އަލީ ހުސައިނަށް: ހާސްނުވޭ! އެގޯސްވެސް މުއިއްޒު ހަދާނެ!

މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތްވެސް މުއިއްޒު އެއޮތީ ހަދާފައެވެ. މަޖިލީހުގެ މެންބަރަކަު އެކަމެއް ބޮޑުވެގެނެއް ނޫޅެއެވެ. އަމިއްލައަށް ދަންމަޅިޖަހައި ކަރަށް މަހާލައިގެން އެތިބީ ހިނި އައިސްފައި ނޫންހެއްޔެވެ.
މަޖިލީހުގައި ތިބިހާ މެންބަރުންނާއި ސިޔާސީ ޕާޓީތަކާއި ގާނޫނީ ވަކީލުން ތިބިތާ ތިބީއެވެ. ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން އެއިން އެކަކަށްވެސް ނުކެރުނެވެ. ކެރުނީ އަލީ ހުސައިން އަށެވެ.
ހުދު ސްޕްރީމް ކޯޓަށްވެސް ކަމަކީ މާ މުހިންމު ކަމަކަށް ނުވެއެވެ. ގާނޫނު އަސާސީގެ ބަލަދުވެރިފަރާތް ކަމަށް ހެދިގެން ގިނަ ކަންކަމުގައި އެތަންވެސް އޮންނަނީ ގަދަ ނިދީގައި ނޫން ހެއްޔެވެ. ގާނޫނު އަސާސީގައި ބުނާ ތިން ބާރުން އެއްބާރު ސިޔާސީ ޕާޓީއެއްެ ގޮނޑިކޮއްކޮއަކަށް ހެދި އިރުވެސް ބަލަދުވެރިޔާއަށް ދެނަހުރި ކަނޑެއް ފަޅެއްނޫނެވެ. އަނގަނެތިގެން މީހަކު ގޮސް މައްސަލަ ވެއްދީމާވެސް އެ ތިބެނީ ދަމަލާފައެވެ.
ގާނޫނު އަސާސީއަށް ގެނައި ކުއްލި ބަދަލާ ގުޅިގެން ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ހުކުމެއް ނެރުމަކަށް އެއްވެސް އިސްކަމެއް ބަލަދުވެރިޔާ ވެސް ނުދޭ ނޫންހެއްޔެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިހާރު އެހުރި މީހާގެ މަގާމަށް މިރޭގެ އިރު އަރަންވާ އިރަށްވެސް ވެފައި އޮންނާނެ ގޮތެއް ނޭނގޭހާ މަޖިލީހުގެ ރައީސް އެހުރީ ހައްސާސް ހާލަތެއްގައެވެ. ޒާތީ މައުލޫމަތުން ވައްކަންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީއަކުން މިހާރުވެސް އޮތީ ވަގަށް ނަގާފައެވެ. އެހެނެއް ކަމަކު ސްޕްރީމް ކޯޓަށް ކަހަރު ވަކެކޭވެސް ހިޔެއް ނުވެއެވެ.
މުޖުތަމައުގެ އާންމު ހަމަޖެހުމަށް އަސަރުކޮށްފާނެ ކަމަށް ފެންނާތީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޯޓު އަމުރެއް ނެރެންޖެހޭ ކަމަށް އަލީ ހުސައިންއަށް ގަބޫލު ކުރެއްވުނަސް ސްޕްރީމް ކޯޓަށް މުހިންމު ކަމެއްކަމަށް ގަބޫލު ކުރެވޭނަމަ ހޭލާ ތިބެގެންވެސް އެކަން ކުރާނެއެވެ. މުޅި ގައުމުގެ އާންމު މަސްލަހަތާ ގުޅިފައި އޮތް ކުއްލި މައްސަލައެއް ކަމަށް ގޮނޑިގެއްލޭ އިސްލާހުވާ ކަމަށް ކޯޓުން ގަބޫލު ކުރާނަމަ އެކަމުގެ ވަށައިގެންހުރި ހުރިހާ މަގެއް ބައްދާ އާރާ ބާރު ހުރިވަރު ދައްކާލީހެވެ. އެކަމަކު ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. ކަމަކީ ކަމުގެ ހައްސާސްކަމަށް ބަލާ ކުޅިބަލަން މަޑުން ތިބޭ ކަހަލަ ކަމެއްނޫން ނަމަވެސް އެ ޝަރީއަތް ހިންގަން އެތިބެނީ މޭ ބޮޑުވެފައެވެ.
ސުލޫކީ މައްސަލަ ބަލައި މަގާމުން ވަކި ކޮށްފާނެތީ ބިރުނަގަނީ އެކޭ މަށަކު ނުބުނަމެވެ. ގޮނޑިގެއްލޭ މައްސަލާގައި ކޮންމެ ގޮތަކަށް ހުކުމް ނިކުތަސް ސްޕްރީމް ކޯޓްގެ ބެންޗުން މަދުވެގެން 3 ފަނޑިޔާރެއްގެ މަގާމު މުއިއްޒު ގެއްލުވާލާނެ ކަމަށް ޔަގީން ކުރެވެއެވެ. މިހާރު އޮތް ބެންޗުން މަޖިލީހުގެ ގޮނޑިގެއްލޭ އިސްލާހާ ދެކޮޅަށް ހުކުމް ނެރުނަސް މުއިއްޒު ކޮންޓްރޯލްކުރާ ފަނޑިޔާރުންގެ ބެންޗް އައުމާއެކު ހުކުމް ރިވިއުކޮށް ބަދަލު ކުރާނެއެވެ. އެހެންކަމުން މިހާރުތި މީހުން ބެންޗުން ބޭލުމުގެ ކުރިން ރޯގިލަކަންފުޅެއް ނުވެއެއް ކަމަކު ނުދާނެތާއެވެ. ވިއްކާލަން އުޅޭ އަގުބޮޑު ޖަވާހިރު ވިއްކާނުލާ ގިނަ ދުވަހު ނީލަމުގައި އޮންނަނީ ނުވިކިގެނެއް ނޫނެވެ. އަގުއަރުވާށެވެ.