ގާސިމަކާ ކުޅިކުޅިވަރެއް ނުކުޅެވޭނެ!
ސިޔާސީ ބުރަދަނެއް ހުރި ކޮންމެ މީހަކާ ގާސިމު މަޝްވަރާ ކުރައްވާނެ.
ރާއްޖޭގެ ސިޔާސީ ނާރެހުގައި އެންމެ ދުރު ވިސްނިވަޑައިގަންނަވާ އެއް ބޭފުޅަކީ ގާސިމް އިބްރާހީމްއެވެ. ސިޔާސީ ގޮތުން ގާސިމް އިބްރާހީމް ޅައެއްޗެއް އަޅުއްވާފައެއް ނެތެވެ. "ނީޑް ބެޓަރ ޑިމޮކްރަސީ" އިން ފެއްޓެވި ސިޔާސީ ދަތުރުގައި ގާސިމު ބޭނުންފުޅުވެ ވަޑައިގަތް މިސްރާބަކަށް ގައުމުގެ ސިޔާސީ މިސްރާބު އަބަދުވެސް ބަދަލުކޮށް ލައްވައެވެ. ސިޔާސީ ގޮތުން އެމީހާ މިމީހާ ރަނގަޅަށް އެނގިވަޑައިގެން ހުންނަވައެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ކުރެވުނު މަސައްކަތް ކުރެވުނީ މައުމޫނުގެ ބިޔަ މެޖޯރިޓީ އޮތް ހާއްސަ މަޖިލީހަކުންނެވެ. ސިޔާސީ އިސްލާހަށް މަސައްކަތްކުރެއްވި ބޭފުޅުންގެ ބަސްވިކޭ ވަރުގެ މެޖޯރިޓީއެއް އެ ހާއްސަ މަޖިލީހަކު ނެތެވެ. ހާއްސަ މަޖިލިސް އެއްކުރެވުނު ފުރަތަމަ ދުވަހު ވެސް އެ މަޖިލީހުގެ ރައީސަކަށް އިސްލާހީ ހަރަކާތުގެ މަދު މެންބަރުން ކޮޅު ބޭނުންވީ ގާސިމް ގެންނާށެވެ. އެހެނަސް އެދުވަހު އެކަމެއް ނުވިއެވެ. އެކަމުގައިވެސް ދަނޑިވަޅު ބައްލަވާ ގާސިމް އިބްރާހީމް އެނގަކުރި ހިއްޕެވީ ވަރަށް މޮޅަށެވެ.
މައުމޫނުގެ މާލީވަޒީރު ކަމާއި ޑީއާރުޕީގެ ނައިބު ޒައީމްކަން ހޯއްދަވައިގެން މައުމޫނުގެ ބިޔަ މެޖޯރިޓީގެ ރުހުމާއެކު ލިބުނަ ނުދޭން އުޅުނު ހާއްސަ މަޖިލީހުގެ ރައީސްކަން ފަސޭހަ ކަމާއެކު ހޯއްދެވިއެވެ. ގާނޫނު އަސާސީގެ ބިސްމިނުން ފެށިގެން ވައްސަލާމަށް ގާނޫނު އަސާސީ ލިޔެ ފާސްކޮށް ޑިމޮކްރެޓިކް ގާނޫނު އަސާސީއެއް ދިވެހިންނަށް ހޯއްދަވާ ދެއްވީ ގާސިމް އިބްރާހީމް ރައީސް ކަމުގައި އިންނެވި މަޖިލީހަކުންނެވެ.
ގާނޫނު އަސާސީ ނިންމާ ޖުމްހޫރިޕާޓީ އުފައްދަވާ ވަތަން އެދޭ އިއްތިހާދުގެ ތެރެއިން މައުމޫނު ބަލި ކުރައްވާ އެމްޑީޕީ އިސްވެ އޮތް ޑިމޮކްރެޓިކް ސަރުކާރެއް އުފެއްދުމުގައި އިސްވެ ހުންނެވީ ގާސިމެވެ. ޑިމޮރެޓިކް ފުރަތަމަ ރައީސް މުހައްމަދު ނަޝީދުގެ ނޭންގާނިކަން ބޮޑުވެ އެތަކެއް މުސީބާތްތައް ވަކިވަކި މީހުންނަށާއި ގައުމަށް ޖެއްސެވިއެވެ. ގާސިމް " ޖީޓީ މަނިކަށް ހަދާލުން" އެއީ އަމާޒު ކަމުގައި ހިއްޕަވައިގެން ޕެރަޑައިޒްއަށް ފުލުހުން އަރުވާ އެ ރިސޯޓުގެ ސްޕާ ބަންދުކޮށް އަމިއްލަފުޅު ރިސޯޓް ތަކަށް ގަވައިދުން އެތެރެކޮށްފައި ހުރި ބަނގުރާ ހިފަހައްޓާ ކޮންފިސްކޭޓްކޮށް މާލީ ބޮޑެތި އެތައް ގެއްލުން ތަކެއް ގާސިމަށް ކުރިމަތި ކުރުވިއެވެ. ރައީސް ނަޝީދު ޒާތީވެ ވަޑައިގެން އަމިއްލަ ދޫފުޅުން ގާސިމަށް ނިސްބަތް ކުރައްވާ ވިދާޅުނުވާ ކުނިފުޅައެއް ނެތެވެ. ރައްޔިތުންގެ ކުރިމަތީގައި ގާސިމަކީ އިހުތިރާމެއް ގަދަރެއް ނެތް ގައުމު ވީދައިގެން ކާ މީހެއްކަމަށް ސިފަކޮށްދިނެވެ. ކަންކަން އެހިސާބަށް ދިޔުމުން ރައީސް ނަޝީދާ ދެކޮޅަށް ވަރުގަދަ އިއްތިހާދެއް އެކުލަވާލައި ކޮޅަށް ޖެއްސެވިއެވެ. ނަތީޖާއަކަށްވީ ރައީސް ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވުމެވެ. ނަޝީދުގެ ވެރިކަން ވެއްޓި އެމްޑީޕީ މަގުމަތިވުމެވެ.
ޑރ. ވަހީދުގެ ބަގަވީ ސަރުކާރަށް ފަހު ރައީސް ޔާމީނު ވެރިކަމަށް ގެނައުމުގައި ގާސިމްގެ ދައުރު ބޮޑެވެ. ރައީސް ނަޝީދާއެކު ކުރެއްވުނު ތަޖުރިބާއަށް ވުރެ ހިތި އަނިޔާވެރި ތަޖުރިބާ ޔާމީނާއެކު ކުރެއްވުމަށް ފަހު ރައީސް ސާލިހު ވެރިކަމަށް ގެންނެވުމުގައި ގާސިމުގެ އެހީތެރިކަން އިންތިހާއަށް ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ސާލިހުގެ ވެރިކަމަކީ އެންމެ ބޮޑު ހަމަޖެހުމެއް ގައުމަށާއި ގާސިމަށް ވެސް ލިބިވަޑައިގެން ވެރިކަން ކަމަށް ގާސިމު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ފިއްތުން ތަކާއެކުވެސް ކޯލިޝަން ސަރުކާރު ނަގަހައްޓަވާ ދަމަހައްޓަވާ ރައްޔިތުންގެ ތެރެއަށް ހަމަޖެހުން ގެނެސް ދެއްވުމުގައި ރައީސް ސޯލިހު ސިޔާސަތާއި ގައުމު ހިންގެވުމަށް ގާސިމް ސެލިއުޓް ކުރައްވައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކަންކަން ވާގޮތަކުން ގައުމު އަނެއްކާ ފާލުން ނައްޓާލަން އެދިވަޑައި ނުގަންނަވާނެ ބޭފުޅަކީ ގާސިމެވެ. ރައީސް ނަޝީދާއި ބައިއަތު ހިއްޕަވައިގެން ގާސިމު ސަރުކާރެއް އުފެއްދެވިޔަސް އެ ސަރުކާރަކަށް ވެގެން ދާނެ ގޮތް އެންމެ ރަނގަޅަށް އެނގި ވަޑައިގަންނަވާނީ ގާސިމަށެވެ. ހިނގަމުން މިދާ ކޯލިޝަން ސަރުކާރުގައި ކޯލިޝަން ޕާޓްނަރުންނަށް ޖާގަ އޮތްލެއް ބޮޑުކަމުން އެކަމާ ދެކޮޅަށް އަޑުއުފުލާ އިދިކޮޅަށް ވުރެ އިދިކޮޅުވެގެން އުޅެނީ ކާކުކަން ގާސިމަކަށް އޮޅިވަޑައެއް ނުގަންނަވައެވެ.
އެންމެ ފަހުން އޮތް މަޖިލިސް ރައީސް ހޮވުމުގައި ކަންކަން ވެގެން ދިޔަ ގޮތް ގާސިމު ހަނދުމަފުޅެއް ނުނެތޭނެއެވެ. ވަތަން އެދޭ އިއްތިހާދުގެ ހޯމް މިނިސްޓަރ ކަމުން 21 ދުވަސް ތެރޭގައި ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތް ގޮތް ހަދުމަފުޅެއް ނުނެތޭނެއެވެ. ޔާމީނާ އެއްގޮޅީގައި ގާސިމު ދޫނިދޫ ޖަލުގައި ބޭއްވެވި ހައްގެއްނެތް އަނިޔާވެރިކަން ހަނދުމަފުޅުން ކައްސައެއް ނުލާނެއެވެ. އަމިއްލަފުޅު ޖާނާ މާލު ގުރުބާން ކުރައްވައިގެން ފައްޓަވާ ދިރުވާ ދެމެހެއްޓެވި އިސްލާހީ ހަރަކާތާއި އެމްޑީޕީއަށް ވެރިވެ ގަތްގޮތް ގާސިމު ހަނދުމަފުޅެއް ނުނެތޭނެއެވެ.
އާނއެކެވެ. ސިޔާސީ ބުރަދަނެއް ހުރި ކޮންމެ މީހަކާ ގާސިމު މަޝްވަރާ ކުރައްވާނެއެވެ. ދެންމެ ދެންމެ ކޯލިޝަން ހައްދަވާފާނެއޭ ހީވާ ވަރަށް އެކުގައި އުޅުއްވާ ވެސް ފާނެއެވެ. ދިމަދިމާލުން އައިސް ގަނޑުވެ ތޮއްޖެހި ރިޔާސީ އިންތިހާބާ ދިމާކޮށް ކެންޕޭނު ކުރުމުގެ ނަމުގައި ފައިސާ ހޯދަން ފަހަތްޕުޅުގާ މުގޯލިއަޅާ މީހުންގެ ހަގީގަތް ގާސިމަށް ނިކަން ރަނގަޅަށް ސާފުވާނެއެވެ. ރަގުރާގަށް ދައްކާ ކުލަ ހުވަފެނުގެ ހަގީގަތަކީ ކޮބައިކަމާއި ގާސިމްގެ ފަހަރު ކަމަށް ބުނެ ދައްކާ އަވާ މެންދުރުގައި ގާސިމް ޖެހިވަޑައި ގަންނަވާނެ ނަމަ ލަސްކޮށް ފަސްކޮށް ކެންޑިޑެންސީ އިއުލާނު ނުކުރައްވާ މިހާރަކު ނުހުންނަވާނެއެވެ.
ގާސިމް އިބްރާހީމަކީ ސިޔާސީ ގޮތުން ކުޅިވަރު ކުޅުއްވާ ބޭފުޅެއް ނޫނެވެ. ވިސްނުންތެރި ކަމާއެކު ރަނގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅެއް ނޫނީ ނާޅުއްވާނެއެވެ. ގާސިމުގެ ބައިވެރިވެ ވަޑައިގަތުމާއެކު ރާއްޖެ މިހާރު ދެކެމުން މިދާ އަމާންކަމާއި ހަމަޖެހުމާއި ކުރިއެރުމުގައި ކޮޅުފައިން ޖައްސަވާނެ ބޭފުޅަކަށް ގާސިމު ވެވަޑައެއް ނުގަންނަވާނެއެވެ.