މަރަށް މަރުހިފުމާ ކުޑަ ކުދިން

އުމުރުން 15 އަހަރު ފުރި 18 އަހަރު ނުފުރޭ ކުދިން ރަނގަޅުވާނީ އަދަބު ދީގެން

މަރަށް މަރުހިފުމާ ކުޑަ ކުދިން
  • ރާއްޖޭގެ ގާނޫނުގެ ކުރިމަތީގައި ތަސައްރަފް ނުފުދޭ ހަގީގީ ކުޑަކުއްޖަކީ އުމުރުން 15 އަހަރު ނުވާ ކުއްޖާ
  • 18 އަހަރު ފުރިހަމަނުވާ ކުދިންގެ ތެރެއިން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުދިން، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކަށް ކުށުގެ ޒިންމާ ނަގަންވާނެ
  • އުމުރުން 18 ނުފުރުމަކީ ކުށް ކުރުމަށާއި ކުށުގެ އަމަލުގައި ބައިވެރި ކުރުވުމަށް އޮތް ލައިސަންސެއް ނޫން

ގިސާސް ހިފުމަކީ އިސްލާމީ ޝަރީއަތުގައި ލާޒިމު ކަމެކެވެ. ގާނޫނު އަސާސީގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީން ކަމަށް ބުނާ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ގާނޫނަކުން ގިސާސް ހިފުން މަނައެއް ނުކުރެވޭނެއެވެ. އެކަން ކަށަވަރުވަނީ އިސްލާމު ދީނާ ތައާރަޒްވާ ގާނޫނެއް ނުހެދޭނެ ކަމަށް ބުނެފައި އޮންނާތީއެވެ.

ރާއްޖޭގެ ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކުށެއް ޝަރީއަތަށް ސާބިތު ވެގެން އެ ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެއެވެ. އަދި އެ ކުއްޖަކަށް 18 އަހަރު ވުމަށް ފަހު ވެސް، އެ ކުށަށް މަރުގެ އަދަބު ނުދެވޭނެއެވެ.

ދިވެހި ރާއްޖޭގެ ގާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ނުފުރެންޏާ އެއީ ކުޑަކުއްޖެކެވެ. ގާނޫނުގައި "ކުޑަކުދިން" ކަމަށް ބުނެފައި ވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ހާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަން ވުމަށްފަހު، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަ ނުވާ ކުދިންނަށެވެ.

ގާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާގެ (ނ) އިސްތިސްނާގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، " ކުށްކުރި ހިނދުގައި 18 އަހަރު ފުރިހަމަނުވާ ކުދިންގެ ތެރެއިން، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުދިން، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކަށް ކުށުގެ ޒިންމާ ނަގަންވާނެއެވެ. އަދި މިފަދަ ކުށްތަކަށް އެކުއްޖެއްގެ މައްޗަށް މި ގާނޫނުގައިވާ ގޮތަށް އަދަބު ކަނޑައަޅަން ވާނީ އެ ކުއްޖެއްގެ އުމުރުން 18 އަހަރު ފުރިހަމަ ވުމަށް ފަހުގައެވެ".

ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސައްރަފު ފުދިފައިވާ ބައެއް ކަމުގައި ނުވާތީއާއި، އެ ކުދިންނަކީ ދައުލަތުގެ ފަރާތުންނާއި އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ބާރުން، ބާރު ހޯދާ ދީގެން އުމުރުން 18 ނުފުރުމަކީ ކުށް ކުރުމަށާއި ކުށުގެ އަމަލުގައި ބައިވެރި ކުރުވުމަށް އޮތް ލައިސަންސަކަށް ވަނީ ވެފައެވެ. 

ކުށްކުރި ހިނދު، 15 އަހަރު ފުރިހަމަވެފައި ނުވާ ކުއްޖަކީ، މައާފު ލިބެނިވި ދިފާއުގެ ފުރިހަމަ ފައިދާ ލިބިގެންވާ ކުއްޖެއް ކަމުގައި ބެލެވޭނެ ކަމަށް ގާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާގެ (ށ) ތަސައްރަފް ނުފުދޭ ކަމަށް ބެލުމުގެ 1 ވަނަ ނަންބަރުގައި ވެއެވެ. އެހެން ކަމުން ރާއްޖޭގެ ގާނޫނުގެ ކުރިމަތީގައި ތަސައްރަފް ނުފުދޭ ހަގީގީ ކުޑަކުއްޖަކީ އުމުރުން 15 އަހަރު ނުވާ ކުއްޖާއެވެ. އިސްލާމީ ޝަރީއަތުގައި ވެސް ތަކްލީފު ލިބުން ކަމަށް ދަލީލުކުރަނީ ބާލިޣުވުން ނުވަތަ އުމުރުން ފަނަރަ އަހަރު ފުރުން ކަމެވެ. 

ގާނޫނުން ލިބިދޭ ރައްކާތެރި ކަމުގެ ނަޖާއިޒު ފައިދާ ނަގައިގެން ކުށްތަކަށް އަރައިގަނެވޭ ގޮތަށް އޮތް އޮތުމުގެ ނާޖާއިޒު ފައިދާ ނަގަނީ އިންތިހާއަށެވެ. ގާނޫނުން ލިބިދޭ ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބި ދިނުމުގެ ވަގުތަކީ ކުށެއް ސާބިތުވެ އުގޫބާތް ކަނޑައަޅާ ވަގުތު އެކަންޏެެކެވެ. 

މީހުން މެރުމާއި މަރާމާރީ ހިންގުމާއި ޑްރަގް ޓްރެފިކިންގއާއި ވައްކަން ކުރުމާއި ފޭރުން ފަދަ މުޖުތަމައަށް ނުރައްކާތެރި ކުށްތައް ކުރުމުގައި 18 އަހަރު ނުފުރޭ ކުދިން އަމިއްލަ އިސްނެގުމުގައި އުޅެނީ މަދެއްކޮށް ނޫނެވެ. ބޮޑެތި މީހުންނާ ބައިވެރިވެގެންނާއި ބައިވެރިކުރުވައިގެން އަމަލީ ގޮތުން 18 އަހަރު ނުވާ ކުދިން އުޅޭތަން ފެންނަނީ ވެސް މާ ގިނައިންނެވެ. ޕޮލިހުންގެ ރެކޯޑް ތަކުން އެކަން މާ ރަނގަޅަށް ސާފުވާނެއެވެ. 

އުމުރުން 15 އަހަރު ފުރި 18 އަހަރު ނުފުރޭ ކުދިންނަށް އެންމެ ރަނގަޅަށް ލިބިދެވޭނެ ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަމަކީ ކުށުގެ އަދަބު ތަންފީޒު ކުރުމެވެ. ގިސާސް ހިފަން ޖެހުނަސް ގިސާސް ހިފުމެވެ. ގިސާސް ހިފުމުގައި ދިރުން ވާކަމަށް ކީރިތި ގުރުއާން ބަޔާން ކުރެއެވެ.