދަނޑި ރޮޓިންނަށް 3000 ސައްހަ ފޯމު ހަމަކޮށް ނުލެވުނީމާ ގޯސްވީ އިލެކްޝަނެވެ. ސަރުކާރެވެ. ތިމާމެނަށް ތާއީދު ނެތްކަމަށް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. 

ޑިމޮކްރަސީއަކީ ތާއީދު ނެތަސް މަގާމުގައި ބައްދައިގެން އޮތުމަށް ދަޑި މޮކް ރެޓްސް ހަދައިފިއެވެ. ރާގުރާގަށް ސޯޝަލް މީޑިއާގައި ޓްވީޓްކޮށް ނޫސްތަކުން ސުރުހީ ހޯދަން ފުމެ ނަގަނީ ތިބި ބައެއްކަން އަންގާށެވެ. ކިތަންމެ ވަރަކަށް ފޮނު އެރުވިޔަސް އިތުރަށް ހޯދޭނެ ތާއީދެއް ދެނެއް ނަޝީދަކަށް ނެތެވެ. މީހާގެ އަސްލު ސިފަ އެންމެ ތަންދޮރު ނޭގޭ މީހާއަށްވެސް އެނގޭ ވަރަށް އަމިއްލައަށް ބަރަހަނާވެ އަދިވެއްޖެއެވެ. 

މަޖިލީހުގައި މަރުތަޅު އަޅުވައިގެނެއް ވެސް ނުތިބެވޭނެއެވެ. އާއްންމު ކޮމެޓީއޭ ދާއިރާ ގޮނޑިއޭ ހުނިގުރާބޭ ކިޔައިގެން ތިބެވުނު ޒަމާން ހިނގައްޖެއެވެ. ނަޝީދާއި އީވާއަށްޓަކާ ދައުލަތުގެ އެއްބާރުގެ ގުދާރު ބިންދާލައިގެން ތިއްބަކަ ނުދޭނެއެވެ. ވެރިކަން ނުކުރެވިގެން އަމިއްލައަށް ގުއިރޯނުގައި ޖެހި ފަހަތުގައި ކެބިނެޓް އަތުރާގެން ހުރެ ދުނިޔޭގެ މީޑިއާތަކުގެ ކުރިމަތީގައި އިސްތިއުފާ ދީފާ ބޮލުގައި ބަޑި ޖެއްސީއޭ ކިޔައިގެން ޖެއްސި ގޭމު ދިވެހިން ހިތުދަހެވެ. 

ރައީސް ޔާމީނު ވެރިކަމުގައި މަޖިލީހަށް ސިފައިން ވައްދާ މެންބަރުންގެ ދަތްދޮޅި ދުއްވާ ފާރުމަތިން އުކާލި ފާޑަށް މިސަރުކަރުން އުޅެގެން ފަނެ ކަމަށް ހީވަނީ ހެއްޔެވެ. މި ސަރުކާރު އޮތީ ނަޝީދުމެން ދަމަހާ ގުއި ރޯނެއްގައި ޖެހޭގޮތަކަށް ނޫނެވެ. ތިޔަ ފާޑަށް މަޖިލީހުގައި ނަޝީދާއި އައުވާނުން ޖަހާގެން އުޅޭ ދަންތުރާގައި ޖެހޭނީ ޕީޕީއެމް-ޕީއެންސީ ކަހަލަ މޮޔައިންނެވެ. މަޖިލީހުގެ ތަޅުމުގައި އިދިކޮޅު އެންމެން ޗަރުކޭސް ކުޅެ ގުނބޯ ހެދިގެން ނަށަނަށާ ބޮކިއަރުވަން ތިއްބާ އެމްޑީޕީން ރޭސް އެއޮށް ނިންމަނީއެވެ. ފަލިޖަހާ އަތުން ފޮޅުކެނޑުނަސް ދެން އަރާ ހަމައެއް ނުވާނެއެވެ.