ވެރީންގެ ވެރީންނަކީ ރައްޔިތުން
ވެރިންގެ މިސްރާބު ސީދާ ކުރަން ޖެހޭނީ ރައްޔިތުންނާއި ދިމާލަށް
ދުނިޔޭގެ ނިޒާމްތަކުގެ ތެރޭގައި ދިމިގުރާތީ ނިޒާމް ބަލައިގަންފައިވަނީ ގިނަ ސަބަބުތަކެއް ހިމެނިގެންނެވެ. ނިޒާމަށް ދައުލަތާއި ރައްޔިތުންގެ އިތުބާރު ލިބުމާއި، ދައުލަތާއި ރައްޔިތުންނަށް އެ ނިޒާމުން ލިބޭ ނަފާތަކެވެ. ތިންބާރެއް ހިމެނޭ ނިޒާމެއްގައި ރައްޔިތުންގެ ކިބައިންވެސް ބައެއް ކަންކަމަށް އެދެއެވެ.
އެއްވެސް ނިޒާމަކީ ހުރިހާ ގައުމަކަށް ބިންވަޅުނަގާ ބަރާބަރު ނިޒާމެއް ކަމުގައި ނުބުނެވިދާނެއެވެ. އަދި ބައެއް ވެރީންނާއި ދިމާވުމުން ބައެއް ނިޒާމުތައް ކަމުދާމިންވަރު ރަގަޅު ވުމާއި ގޯސްވުން ހިމެނެއެވެ. ނިޒާމުތައް ގައުމުތަކުން ބަލައިގަންނަނީ އެ ގައުމެއްގެ ރައްޔިތުންނެވެ. އެ ރައްޔިތުންގެ ކުރީގެ ޖީލުތަކުގެ ގުރުބާނީއާއި ލެޔާއި ދަލުގެ ނަތީޖާއެވެ.
ދިވެހިރާއްޖެއަކީ ވެސް ރަސްކަމާއި ރިޔާސީ ނިޒާމު ތަޖުރިބާކޮށްފައިވާ ގައުމެކެވެ. އަދުގެ ޖީލްތަކާއި ހަމައަށް ވާސިލުވިއިރު ފުރިހަމަވެފައިވާ ރިޔާސީ ނިޒާމެއް ކަމަށް ދިވެހީން ގަބޫލުކުރާ ނިޒާމަކަށް މަރުހަބާ ކިޔައިގެން ތިބި ގައުމެކެވެ. ނިޒާމުގެ ދުޅަހެޔޮކަން ފެންނާނީ މި ނިޒާމު ބަލައިގެން އަހުލުވެރިން މި ނިޒާމުގެ އަސްލުތައް ދަމަހައްޓަން ކުރާ މަސައްކަތެއްގެ އަލީގައެވެ.
ރިޔާސީ ޑިމޮކްރަސީ ތަކަކީ އަދި ބަރުލަމާނީ ޑިމޮކްރަސީ ތަކަކީވެސް ރައްޔިތުން ބާރުވެރި ކުރުވާ ނިޒާމުތަކެކެވެ. މިނިޒާމުތަކުގެ އެންމެ އަސާސީ އެއްސިފައަކީ ދައުލަތުުގެ ވެރީންނަކީ ރައްޔިތުންކަމެވެ. މި ނިޒާމުތައް ރައްޔިތުންގެ ނިންމުންތަކަށް އިހުތިރާމް ކުރެއެވެ. އަދި ރައްޔިތުންވެސް މި ނިޒާމުތަކަށް އިހުތިރާމް ކުރެއެވެ.
ރައްޔިތުންނަށް މި ނިޒާމްތައް ދޫކުރަނީ ވަރަށް ބޮޑެތި މަސްއޫލިއްޔަތެކެވެ. އެ ނިޒާމުތައް ފުރިހަމަކުރުމަށް ކަނޑައަޅާ މަންދޫބުންނާއި ވެރީންނަކީ ކަމަށް ގާބިލު މީހުންކަމުގައި ހަދާ ދިނުމުގެ މައްސޫލިއްޔަތެވެ. މި ޑިމޮކްރަސީތައް އުފެދި އަމަލުކުރަނީ ގިނަ ބައެއްގެ ބައިވެރިވުން ލާޒިމުކުރާގޮތަށެވެ.
އެހެންކަމުން ޑިމޮކްރަސީ ތަކުގެ ދުސްތޫރުގައި ބޮޑެތި މިންގަނޑުތަކާއި ޝަރުތުތަކެއް ރައްޔިތުންގެ މަންދޫބުންނާއި ވެރިން ކަނޑައެޅުމުގައި ހިމަނާފައި ނުހުރެއެވެ. އެބައިގެވެސް ވެރީންނަކީ ރައްޔިތުންނެވެ.
ދައުލަތުގެ މުހިންމު މަގާމު ތަކަކީ ޝަރަފުވެރިކަން ހޯދުމަށް ނުވަތަ އިނާޔަތްތަކެއް އޮތަތީ ވާދަކުރާ މަގާމުތަކަށް ވުމަކީ ގައުމުގެ މިސްރާބު ކަސިޔާރުވާ ކަމެކެވެ. އަދި ޑިމޮކްރަސީގައި އެ ފާހަގަކުރާ ބާރުތަކުގެ ބޭނުމާއި މިނިވަންކަން ކިލަނބުވާނެ ކަމެކެވެ.
ނިޒާމުގައި ޝަރުތުތައް ކަނޑައަޅާފައި ނުހުންނަނީ ރައްޔިތުންނަށް ކުރާ އިހުތިރާމަކުން ކަމުގައި ވުމަކީ އެ މަގާމުތަކުގެ ޝަރުތެއް ނެތުމެއް ނޫނެވެ. ގިނަ ފަންނުތަކާއި ތަޖުރިބާ ނިޒާމުތައް ފައްކާ ކުރުމަށް ބޭނުން ވުމެވެ.
ދިވެހި ދައުލަތުގެ ވެރި މީހާގެ ޝަރުތަކީ ދިވެއްސަކަށް ވުމާއިއެކު ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުމެވެ. މޮޔައެކޭ ކަނޑައެޅިގެން ލިޔެފައި ނެތްކަމުގައި ވިޔަސް ބުއްދީގެ ސަލާމަތުގެ ވާހަކަ ޝަރުތަކަށް އޮވެއެވެ.
މަޖިލިސް މެމްބަރަކަށް ވެސް އޮންނަނީ ވެރި މީހާ ހޮވުމަށް އޮންނަ ޝަރުތެވެ. މި ޝަރުތުތަކުގެ ޒިންމާ ތަފާތެވެ. މަސްއޫލިއްޔަތު ބޮޑެވެ. ރައްޔިތުންގެ އުންމީދު އަދި މާބޮޑެވެ. ބުއްދި ސަލާމަތުން ހުރުމަކީ ބަހުސަކަށް ކުޑަ ގޮހޮރާއި ހަވާލު ކޮށްލާން ޖެހޭނެ ކަމެކެވެ. ސޫލާސަރާބު ތައްޓަކުން ބާރު ލިބި ހެޔޮ ހިސާބަކަށް ބަހުސް ހިނގައިދާނެއެވެ.
ދައުލަތުގެ އެންމެ މަތީ އޮފީހުގެ ވެރިޔާއަށް ވުމަކީ ހަމައެކަނި ފަހުރަކާއި ޝަރަފެއް ނޫނެވެ. އެ ފަހުރާއި ޝަރަފުގެ ފަހަތުގައި އޮންނަނީ ހަތަރު ފަރާތުން ބަނދެވިފައިވާ ޒިންމާ އެކެވެ. މައްސޫލިއްޔަތެކެވެ. ރައްޔިތުންނަށް ވެވިފައިވާ ވައުދުތަކެކެވެ. އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާންގެ ގަންދީ ކޮށްފައިވާ ހުވައެކެވެ. އަމާނާތްތެރި ވުމަށެވެ. ހައްގުތައް ތަފާތު ކުރުމެއް ނެތި އަދާކުރުމަށެވެ. ދައުލަތް ކުރިއެރުވުމަށެވެ. ރައްޔިތުންގެ ބަލަދުވެރި ބަފައަކަށް ވުމަށެވެ. އަސާސީ ކަންކަން ފުރިހަމަ ކޮށް ދިނުމަށެވެ.
ރައްޔިތުންގެ މަންދޫބުންގެ ބޮޑު ލަޝްކަރެއް ރައްޔިތުން ހޮވަނީ ވެރިމީހާ ކުރާ ކަންކަން ބަލަހައްޓާ ނިޒާމުގެ ތެރޭގައި ގެންގުޅުމަށެވެ. މި ޒިންމާ އަކީވެސް ހުވައެއްގެ މަތީގައި އަދާ ކުރާ ޒިންމާއެކެވެ.
ޑިމޮކްރަސީ ދަންނަނީ މަގާމުތަކަކާއި ބާރުތަކަކާއި ޒިންމާތަކަކާއި އެކު އަމަލު ކުރުމެކެވެ. މަގާމުތަކަށް ހޮވާނެ ފަރާތްތައް ކަނޑައަޅަނީ ރައްޔިތުންނެވެ. ނިޒާމު ބުނަނީ އެ ނިޒާމުތަކުގެ އަސާސީ މަގާމުތަކަށް ގާބިލު ތަޖުރިބާ ހުރި މީހުން ހޮވާ ދިނުމަށެވެ. އެ ނިޒާމު ފައްކާ ކޮށްދޭން ޖެހެނީ ރައްޔިތުންނެވެ. އެ މައްސޫލިއްޔަތު ނިޒާމުގެ ތެރެއިން ރައްޔިތުން ދޫކޮށްލަނީ ދައުލަތުގެ ވެރީންގެ އަތްމައްޗަށެވެ.
އެއްވެސް ވަކި ނިޒާމަކީ ކަމުނުދާ ނިޒާމެއްކަމުގައި ދެކުމުގެ ފުރުސަތެއް ނޯވެއެވެ. އަދި ވަކި ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމެއް ކަމުގައި ބަލައިގަތުމުގެ ފުރުސަތެއް ވެސް ނޯވެއެވެ. ކޮންމެ ނިޒާމެއްވެސް ފުރިހަމަވަނީ އެ ނިޒާމު ހިންގަން ތިބޭ ބައެއްގެ ގާބިލުކަމާއި ކުޅަދާނަކަމުންނެވެ. އެ ބައެއްގެ ތައުލީމާއި ތަމްރީނާއި ތަޖުރިބާއާއި ތަރުބިއްޔަތުގެ މައްޗަށެވެ.
ނިޒާމުތަކުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަކީ ވެރީންނެވެ. އެ ވެރީންނަކީ ރައްޔިތުންގެ ހާދިމުންނެވެ. ވެރީންގެ ވެރީންނަކީ ރައްޔިތުންނެވެ. އަޑުގަދަވުމާއި، ލަދު ކުޑަވުމަކީ އަދި ހަމައެކަނި ވެރި މީހައަށް ސަނާ ކިޔާ، ޅެން ހަދާ، ވަފާތެރިކަން ދެއްކުމަކީ މަގާމުގެ ޒިންމާ އަދާ ކުރުމެއް ނޫނެވެ. އެއީ ރައްޔިތުން ހަވާލުކުރި ޒިންމާއަށް ގައްދާރު ވުމެވެ.
ވެރިންގެ މިސްރާބު ސީދާ ކުރަން ޖެހޭނީ ރައްޔިތުންނާއި ދިމާލަށެވެ. ދައުލަތާއި ދިމާލަށެވެ. އެކަން އެގޭނީވެސް ތައުލީމާއި ތަމްރީން، ތަޖުރިބާއާއި ތަރުބިއްޔަތު ހުރެގެންނެވެ. ގައުމު ހަމަ މަގުގައި ބޭއްވޭނީ ވެސް ރައްޔިތުންނަށެވެ. އެއީ ނާއިންސާފާއި އަނިޔާވެރިކަމަށް ނޫނެކޭ ބުނެ، ނޫނެކޭ ބުނަން ކެރިގެންނެވެ. ގައުމާއި ރައްޔިތުން ތަނަވަސް ވާނީވެސް އޭރުންނެވެ. ގައުމު ސަލާމަތުން ބޭއްވޭނީވެސް އޭރުންނެވެ. އަންނަން އޮތް ޖީލުތަކަށް ފަހުރުވެރި، ދުޅަހެޔޮ ރާއްޖެއެއް ފޯރު ކޮށްދެވޭނީ އޭރުންނެވެ.


