ބެކްޑޭޓްގައި ރައީސް އޮފީހުން މުއައްޒަފުން ކަނޑާލުން

އެއް ރައީސަކު ކުރާކަމެއް އެހެން ރައީސަކު ބަދަލު ނުކުރާހާ ހިނދަކު ހިނގުމަކީ ދައުލަތުގެ ތޮބީއަތް

ބެކްޑޭޓްގައި ރައީސް އޮފީހުން މުއައްޒަފުން ކަނޑާލުން

އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމުގެ ބޮޑު ވައުދާއެކު ވެރިކަމަށް އެރި ޑރ. މުއިއްޒު އަތުފަތު ނޭޅި ގިނަ އަދަދެއްގެ މުއައްޒަފުން ވަޒީފާއިން އެބަ ވަކިކުރެއެވެ. އެންމެ ގިނަ އަދަދަކަށް މުއައްޒަފުން ވަޒީފާއިން ވަކިކުރަނީ ރައީސް އޮފީހުންނެވެ. 

ރައީސް އޮފީހަކީ ދައުލަތުގެ ހަމަ ހިފަހައްޓާ ތަޖުރިބާކާރު ގިނަ އަދަދެއްގެ އިދާރީ މުއައްޒަފުން ތިބޭ ތަނެކެވެ. ރައީސް މައުމޫނު އިރުއްސުރެ މެދު ނުކެނޑި މިއަދާ ޖެހެން ދެންވެސް ދެގޮތެއް ނުވެ ގައުމީ ހިދުމަތުގައި ތިބި ގިނަ މުއައްޒަފުން ތަކެއް ރައީސް އޮފީހުގައި ތިބެއެވެ. ރައީސް ނަޝީދާއި ރައީސް ވަހީދާއި ރައީސް ޔާމީނާއި ރައީސް ސޯލިހު އަރިހުގައި ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު އެ މީހުނަށް ވަޒީފާ އަދާކުރެވުނެވެ. އެ ފުރުސަތު އެ ހުރިހާ ރައީސުން ވެސް އެ މީހުނަށް ދެއްވިއެވެ. 

ތެދެކެވެ. ރައީސް އޮފީހުގެ ހުރިހާ ވަޒީފާއަކީ ސިޔާސީ ވަޒީފާއެވެ. ވަޒީފާ ސިޔާސީ ވުމަކީ ދައުލަތަށް ހިދުމަތް ކުރުމަށް ފުރުސަތު ނުއޮންނާންވީ ސަބަބެއް ނޫނެވެ. ރައީސް އޮފީހުގައި ވަޒީފާ އަދާކުރާ އެންމެންނަކު އައު ރައީސުލްޖުމްހޫރިއްޔާ އަކާ ވިސްނުން ތަފާތެއް ނުވާނެއެވެ. ރައީސް ބަދަލުވިޔަސް މުޅި ރައީސް އޮފީސް ފުށުން ޖަހާލާކަށް ނުވާނެއެވެ. 

މުއައްޒަފުންގެ އިހުލާސްތެރިކަން ވަޒަން ކުރާނީ ކައިރީގައި ގެންގުޅެގެންނެވެ. ރައީސް އޮފީހުގެ އިސްވެރިން ބަދަލު ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ރިޔާސީ ދައުރު ނިމުމުން އެ މީހުންގެ ދައުރު ނުމޭނެއެވެ. އެކަމަކު އިދާރީ މުއައްޒަފުންގެ ވަޒީފާ ދައުރު ބަދަލު ވިޔަސް ބަދަލުވެގެން ނުވާނެއެވެ. މުއައްޒަފަކު ދޫކޮށްލިޔަސް ދޫކޮށްލާން ވާނީ ކުރިޔާލާ އެންގުމަށް ފަހުއެވެ. ވަގުތު ދީފައެވެ. ވަޒީފާ އަދާކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހައްގެކެވެ. ސިވިލް ސާރވިސްގެ ގާނޫނު ރައީސް އޮފީހުގެ މައްޗަށް ނުހިގިޔަސް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގަކުން އެ މުއައްޒަފުން މަހުރޫމެއް ނުކުރެވޭނެއެވެ.

ސިޔާސީ މަގާމު ތަކަކީ ވަކިކުރަންދެން ނުވަތަ އިސްތިއުފާ ދެންދެން ދެމި އޮންނަ އެއްޗެކެވެ. ކުރިގެ ރައީސް ވަޒީފާ ދީފާ ހުންނަ މީހެއްގެ ވަޒީފާ ގެއްލޭނީ އައު ރައީސް އޭނާ މަގާމުން ވަކިކުރީމައެވެ. މުއްދަތު ކަނޑައެޅިގެން އައްޔަނުކުރާ މީހުންނާއި ގާނޫނު އަސާސީގެ 115 ގެ ބޭނުމަށް އައްޔަނުކުރާ މީހުންނާ ތަފާތު ވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރި މީހަކު ކުރާކަމެއް އެހެން ރައީސަކު ބަދަލު ނުކުރާހާ ހިނދަކު އެގޮތަށް އެކަމެއް ހިނގަ ހިނގާ ހުރުމަކީ ދައުލަތުގެ ތޮބީއަތެވެ.

ދެރަކަމަކީ ރައީސް އޮފީހުގެ އިދާރީ ހިންގުމުގެ ބޭނުމަށް ވަޒީފާ ދީފާ ތިބޭ މުއައްޒަފުންނާ ކުޅުމެވެ. ރައީސް އޮފީހުގެ އިދާރީ މުއައްޒަފުން ވެރިކަން ބަދަލުވުމަށް ފަހުވެސް ހިދުމަތަށް ނިކުމެ އުޅެއުޅެ ހުއްޓާ ނޯޓިސްއެއް ދިނުމަކާ ނުލާ ކުރީގެ ތާރީހަކުން ފެށިގެން ވަޒީފާއިން ވަކުކުރާ ކުރުމެވެ.

ނޮވެންބަރ 17 ވަނަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ވަޒީފާއިން ވަކިކުރިކަން މި އަންގަނީ ނޮވެންބަރ 19 ނޫނީ 20ގައެވެ. ބެކްޑޭޓްގައެވެ. ރައީސް އޮފީހުން އެ ގޮތަށް އަމަލު ކުރާއިރު 17،18،19، 20 ގައިވެސް އޮފީހަށް ނިކުމެގެން އެ މުއައްޒަފުން މަސައްކަތް ކޮށްފައިވެއެވެ. ރައީސް އޮފީހުގެ ރެކޯޑް ތަކުން އެކަން އެގެން އެބަހުރެއެވެ. ވަޒީފާގައި ނެތް ބަޔަކު ލައްވާ ރައީސް އޮފީހުގެ މުއައްޒަފުންގެ ގޮތުގައި ރައީސް އޮފީހުގެ ރަސްމީ މަސައްކަތް ކުރުވި ކުރުވުމަކީ ވަރަށް ބޮޑު ގޯހެކެވެ. 

ދުވަހަކު ޕަބްލިކް އޮފިހެއް ހިންގުމުގެ މަސައްކަތް ކުރަން އުޅެފައިނެތް އަނދޮޅުން ލައްވާ ދައުލަތުގެ އެންމެ އިސް އޮފީސް ހިންގަން ދިމާކުރީމާ ނިކަން ގިނައިން ބޮލާފޮށާ ނޭޅިއެއް ނުދާނެއެވެ. މުޅި ގައުމުގެ ހީރަސް ކެނޑި އެގޮތް މިގޮތްވެ ދަރަހިލޭ މަންޒަރު ވައިމަތިން އެބަ ފެނެއެވެ.