އެމްޑީޕީ ގެއްލޭތަން ފެނިގެން ޖެހި ސްޓަންޓް ގޮވީ އަތަށް
ސްޓަންޓުން އުންމީދު ކުރި ނަތީޖާ ހަސިލެއް ނުވި!
ޖަޒްބާތުގައި ޖެހި ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގި ގެއްލުނު ތާއީދު ހޯދަން ބޮންޑޭއެއް ކަމަކު މާ ޑިމޮކްރެޓކް ވާނެކަމެއް ނެތެވެ. ކުރީގެ ރައީސް ނަޝީދަށް މޭ ހައެއްގައި ދިންހަމަލާ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށި ފުޅުގައި އެޅުވުމަށް ވުރެ ރައީސް ނަޝީދުގެ އަމިއްލަފުޅު އިސްތަށިފުޅުގައި އެޅުވިއްޔާ މާތާހިރު ވާނެއެވެ. އެކަމަށް ބާރުލިބޭ ހެކިތައް މާގިނައެވެ.
ދުވަސްވަރަކީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ އެއްގެ އެންމެ ފޯރިގަދަ ދުވަސްވަރެވެ. މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަ ކުރަނީ ސިޓީކައުންސިލްގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދާއި އަކްރަމް ކަމާލުއްދީންއެވެ. ޝިފާއަކީ ނަޝީދުގެ ކަލްޓްގައި ހިމެނި ވަޑައިގަންނަވާ ނަޝީދުގެ ނަށާމާގަނޑެއް ފަދަ އާއިލީ ބޭފުޅެކެވެ. ރައީސް ނަޝީދު ބޭނުންފުޅުވީ ޝިފާއަށް އެގޮނޑި ކާމިޔާބުކޮށް ދެއްވުމަށެވެ. އެކަމަށްޓަކާ އަކުރަމް ކަމާލުއްދީނަށް ވާދަނުކުރެއްވޭނެ ހުރިހާ ގޮތެއް ހައްދަވަން ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. ރައީސް ނަޝީދުގެ އާދައިގެމަތިން އެންމެ ގަދަޔަށް ކުރައްވާ އެއްކަމަކީ ވާދަވެރިޔާގެ އަބުރު ނަގާލައި ރައްޔިތުންގެ އިތުބާރު ނަގާލުމެވެ.
އަކަރަމް ކަމާލުއްދީނާ ގުޅުވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އަޑު ހަރުކޮށްލިއެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ރިޕޯޓްގައި އެ ނޫން ނަމެއް ނެތް ކަހަލައެވެ. އެ ވާހަކަ ނިކަން ރަނގަޅަށް ވައިގައި ހިއްޕާލުމަށް ފަހު އަކުރަމަށް އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދު ކުރެއްވުމަށް ގައުމީ މަޖިލީހަށް ގަރާރެއް ހުށަހެޅުވިއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް އެމްޑީޕީގެ އެތެރޭގެ އެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅުމަށެވެ. ސީދާ އަކުރަމުގެ ކެންޑިޑެންސީ ބާތިލު ކުރުމަށެވެ. އެގޮތަށް ގައުމީ މަޖިލީހުން ފާސްކޮށްގެން އަކުރަމަށް ކުރިމަތިނުލެއްވޭނެ ގޮތް ހެއްދެވުމަށް ރައީސް ނަޝީދު ކުރެއްވި މަސަކަތް ނާކާމިޔާބުވިއެވެ. އަކްރަމަށް ވާދަކުރައްވަން ފުރުސަތު ލިބި ވަޑައިގަން ނަމަވެސް އެ އިންތިހާބުން އަކްރަމް ފޭލިކޮށްލީ މޭ6ގެ ހަމްދަރުދީ ވޯޓުންނެވެ.
އެ ދުވަސްވަރު އެމްޑީޕީގައި އެ އޮތީ ހަމައެކަނި މާލޭ ދައިރާގެ އިންތިހާބެއްނޫނެވެ. މުޅި ރާއްޖޭގައި އޮތް އެމްޑީޕީ ދާއިރާ މަޖިލިސްތަކުގެ އިންތިހާބެވެ. އެ އިންތިހާބުގެ ނަތީޖާ އަންނަ ގޮތަކުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ރައީސް ނަޝީދުގެ އަތްޕުޅުން ގެއްލި ރިޔާސީ ޕްރައިމަރީ އާއި އެމްޑީޕީ، ރައީސް ނަޝިދަށް ގެއްލި ވަޑައިގަންނަވާ ތަން އޭރު އެ މަނިކުފާނަށް ފެނިވަޑައި ގަންނަވައެވެ. ދާއިރާ ތަކުގެ ތާއީދު ރައީސް ސޯލިހަށް ބާރަށް ފުރޮޅެމުން ދާތަން ރައީސް ނަޝީދަށް ފެނިވަޑައިގަންނަވައެވެ. އެކަން ހުއްޓުވޭނެ އެއްވެސް އެހެން ގޮތެއް ރައީސް ނަޝީދަށް ފެނިވަޑައި ނުގަތުމުން މެންބަރުންގެ ހަމްދަރުދީގެ ސްޓަންޓެއް ރޭއްވެވީއޭ ބުނެވެން އެބަ އޮތެވެ.
އަވަހާރަ ކޮށްލަން ބަޔަކު އުޅުނު ކަމަށް ހައްދަވާ އަނިޔާތަކެއް ލިބިވަޑައިގަންނަވާނެ ގޮތަކަށް ކަމެއް ރާއްވަވާ އެސްޓަންޓް ޖެއްސެވުމުގެ މަސައްކަތް ފެއްޓެވުން އެފަދަ ސްޓަންޓެއް ޖައްސަވަން ނުފެއްޓެވުމަށް ވުރެ ކައިރިއެވެ. ހަށިކޮޅަށް ކޮންމެ ވެސް ވަރެއްގެ ނުރައްކަލެއް ފޯރާ ގޮތަށް ކަމެއް ކުރެއްވުމަށް ރާއްވަވާ އެތައް ވަލެއްގެ ކޮޅުން ޓާސްކް ހަވާލު ކުރެއްވުނީ އެކަމަށް ބޭނުންވެފައި ތިބި ބައެއްގެ އަތްމައްޗަށް ކަމަށް ވުމަކީ ގާތްކަމެކެވެ. ވަށައިގެން ހުރި ކަންކަމުންނާއި އަމިއްލަފުޅު ތަބީއަތު ހުންނަ ގޮތުން އެ އަމަލުގައި އެ މަނިކުފާނުގެ ރޭއްވެވުމެއް ވާކަން ހުޅުވިފައިވާ ސިނކުނޑިއަކުން ވިސްނާލުމުން ސާފުވާ ވަރުވެއެވެ.
ހާދިސާ ހިނގުމުގެ އެއްރޭ ކުރިން ޓީވީއަށް އަރައިވަޑައިގެން އެމްއެމް ޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ވަރަށް އަވަހައް ބައްލަވާ ނިންމާ ބައިވެރިވި އެންމެނަށް އަދަބު ދެއްވާނެކަމަށް ވިދާޅުވީ ޖައްސަވަން ރޭއްވެވި ސްޓަންޓް ބައެއްގެ ބޮލަށް ކަނޑާލައްވާ ހަމްދަރުދީ ހޯއްދެވުމަށް ކަމަށް ބެލެވެއެވެ. ހަމަ އެޔާއއި އެކު ދީނީ ހައްދުފަހަނަ އެޅި މީހުނަށް އަމާޒު ކުރައްވާ ބަހުގެ ހަމަލާތައް ފެއްޓެވުމުގެ ފަހަތުގައި އޮތީ ހަމްދަރުދީގެ ހަމަލައެއް ކަމެއް ނޭނގޭނެތާއެވެ.
މޭ6 ގެ ހަދިސާގައި ބޮޑީގާޑުންނާއި އެހެން އެތައް ބަޔަކު ތިއްބާ ރޭޒާފުށްތައް ވަނީ ރައީސް ނަޝީދުގެ ހަށިކޮޅަށް އެކަންޏެވެ. ފަރުވާ ދެއްވަން ގެންދެވުނީ އޭޑީކޭއަށެވެ. އެތެރެހަށީގެ ކުޑަވަރެއްގެ އޮޕަރޭޝަނެއް ކޮއްގެން ވެސް އޮތްތަނުން ހެލިނުލާ ދިހަ ބާރަ ދުވަހު މީހަކަށް އެދުމަތިވެފައި އޭޑީގައި އޮންނަން ޖެހެއެވެ. ނުޖެނީ ހާހަކުން އެކެކެވެ. އެކަމަކު އޭޑީކޭ ކިހާ މޮޅު ހެއްޔެވެ. ރައީސް ނަޝީދުގެ ހާދިސާގައި ހަށިކޮޅުގެ ނާރުކޮޅު ތަކުގެ ތެރެއަށް ވަދެ ކޮޅުކޮޅަށް ދުވިހާ ރޭޒާފުށްތައް ހަށިކޮޅުންނަގާ އަމިއްލަ ފުޅަށް ތެދުވެވަޑައިގެން ދެ ދުވަހެއްގެ ތެރޭގައި ހިންގަވާ އުޅުއްވޭ ވަރަށް އެހާ ކާމިޔާބު އޮޕަރޭޝަނެއް އޭޑީކޭއިން ކޮށްނިންމާލީ ތުންމެޓައެއް ބޯލާހާ އަވަހަށެވެ. އެ ވާހަކަ ބާއްވަމާ ހެއްޔެވެ.
ޖެއްސެވި ސްޓަންޓުން އުންމީދު ކުރެއްވި އެއް ނަތީޖާ ހަސިލްވިއެވެ. ދާއިރާ މަޖިލީހުގެ އިންތިހާބު ލަސްވުމެވެ. އެތައް ބައެއްގެ ހަމްދަރުދީ އިތުރަށް ލިބި ވަޑައިގަތުމެވެ. އެހެނަސް ޔަގީން ކުރެއްވި ގޮތަށް ދާއިރާ މަޖިލިސް ތަކުގެ ކޮންޓްރޯލެއް ބޭނުންފުޅުވެ ވަޑައިގެން ގޮތަކަށް ލިބި ވަޑައެއް ނުގަތެވެ. އާއްމު މެންބަރުންގެ ގިނަ ބަޔަކު ރައީސް ނަޝީދު ދެއްކެވި ގިނަ ކެންޑިޑޭޓުންނަކަށް ތާއިދެއް ނުކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ގައުމީމަޖިލީހުގެ ކޮންޓްރޯލު އެކީ އެކައްޗަކަށް ރައީސް ނަޝިދަށް ގެއްލިވަޑައި ގަތީއެވެ.
ގައުމީ މަޖީލީހުގެ ކޮންޓްރޯލު ގެއްލިވަޑައިގަތުމަކީ ރިޔާސީ ޓިކެޓް ގެއްލުންކަން ދެނެވަޑައިގެން ހުންނަވާ ދެން ފެއްޓެވީ މޭ6 ގެ ތުހުމަތު ސަރުކާރަށް ނިސްބަތްވާ ބޭބޭފުޅުންގެ އިސްތަށިފުޅުގާ އެޅުއްވުމުގެ މަސައްކަތްޕުޅެވެ. ސީދާކޮންނާ ނުސީދާކޮށްނެވެ. ފުލުހުންކުރާ ތަހުގީގަށް ފާޑުކިޔުމާއި ތަހުގީގުގެ އިތުބާރު ނަގާލުމުގެ ސިލްސިލާ މަސައްކަތެވެ. އެންމެފަހުން މަޖިލީހުން ވެސް ތަހުގީގެއް ކުރުމެވެ.
އެއްވެސް ތަހުގީގަކުން ވެސް އެއްވެސް ފެކްޓް ފައިންޑިންގ އަކުންވެސް ހަރަދުކުރި މީހެއް ރޭވި މީހެއް ކަމުގެ މޯޓިވެއް ނޭނގުނެވެ. ވާނީ އެހެންތާއެވެ. ރާވާ ހިންގުމުގެ އަޑީގައި ވިކްޓިމް ހުރީމާ މޯޓިވެއް ރާވާ ހިންގުމުގެ އަަޑީގައި ހުރީ ކާކުކަމެއް ނެގޭނެއެވެ. 2003 ގެ ސެޕްޓެމްބަރ ހުޅާއި 2012 ފެބްރުއަރީ ހުޅުގެ އަޑީގައި ހުރިކަމަށް ގަބޫލުކުރެވޭ މީހަކު އޭނާ ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެ ކަމަށް ތަކުރާރުކޮށް ބުނެފައިވާ މީހަކު އާރާ ބާރު ގެއްލޭތަން ބަލަން ހުރުމަކީ މުސްތަހީލު ކަމެކެވެ.
މޭ6 އާއި ގުޅޭ ކޮންމެ ތަހުގީގެއް ފެށެނީ އިލްޔާސް ލަބީބުންނެވެ. އޭނާ ބުނި ބުނުމެއްގެ މައްޗަށެވެ. އިލްޔާސް ލަބީބު ހުރީ ކޮންފިކުރެގައި ކާކާއި އެކުގައިކަން އެހާސާފެވެ. އެހެން އެކަން އޮތް އިރު ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބަޔަކަށް ފައިސާ ދިންކަން އެނގެނީ ވެސް އިލްޔާސް ލަބީބަށެވެ. އެޑްވާންސްގެ ގޮތުގައި ދިންފައިސާގެ އަދަދުވެސް އެނގެނީ އިލްޔާސް ލަބީބަށެވެ. އެވަރުގެ ނުރައްކާތެރިކަމެއް އެނގިހުރެ އެހާ ލުއިކޮށް އެކަންނެގީ ކީއްވެ ހެއްޔެވެ. ރައްޓެއްސެއްގެ ގާތުގައި ހީވާ އެއްޗެއް ބުނެލާހެން އެވާހަކަ މާރިޔާދީދީ އަރުގައި ދަންނަވާލީ އެކަމަކީ އެބޭފުޅާއަށް އެނގިވަޑައިގެން ހިނގިކަމެކޭ މިހާރު ބުނުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ފައިސާ ދިނީ ކާކަށް ކާކުކަމެއް ކޮން އިރަކު ކަމެއް އިލްޔާސް ލަބީބަށް އެއްވެސް ތަހުގީގެއްގައިވެސް ބުނެއެއް ނުދެވެއެވެ. ތަހުގީގެއްގައި ނުބުނާތާ މީޑިއާއެއްގައިވެސް ބުނެލާކަށް ނުކުރެއެވެ. ކަން ހިނގުމުގެ ކުރިން އެކަން އެނގިހުރެ އާއްމުކޮށް އެވާހަކަ ތިލަކޮށްލިނަމަ އެކަން ހިންގަން އުދަގޫވީހެވެ. ރޭވިގެން ހިންގި ހަމްދަރުދީގެ އެޓެމްޕްޓެއްގެ ވާހަކައެއް ނުދެއްކޭނެ ތާއެވެ. ސިޔާސީ ގޮތުން ހާސިލްކުރަން އުޅޭ ކަމުގެ މުއާލާތް ކަޑައެއް ނުލާނެތާއެވެ. ދެރަކަމަކީ މިލިޔަން މިލިޔަނުން ފައިސާ ލިބިގެން ދިން ހަމަލާ ދިންކަމަށް ބެލެވޭ މީހާ ވަންނާނެ ތަނެއް ފުރޭނެ ގޮތެއް ނެތި ހަމަލައަށް ފަހު މާލޭ މަގުމަތީގައި ތެފައިތަޅަމުން ދުވި ދުވުމެވެ.
ރިޔާސީ ޓިކެޓްގެ ބޭނުމުގައި ގޮތް ހުސްވެގެން އަމިއްލަފުޅަށް ޖެއްސެވި ސްޓަންޓް ވެސް އަތަށްގޮވާ ޕާޓީއާއި ރިޔާސީ ޓިކެޓް ގެއްލި ވަޑައިގަތުމުން މެންބަރު އަނދުން ހުސައިންނާއި ދިފާއީ ވަޒީރު މާރިޔާ ދީދީ އާއި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި މޭ6 ތުހުމަތު އަޅުއްވައިގެން ޖައްސަވަން އުޅުއްވާ ފައިނަލް އެޓެމްޕްޓްގެ ނަތީޖާއަކީ ނަޝީދުގެ ތަރި އޮއްސުމެވެ. ބޮންޑޭ އެވެ. މޭ6ގައި ނަޝީދުގެ ތަރި އޮއްސިއްޖެއެވެ.