މަޖިލީހާ ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ؟

ރައީސަކަށް ރައްޔިތުންގެ މަޖިލިސް އުވައެއް ނުލެވޭނެ

މަޖިލީހާ ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ؟

ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ނައިބު މަގާމުން ދުރު ކުރުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި އޮންނަ ބާރެކެވެ. ރައީސްކަމުގައި ހުންނަ މީހަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން އުޅުމަކީ ކުށެއްނޫނެވެ. ރައްޔިތުންގެ އަގުލަބިއްޔަތުން ރައީސް ކަމަށް ހޮވާފައި ހުންނަ މީހާ ހިތުހުރި ގޮތަކަށް ދައުލަތް ހިންގިޔަ ނުދިނުމަށް އޮތް ޖަވާބުދާރީ ކުރުވުމުގެ އެންމެ މަތީ މިންގަނޑަކީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމެވެ. 

ރައްޔިތުންގެ މަޖިލީހުން ރައީސް އަޒުލު ކުރުމަކީ އާކަމެއް ނޫނެވެ. މުޅި ދުނިޔެ ދަންނަ ދުސްތޫރީ ހަމައެކެވެ. ރައްޔިތުން އިންތިހާބުކޮށްފައި ހުރީތީ އެ މީހަކު ކުރާނެހާ ކަމެއް ކުރަން ދައުރު ހަމަކުރަން ރައީސަކު ބެހެއްޓުމަކީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމެއްވެސް ނޫނެވެ. ރައްޔިތުން އިންތިހާބު ކޮށްފައި ހުރި ނައިބު ރައީސެއް ކަމުގައިވާ ޑރ. ޖަމީލުގެ އިތުބާރު ނެތިގެން ވަނީ އަޒުލް ކޮށްފައެވެ. އޭރު ނުވިގޯހެއް މިހާރަކު ވަކި ވެގެން އުޅޭނެ ކަމެއް ނެތެވެ.  

ރައްޔިތުން އިންތިހާބު ކޮށްފައި ހުރި ރައީސަކުން ރައްޔިތުންގެ މަޖިލީހުން އަޒުލް ކުރަން އުޅުމަކީ މަޖިލިސް ކުށްވެރިވާ ކަމެއް ނޫނެވެ. އެއީ މަޖިލިސް މެންބަރުންނަށް އޮތް ހައްގެކެވެ. އެހެނެކޭ ކިޔާފައި މަޖިލިސް އުވާލުމުގެ ބާރެއް އެއްވެސް ފަރާތަކަށް ރާއްޖޭގެ ގާނޫނު އަސާސީން ލިބި ދީފައެއް ނެތެވެ. 

ރައްޔިތުންގެ މަޖިލިސް އުވާލަން ގޮވާލުމާއި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ހައްގަކަށް އަރައިގަންނަން އުޅުމާއި މަޖިލީހުގެ ހައްގަކަށް އަރައިގަތުމަކީ ކޮންމެ މީހަކު ކުރިޔަސް ގާނޫނީ ކުށެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިޔަސް، ސިފައިން ވިޔަސް، ފުލުހުން ވިޔަސް މަޖިލީހުގެ އެއްވެސް ހައްގަކަށް، އެއްވެސް އިމްތިޔާޒަކަށް އަރައެއް ނުގަނެވޭނެއެވެ. މަޖިލީހުގައި ތަޅެއްވެސް ނޭޅުވޭނެއެވެ. މަޖިލިސް އުވައެއްވެސް ނުލެވޭނެއެވެ. 

ރައީސް ޔާމީނުގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހުގެ މެންބަރުން ތަކެއް މަސައްކަތް ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނުގެ އަމުރަށް ސިފައިން މަޖިލީހަށް ވައްދާ މެންބަރުން ފާރުމަތިން އުކާލާ މެންބަރުން ތަކެއްގެ ގޮނޑި ގެއްލުވާލީ މަޖިލީހުގެ ރިޔާސަތާއި މެޖޯރިޓީ މެންބަރުންގެ އެއްބާރުލުން ލިބިގެންނެވެ. މަޖިލީހާ ދެކޮޅަށް ސިފައިންލައްވާ ރައީސް ޔާމީނު ހިންގި އުދުވާނަށް ފިޔަވަޅުނާޅާ އޮތް އޮތުމަކީ އެކަން ހަލާލުވުމުގެ ސަބަބެއް ނޫނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން ވެސް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް މަޖިލިސް އުވައެއް ނުލެވޭނެއެވެ. މަޖިލިސް ސަސްޕެންޑެއްވެސް ނުކުރެވޭނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އެ ހާލަތު އިއުލާނު ކުރި ސަބަބު ރައްޔިތުންގެ މަޖިލީހަށް ރައީސް އަންގަން ޖެހެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ހުއްދަދޭން އޮތް ތަނަކީވެސް ރައްޔިތުންގެ މަޖިލީހެވެ. 

ރައްޔިތުންގެ މަޖިލީހުން އެ މީހުނަށް ގާނޫނު އަސާސީން ލިބިދޭ ބާރެއްގެ ބޭނުން ހިފާތީ އެކަމާ ދެކޮޅަށް ފިޔަވަޅެއް އެޅުމުގެ ބާރު ރައީސްއަކަށް ލިބިފައެއް ނޯވެއެވެ. ސިފައިންގެ ވެރިޔާއަށް ލިބިފައެއްވެސް ނޯވެއެވެ. ސިފައިންނާއި ފުލުހުންނަކަށް ވެސް ނޯވެއެވެ. ރައްޔިތުންގެ މަޖިލިސް ސަސްޕެންޑް ކުރަން ނުވަތަ އުވާލަން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ސިފައިންނާ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ގައިރު ގާނޫނީ އަމުރަށް ކިޔަމަން ވުމެއް އެ މީހުންނަކަށް ނޯވެއެވެ. 

ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ ގާނޫނީ މަސައްކަތަކާއި ގުޅިގެން މެންބަރަކަށް ނުވަތަ މެންބަރުން ތަކަކަށް ފިޔަވަޅެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ މީހަކު ހަދާނެ އެންމެ ބޮޑު ގޯހެވެ. ގާނޫނު އަސާސީ ނަގަހައްޓާ ދަމަހައްޓަން ރައީސް ކޮށްގެން ހުރި ހުވައާއި ހިލާފުވުމެވެ.

ރައީސް މުއިއްޒަށް ވެސް އޮތް ގޮތަކީ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ މަޖިލީހަށް ޖަވާބުދާރީވެ އިތުބާރު އޮތްކަން ސާބިތުކޮށް ދިނުމެވެ. މަޖިލީހުގެ މެޖޯރިޓީއާއި ދެކޮޅަށް މަޖިލީހުގެ ބާރު ކަނޑުވާލަން ނޫޅުމެވެ. ގާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުމެވެ.