އެމްޑީޕީ ޓީންއޭޖް ކަޑައްތުކޮށް ޒުވާންކަމަށް
އެމްޑީޕީއަކީ ފިކުރެއް - ވަކިމީހެއްގެ ޕާޓީއެއް ނޫން
ޓީން އޭޖް ހުރަސްކޮށް ޒުވާން ކަމަށް ވާސިލުވެވުނު އެންމެ ޕާޓީއެއްވެސް އެމްޑީޕީ ނޫނީ ރާއްޖޭގައި ނެތެވެ. އެމްޑީޕީގެ ފަހުން އުފެދުނު އެތައް ޕާޓީއެއް އެކްސްޕަޔަރ ވެގެން ގޮސްފައިވެއެވެ. އެމްޑީޕީގެ ފަހުން އުފެދި އުވި ނެތި ދިޔަ ޕާޓީތަކުގެ ލިސްޓް ދިގެވެ. އެމްޑީޕީއާއި ފައި ހަމަކުރަމުން އައި ޕީޕީއެމް ވެސް މިހާރު އޮތީ ނޭވާ ހޮޅިއަށް އެޅި ހިސޯރު ވެފައެވެ.
ރާއްޖޭގައި އުފެދުނު ގިނަ ޕާޓީތަކަކީ ވަކި މީހެއްގެ ސިޔާސީ ބާރުވެރިކަން ދަމަހެއްޓުމަށް އުފެދުނު ޕާޓީތަކެވެ. އެހެނަސް އެމްޑީޕީ ތަފާތެވެ.
އެމްޑީޕީއަކީ ފިކުރެކެވެ. ވަކިމީހެއްގެ ޕާޓީއެއް ނޫނެވެ. އެމްޑީޕީއަށް ވެރިވެ ގަންނަން އުޅުނު މީހަކު ސިޔާސީގޮތުން ބާކީވުމަކީ ރާއްޖޭގެ ޑިމޮކްރެޓީކް ހަޔާތުގެ ހަގީގަތެވެ.
ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގެ މައިޕާޓީއަކީ އެމްޑީޕީއެވެ. ސިޔާސީ އިސްލާހީ ހަރަކާތުގެ މައިބަދައަކީ އެމްޑީޕީއެވެ. 19 އަހަރު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ދެމިއޮތީ ވަކި މީހެއްގެ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށްވުރެ ފިކުރެއް ނަގަހައްޓާ ދެމެހެއްޓުނީތީއެވެ.
ރާއްޖެއަށް ސިޔާސީ އިސްލާހު ގެންނައުމުވިސްނުމުގައި މަސައްކަތްކުރި އެތައް ބައެއްގެ މަސައްކަތާއި ގުރުބާނީގައި ގޯގޯ ލަތީފް އިސްކޮށްހުރެ އުފެދުދުނު އެމްޑީޕީ 19 އަހަރު ދެމިއޮތީ ގިނަ ބައެއްގެ ހިއްވަރާ ފަންވަރުންނެވެ. ޕާޓީން ކޮށްދޭނީ ކޮންކަމެއްތޯ ނުބަލައި ޕާޓީއަށް ތިމާއަށް ކޮއްދެވޭނީ ކޮންކަމެއްތޯ ބަލައިގެން ބަޔަކު ކުރި ބުރަ މަސައްކަތުން ޓީން އޭޖު ކަޑައްތުކޮށް ޒުވާން އުމުރަށް އެޅީއެވެ.
އެންމެ އާދައިގެ ރައްޔިތު މީހާއަށްވެސް އެމްޑީޕީގެ ކުރި ބޯއްޓަށް އައުމަކީ އުނދަގޫ ކަމެއްނޫނެވެ. ބޭނުންވަނީ ހިތްވަރާ ކެރުމެވެ. ދެގޮތެއް ނުވެ ކުރާ އިހުލާސްތެރި މަސައްކަތެވެ.
އެމްޑީޕީއަކީ ވަކި މީހެއްގެ ވަށާއެނބުރޭ ޕާޓީއެއް ނަމަ ނެތި ދިޔަ އެހެން ޕާޓީތައް ފަދައިން އެމްޑީޕީ ނެތިދާނެތާ ކިތަންމެ ދުވަހެކެވެ. އިބްރާއާއި ޑރ. ވަހީދާއި ޑރ. މުނައްވަރާއި ވެސްވަކިވެ ދިޔައީއެވެ. އެނޫންވެސް އެތައް ތަރިއެއް އަރާ އޮއްސުނެވެ. އެމްޑީޕީ އޮތީ އެމްޑީޕީގެ ގޮތުގައެވެ. އެމްޑީޕީން ނިކުމެގެން ދިޔުމަށްފަހު އެއް ފަހަރަށް ވުރެ ގިނަފަހަރު އައިސް ގޮސްވާ އެތައް ލީޑަރުންނެއް އެމްޑީޕީ ދުއްޓެވެ.
ރައީސް ނަޝީދު ވެސް އެމްޑީޕީ ދޫކޮށް ދިޔައީއެވެ. އެމްޑީޕީ އަދިވެސް އެއޮތީ ގަދަކޮށެވެ. އެމްޑީޕީ ރޫޅާލަން އުޅުނު އެންމެންގެވެސް ކެނޑިގެން ދިޔައީ ސިޔާސީ އޮފެވެ. ގެއްލުނީ އިތުބާރެވެ. އެމްޑީޕީ ރޫޅާލަން ނިކުންނަ ކޮންމެ މީހަކުމެ ވެގެން ދަނީ ސިޔާސީ ސޮހުލަކަށެވެ.
އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕަކީ އިސް މުޝީރު ރައީސް ސޯލިހާއި ޕާޓީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދާއި ޗެއަރ ޕާސަން އޮނަރަބަލް ފައްޔާޒު އިސްމާއީލެވެ.
ބަޔަކު އެމްޑީޕީ ނެތްކަމަށް ކިތަންމެ ބާރަށް އަޑުއެރުވިޔަސް އެންމެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ބާރާއި ފައިސާއާއި ރިޝްވަތާއި ދެކޮޅަށް ފަސްދޮޅަހަކަށް ހާސް ވޯޓު އެމްޑީޕީއަށް ލިިބުނެވެ. ވެރިކަމުގައިނެތި މަޖިލީހުން ގެއްލުނު ގިނަ ގޮނޑި ގެއްލުނީ ކުޑަކުޑަ ތަފާތަކުންނެވެ. މަޖިލީހުން 12 ގޮޑި އެމްޑީޕީން ކަށަވަރު ކުރިއެވެ.
ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި ލަދެއް ހަޔާތެއް ނެތް ސަރުކަރަކާ ދެކޮޅަށް އެމްޑީޕީ ނޫން ޕާޓީއަކަށް މަޖިލީހުން އެންމެ ގޮނޑިއެއްވެސް ނުލިބުނެވެ. ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއި ރައީސް ޔާމީނުގެ ޕީއެންއެފް އާއި ރައީސް މައުމޫނުގެ އެމްއާރުއެމް ވެސް ދިޔައީ ފަނުފުލުންނެވެ.