ޑޮލަރު މާރުކުރުވާ ޖުރުމަނާތައް ކުރަންދިމާކުރީ ބަނގުރޫޓްވެގެން

ޑޮލަރު މާރުކުރުމުގެ ގާނޫނު އުނބަށްޖަހާނީ ވޯލްޑް ބޭންކް ބޮލުގައި އަޅުވާ ތެއްގޯންޏަކުން

ޑޮލަރު މާރުކުރުވާ ޖުރުމަނާތައް ކުރަންދިމާކުރީ ބަނގުރޫޓްވެގެން

މުއިއްޒަށް ސަރުކާރު ނުހިންގޭ ވަރަށް ގޮތް ހުސްވެއްޖެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މުއައްޒަފުންނަށް މުސާރަވެސް ދެވޭނެ ވަރެއް ސަރުކާރުގައި ނެތެވެ. ސަރުކާރު ކުންފުނިތައް ދޮޅިއެޅިއްޖެއެވެ. ޕެންޝަން ފަންޑު ހުސްވެއްޖެއެވެ. މަނިޓަރީއަށް ބިންވިއްކައިގެންވެސް ނަގާނެ ފައިސާއެއް ނެތިއްޖެއެވެ. 

ހުރިއްޔާ ހުރި ބޭންކަކަށް ސަރުކާރު ދަރައިފިއެވެ. ބޮޑެތި އަމިއްލަ ކުންފުނިތައް ވެސް ސަރުކާރަށް ފައިސާ ދަރަންޏަން ނުދެވޭ ވަރަށް ފުނޑިއްޖެއެވެ. ސަރުކާރުން ހޯދާ ހިދުމަތަކަށް ފައިސާއެއް ނުދެއެވެ. ސަރުކާރަށް ގަންނަ މުދަލަށް އަގެއް ނުދެއްކެއެވެ. އެތެރެއިން ދަރަނީގެ ގޮތުގައި ފައިސާ ލިބެން އޮތް މަގުތައް އެކީއެކަށް ބަންދުވެއްޖެއެވެ. ބޭރުން ލޯނެއް އެހީއެއް ނުލިބެއެވެ. 

ޓޫރިޒަމާއި އެހެނިހެން އިންޑަސްޓްރީން ސަރުކާރަށް ޓެކްހާއި ކުއްޔާއި ހިދުމަތުގެ އަގުގެ ގޮތުގައި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭވަރަށް ވުރެ ހަރަދު ބޮޑެވެ. ކަސްޓަމް ޑިއުޓީއާއި ނަގަމުން އައި ފީތަކުން ވެސް ހަރަދުތައް ފޫބެދޭ ވަރެއް ނުވެއެވެ. ނުބުނާން އުޅުނަސް ދިވެހި ސަރުކާރުގެ އަދުގެ ހާލަތަކީ ބަނގުރޫޓް ހާލަތުކަމާ މެދަކު ޝައްކެއް ނެތެވެ. 

ވެރިކަން މުއިއްޒަށް ލިބުނުތާ ކުރީކޮޅު އުޅެގަތް ގޮތްތަކަކުން އޮބި ނޯންނަ ވަރަށް ދައުލަތުގެ ހަރަދުތައް ބޮޑުވެގެން ދިޔައީއެވެ. ގަދަކަން ދައްކަން ނުކޮށް ފަރުޖެހެން އޮތް އެތައް ކަމެއްކޮށް ހަރަދުކޮށް އިސްރާފު ކުރީއެވެ. ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރުގެ ބޮޑު ދަރަންޏެއް ބޯމަތީގައި އަދާކުރަން ޖެހިފައި އޮއްވާ ކޮންމެހެން ނުކޮށް ވާން އޮތް އެތައް ހަރަދެއް ކުރުމުގެ ނަތީޖާ މިއަދު މިބައްދަލުކުރީއެވެ. 

ބޮޑެތި މުސާރަދޭ އެތައްހާސް ސިޔާސީ މުއައްޒިފުންނަށް ވަޒީފާ ދެވިފައި އޮތުމުން ކިތަންމެ ހަރަދު ބޮޑަސް އެއިގެތެރެއިން މަދު މީހަކުނޫނޫ ދޫކޮށްލެވޭކަށް ނެތެވެ. ބޭރުގައި ހުރި އެއްބަސީތަކަށް އިމެއްނެތް ވަރަށް މުއައްޒަފުން ލެވުނީތީ އެއިގެން އެކަކުވެސް ކަނޑާލެވޭކަށް ނެތެވެ، ވެރިކަން ދިފާއުކުރުމަށްޓަކާ އެ އެންމެންވެސް އެގޮތުގައި ބައިތިއްބަން މުއިއްޒަށް މަޖބޫރެވެ. މުއައްޒަފުންނަށް ކުރާހޭދަ ކުޑަކުރުމަށްޓަކައި ކަނޑާލާ މަގުމަތިކޮށްލެވެނީ ފެނަކަ ފަދަކުންފުނިތަކުގައި އުޅޭ ކުދި މުސާރައިގެ ދެރަވަ މުއައްޒަފުންނެވެ. މަތިކިތަންމެ ބަރަސް ގިނަ ބައެއްގެ ރުހުން ހޯދުމަށް ސިޔާސީވެރިންގެ އެކަކުވެސް ކަނޑާލުމުގެ ހިއްވަރެއް މުއިއްޒުގެ ނެތެވެ. 

ފުލުފުލުގައި ގާނޫނުން ލާޒިމުކޮށްގެން ބޮޑެތި އަދަދުތަކުން ރައްޔިތުން ޖުރުމަނާކުރަން ދިމާކުރުމުން ސަރުކާރު ދޮޅިފެނުގައި އެޅިފައިވާކަން ޔަގީން ކުރެވެއެވެ. އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލު އޮންނަ މީހުން އަތުން ވެސް ޓެކްސް ނަގަނީއެވެ. އެއް އަންބަށްވުރެ ގިނަ އަނބިން ގެންގުޅޭ މީހުން އަތުން ވެސް ފީއެއް ނެގުން ގާތެވެ. އެއް ދަރިއަށް ވުރެ ގިނަ ދަރިން ތިއްބަސް ފީނަގާން ނުފަށާނެކަމެއް ނޭގެއެވެ. މިހާވަރުން ދަންޏާ މަގުގާ އަޅާ ފިޔަވަޅަށްވެސް އަގުނަގަން ފަށަން ޖެހެލުން ނުވާވަރަށް ސަރުކާރު ހާލުގައި ޖެހިއްޖެއެވެ. 

ދައުލަތް ހިންގުމުގެ ހަރަދު ކުޑަނުކުރެވުމުން މިހާރު އެހުރީ ގާނޫނުން ލާޒިމްކޮށްގެން ރިސޯޓުތަކުގެ ޑޮލަރ އާމްދަނީން %40 ޕަސެންޓް މާރުކުރުވަން ހިފާލާފައެވެ. ޓޫރިޒަމް އިންޑަސްޓްރީ ފުޑުފުޑުވިޔަސް މުއިއްޒަށް ހެވެ. ޑޮލަރު އާމްދަނީން ބޮލަކަށް 500 މާރުކޮށްގެންވެސް ޑޮލަރުގެ އަގުން ހަތަރުއަނާވެސް ތިރި ނުކުރެވުނު ބަޔަކަށް ޑޮލަރުގެ އަގުތިރި ކުރެވޭތަނެއް ނުފެނެއެވެ. ފެންނަނީ ބޭންކްތަކުން މާރުކޮށްގެން އެއްކުރާ ޑޮލަރުކޮޅު މަނިޓަރީއަށް ނަގައިގެން މުއިއްޒު ތަޅާބުރުވާލާ ތަނެވެ. ގައުމު އިނދަޖެހުނަސް މުއިއްޒަށް ވަރިހަމައެވެ. 

ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 މާރުކުރަން މަޖުބޫރުކުރުވީ ވަރަށް ފުންކޮށް ވިސްނާ މަޝްވަރާކޮށް ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތަކީ އެއީކަމަށް ވެގެންނޯލައެވެ. އެގޮތަށް ދުންފަތުގެ ގާނޫނެއްވެސް ދާދި މިދާކަށް ދުވަހު މުއިއްޒު ތައާރަފް ކުރިއެވެ. އާހިރުގައި އެކަން ނިމުނީ ޑަބްލިޔުއެޗްއޯ ބޮލަށް ކަނޑައިލާ އުނބަށް ޖަހައިގެންނެވެ. ޑޮލަރު މާރުކުރުމުގެ ގާނޫނު އުނބަށްޖަހާނީ ވޯލްޑް ބޭންކް ބޮލުގައި ތެއްގޯނި އަޅުވާފައި ނޫންކަމެއް ނޭގެއެވެ. އެނގޭކަމަކީ އާމްދަނީއަށްވުރެ ހަރަދުބޮޑުވެ ދެކޮޅުޖެއްސޭނެ އެއްވެސް ގޮތެއް މުއިއްޒަށް މިހާރު ފެންނާން ނެތްކަމެވެ.