މުއިއްޒު ކޮށިއަރުވާލާނެ ބަޔަކީ ޕީއެންއެފް

ޕާޓީގެ ބާރު އަތްއަތް މައްޗަށް ފުރޮޅިގެން ދާގޮތާ ލީޑަރުން ބަކީވުން

މުއިއްޒު ކޮށިއަރުވާލާނެ ބަޔަކީ ޕީއެންއެފް

ދުނިޔޭގައި ޑިމޮކްރަސީ ފައްކާވެފައިވާ ގައުމުތައް ފައްކާވެފާވަނީ ގިނަ ތަޖުރިބާތަކެއް ކުރުމަށްފަހުގައެވެ. ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި ވޭތުވެދިޔަ 15 އަހަރުތެރޭގައި ރާއްޖެއަށްވަނީ ޅަފަތުން އަރައިގަނެވިފައެވެ. ދުނިޔޭގެ ގައުމުތަކުން ކުރި ގިނަ ތަޖުރިބާތައް ރާއްޖޭން އެމުއްދަތުގައިކޮށް ނިމިއްޖެއެވެ. 

ޕާޓީވެރިކަމުގައި އޮތުމާ ނެތުމުގައި ހުރި ތަފާތު ތަޖުރިބާ ކުރެވިއްޖެއެވެ. ޕާޓީގެ ބާރު އަތްއަތް މައްޗަށް ފުރޮޅިގެން ދާގޮތާއި ސިޔާސީ ލީޑަރުން ބަކީވާގޮތް ފެނިއްޖެއެވެ. 

ޑީއާރުޕީ ވެރިކަމުގައި އޮތީ ރައީސް މައުމޫނުގެ ދިގު ތިރިސް އަހަރުގެ ވެރިކަން ނަގަހައްޓައްޓަން ވެރިކަމުގައި ހުންނަވައިގެން އުފެއްދެވި ޕާޓީއަކީ ޑީއާރުޕީއަށް ވުމުންނެވެ. ރައީސް މައުމޫނު ރައީސް ކަމުގައި ހުންނެވީތީއެވެ. 2008ގެ ރިޔާސީ އިންތިހާބުން ރައީސް މައުމޫނު ބަލިވެ ވަޑައިގަތުމުން ވެރިކަމާއެކު ޕާޓީގެ ލީޑަރޝިޕް ވެސް އެމަނިކުފާނަށް ގެއްލި ވަޑައިގަތެވެ. ޑީއާރުޕީގެ ޒައީމް ބާކީވެ ލީޑަރޝިޕް އަހުމަދު ތަސްމީނު އަލީއަށް ފުރޮޅުނެވެ. 

އެންމެފަހުން ރައީސް މައުމޫނަށް ޖެހިވަޑައިގަތީ ޒެޑްފެކްޝަނެއްގެ ތެރެއިން ޕީޕީއެމް އުފައްދަވާ ބާރުވެރި ކުރައްވާށެވެ. ޕީޕީއެމް ރަނގަޅަށް ބާރުވެރިވެ ރައީސް މައުމޫނުގެ ހިޔަނިން ރައީސް ޔާމީނަށް ވެރިކަން ލިބި ވަޑައިގަތުމާއެކު ރައީސް މައުމޫނު ބާކީކޮށް ޕާޓީންވެސް ބޭރުކޮށް ލެއްވީއެވެ.

ދިމާވިގޮތުން ރައީސް މައުމޫނަށް ޖެހިވަޑައިގަތީ ޕީޕީއެމްގެ މިލްކްވެރިކަން ހޯއްދަވަން ކޯޓަށް ވަޑައިގަންނަވާށެވެ. ރައީސް މައުމޫން ކޯޓަށް ވަޑައިގަތުމުން ކޯޓުން ކޮންމެގޮތަކަށް ނިމުނަސް ދިމާވެދާނެ ގޮތަކަށް ބައްލަވާ ބެކަޕް ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އުފެއްދެވިއެވެ. ކޯޓުން ޕީޕީއެމް ލިބިވަޑައިގަތީ ރައީސް ޔާމީނަށެވެ. ރައީސް މައުމޫނަށް ޖެހިވަޑައިގަތީ އެހެން ޕާޓީއެއް އުފައްދަވާށެވެ. ރައީސް މައުމޫނު އިފެއްދެވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އެވެ.

ރައީސް ޔާމީނު އުފެއްދެވި ބެކަޕް ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހިނގަމުން އައީ ޕީޕީއެމްއާއި އެއް ކުޑައިގެ ދަށުގައެވެ. ގާނޫނީ ގޮތުން ދެނަމެއް ކިޔާ ދެޕާޓީއަކަސް ދެޕާޓީ ހިންގަމުން އައީ ޕްރޮގްރަސިވް ކޯލިޝަންގެ ނަމުގައި އެއްފިކުރެއްގައި އެއްއަމާޒަކަށެވެ.

އެމްޑީޕީއަށް ދެވަނަ ފަހަރަށް ވެރިކަން ލިބި އެމްޑީގެ ބާރުވެރިކަން ރައީސް ސޯލިހުގެ އަތްޕުޅު މައްޗަށް ފުރޮޅިގެން ދިޔަ ދިޔުމުގެތެރެއިން ޕާޓީގައި ރެނދުލިއެވެ. ނަތީޖާއަކަށްވީ ފިކުރެއްގެ ދިރުމުގެ ނަމުގައި ފެކްޝަނެއް އުފެދި އެންމެފަހުން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެދުމެވެ.

ޕްރޮގްރަސިވް ކޯލިޝަން 2023 ވީހުގައި ވެރިކަމަށް އައުމަށް ވިއްކެވީ އެކޯލިޝަންގެ ލީޑަރ ރައީސް ޔާމީނެވެ. އެ މަނިކުފާނު ބަންދުގައި ހުންނަވަނިކޮށެވެ. ޕްރޮގްރަސިވް ކޯލިޝަނުން ސިޔާސީގޮތުން ރައީސް ޔާމީނު އެބިއުސް ކޮށްލައިގެން ވެރިކަމަށް ޑރ. މުއިއްޒު ވަޑައިގެން ރައީސް ޔާމީނު ބާކީ ކޮށްލެއްވުމުން ރައީސް ޔާމީނުގެ ވަފާތެރިންނަށް ސިޔާސީ އައު ޕްލެޓްފޯމެއް އުފެއްދުމުގެ މަސައްކަތް އެވަނީ ފެށިފައެވެ. ޕީޕަލްސް ނެޝަނަލް ފްރަންޓް ގެ ނަމުގައެވެ. އޭރުން ޕްރޮގްރެސިވް ކޯލީޝަންނަށް ވެގެން ދާގޮތް ބަލަން ތިބެމާހެއްޔެވެ.