މުއިއްޒަކީ މައުމޫނީ ޖަނާބީ ފިތުނައިގެ ރިވެންޖް
76ޕަސެންޓް ދީނީ އިލްމުވެރިން މުއިއްޒަށް ތާއީދެއް ނުކުރޭ
ރާއްޖޭގައި 363 ދީނީ އިލްމުވެރިން އެ ބަތިއްބެވި ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއެވެ. އޭގެތެރެއިން 87 ބޭފުޅުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ތާއީދު ކުރެއްވުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިން ޑރ. މުއިއްޒަށް ތާއީދު ކުރެއްވުން ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތެވެ.
ރަސްމީ ހައިސިއްޔަތެއް ނެތް "އިލްމުވެރިންގެ ގުޅުން" ކިޔާ ބަޔަކު ވައިބާ ގްރޫޕެއްގައި ނެގި ވޯޓެއްގައި 105 މީހުން ވޯޓު ދީގެން އޭގެތެރެއިން 87 މީހުން މުއިއްޒަށް ތާއީދު ކުރާކަމަށް ބުނުމަކީ ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިން މުއިއްޒަށް ތާއީދު ކުރުމެއް ނޫނެވެ. އެ ވޯޓުގެ ނަތީޖާއިން އެނގިގެން އެ ދިޔައީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން މުއިއްޒަށް ތާއީދު ނުކުރާކަން ނޫން އެހެން ކަމެއް ނޫނެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. ޑރ. މުއިއްޒަކީ ޖަމްއިއްޔަތުއް ސަލަފުގެ ކެންޑިޑޭޓްކަން ދިވެހިންނަކަށް ނޯޅެއެވެ. ސަލަފްގެ ރައީސް އަބްދުއްލާ ބުން މުހައްމަދަކީ ޑރ. މުއިއްޒުގެ ޅިޔަނުކަމެއް ވެސް މީހުންނަކަށް ނޯޅެއެވެ. އެތައް ޒަމާނަކުއްސުރެ އެކި ރާގު ރާގަށް ސަލަފުން ކުރަމުން އައި މަސައްކަތަކީ އެ މީހުންގެ ބާރު ހިނގާ ވެރިކަމެއް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތެވެ.
ސަލަފު މީހުން އުޅޭ ގޮތުން ދީނި އިލްމުވެރިން ތިބީ ހަމައެކަނި ސަލަފުގައޭ ހީވާ ކަހަލައެވެ. އިސްލާމް ދިނާ އިސްލާމީ ޝަރީއަތް ދަންނަނީ ސަލަފަށް އެކަންޏޭ ހީވާ ކަހަލައެވެ. ޑރ. އިޔާޒުމެން ފަދަ އިލްމުވެރިކަމަށް ބޮޑު އިލްމުވެރިންނަކީ ތަންދޮރު ނޭނގޭ ޖާހިލުންނަށް ހަދައިގެން، ނޭދޭ ގޮތަކަށް ފަތުވާދޭ ކޮންމެ އިލްމުވެރިއެއްގެ ނަފްސުގެ ކަރާމާތް ނަގާލަމުން ހަމަ އެކަނި ތިމާމެންނަކީ މީހުން ކަމަށް ދެއްކިގަނެގެން އުޅޭ ކަންދަހާރީ ޝެއިހުންގެ ފިތުނައިގައި މި ގައުމު ޖެއްސިދާނެ ކަމަށް ހީކުރަނީ ހެއްޔެވެ.
ސަލަފީ ކަންދަހާރީ ޝޭހުން ނޫނަސް ރާއްޖޭގައި ވަރަށް ބޮޑެތި ދީނީ އިލްމުވެރިން އެބަ ތިއްބެވިއެވެ. އެ ބޭފުޅުންނަކީ ހަމަތަކާ އުސޫލުތައް ބޮލާލާ ޖަހާ ބާބުލްއަވާލީ މަދަރުސާ ފާޑަށް ރަޖިސްޓްރީ ކުރުމެއް ނެތި އުސޫލުތަކަށް ބޯލެނބުމެއްނެތި ހިންގި މަދަރުސާތަކުން ދަރިވަރުވި ބައެއް ނޫނެވެ. ޕާކިސްތާނާއި ކަންދަހާރު ސަހަރާއިން ދެލިގަނޑު އެކަނި ދަސްކޮށްގެން ނިކުމެ މީހުން ކާފަރު ކުރަމުން ދުވާ ބައެއްވެސް ނޫނެވެ.
ދިވެހި ރާއްޖޭގައި ދީނީ އިލްމު ވެރިންގެ ގޮތުގައި ތިއްބެވި އެތައް އިލްމުވެރިންނެއް ރާއްޖޭގައި އެ ބަތިއްބެވެ. ޑޮކްޓަރުންނާއި ޝެއިހުންނާއި އުސްތާޒުން ބައިވަރެވެ. އެ އެންމެންނަކު މުއިއްޒު ވެގެން ނޫޅެއެވެ. ވަކި ކެންޑިޑޭޓަކަށް ތާއީދު އޮތީ ކިހާވަރަކަށްތޯ ބަލާ ވޯޓު ނަގާ ރައްޔިތުން ވައު ވައްދާކަށް އެ މީހުން ނޫޅެއެވެ. ތިމާ ނުރުހޭ ނޭދޭ ރިޔާސީ ކެންޑިޑޭޓަކަށް ދީނީ އިލްމުވެރިއަކު ތާއީދުކޮށްފިއްޔާ ފަޔަށް ހިނއަރައިގެން އެ މީހުން ފުމެ އަރާތީއެއް ނުފެނެއެވެ.
ސިޔާސީ ބޭނުމަށްޓަކާ ވަކިވަކި ދީނީ އިލްމުވެރިންނާ އަޅައިގަނެގެން ނުނެއްޓިގެން އުޅެނީ ގައިމު ކަމެއް ވެގެންތާއެވެ. ދީނުގެ ނަމުގައި އެހެން އަޅައިގަނެ ނުނެއްޓިގެން އުޅުނު ދިނީ އިލްމުވެރިއެއްގެ ނިމުން އައިގޮތް އިހުސާސް ވުމުން ހުޅުހުޅުން ވާގި ދޫވެއެވެ. ދީނުގެ ނަމުގައި މީސް މީހުންގެ ހިތުގައި ނަފްރަތު އުފައްދާ މީހުން ކާފަރުކޮށް ހަދަމުން ބާރުވެރިކަން ހޯދަން އުޅޭ އުޅުމާ މެދު ނިކަން ބޮޑަށް ވިސްނާން ޖެހެއެވެ.
ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް އިސްލާމު ދީނޭ ޝަރީއަތޭ ގޮވަމުން ދައްކަނީ ސިޔާސީ ވާހަކައެއް ނޫނޭ ބުނެ ދީނީ އިލްމު ވެރިންގެ ނަމުގައި ވައްވައް ޖަހާނެ ކަމެއް ނެތެވެ. ކޮންމެ ރިޔާސީ އިންތިހާބަކަށް ތިލަވާ ދީނާ ގައުމިއްޔަތާ ހުއްރިއްޔަތުގެ ވާހަކަ ދިވެހިން ދަސްކޮށްފިއެވެ. ކޮންމެ މީހަކު ވެސް އެ މީހަކު ބޭނުން މީހަކަށް ތާއީދުކޮށް މަސައްކަތް ކުރުމަކަށް ހުރަހެއް ނެތެވެ. ވަކި މީހަކަށްޓަކައި އެނެކަކު ކާފަރުކޮށް ނަރަކައަށްލާ ތިމާ ރުޙޭ މީހާއަކީ ސިއްދީގަކަށް ހަދައިގެން ދީން ވިއްކަން ނުހަދާށެވެ.
އާނއެކެވެ. މި ދެއްކެނީ ސަމާސާ ވާހަކައެއް ނޫނެވެ. ވަރަށް ދުރާލާ ރޭވިގެން ބަޔަކު ދީނުގެ ނަމުގައި ވެރިކަމެއް ހޯދަން އުޅޭ ވާހަކައަކީ ކުޑަ ވާހަކައެއް ނޫނެވެ. އަދާލަތުން އެމްޑީއޭއިން ޕީޕީއެމުން ޕީއެންސިއަށް ބަދަލުވެގެން ޑރ. މުއިއްޒު އެކުރެއްވި މަސައްކަތަކީ ސަލަފަށް ވެރިކަން ހޯދާ ދިނުމެވެ. ތާއީދު ހޯދުމަށްޓަކާ ރައީސް ޔާމީނުގެ ހިޔަނީގައި މުއިއްޒު ހުރެގެން ކުރަމުން އައި މަސައްކަތަކީ އެއީއެވެ. ޑރ. މުއިއްޒު ނިކުމެ އެހުރީ ޕީޕީއެމަށް ވެރިކަމެއް ކޮށްދޭކަށް ނޫނެވެ. މުއިއްޒު މެދުވެރިކޮށް ސަލަފުން ނަގަން އެ އުޅެނީ މައުމޫނީ ޖަނާބީ ފިތުނައިގެ ރިވެންޖެވެ.