ކޮންމެ ކޮންމެ ދުވަހަކު ރޯދަ ހިފޭނެތަ!

ރޯދަހިފުން ނަހީ ކުރައްވާފައިވަނީ އެންމެ ފަސް ދުވަހަކުނޫން.

ކޮންމެ ކޮންމެ ދުވަހަކު ރޯދަ ހިފޭނެތަ!

ރޯދައަކީ ވަރަށް މަތިވެރި އަޅުކަމަކެވެ. ފަރުޟު ރޯދައާއި ސުންނަތް ރޯދަ ޝަރުއު ކުރައްވާފައިވާ ފަދައިން ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ހާލަތްތަކެއްވެއެވެ.

ނަހީ ކުރައްވާފައިވާ ދުވަސްތަޢް: 

  • އީދު ދުވަހު ރޯދަ ހިފުން:
  1. ފިތުރު އީދު ދުވަހާއި އަލްހާ އީދު ދުވަހުގައި ރޯދަ ހިފުމަ ނަބިއްޔާ ނަހީކުރައްވާފައިވާ ކަމެކެވެ. ރަސޫލާގެ ހަދީސްފުޅެއްގައި އަންގަވާފައިވަނީ "އަދި ދެ ދުވަހެއްގައި ރޯދަ ނުހިފާށެވެ. (އެއީ) ފިތުރު އީދު ދުވަހާއި އަލްހާ އީދު ދުވަހެވެ."
  2. އިމާމު ނަވަވީ ވިދާޅުވެފައިވަނީ " ހަމަކަށަވަރުން ހުރިހާ ހާލަތެއްގައިވެސް މި ދެ ދުވަހު (އެބަހީ: ފިތުރު އީދު ދުވަހާއި އަލްހާ އީދު ދުވަހު) ރޯދަ ހިފުން ހަރާމް ކަމަށް އިލްމުވެރިން އިޖުމާއު ވެފައިވާ ކަމަށެވެ. އެއީ ނަދުރު ރޯދާއާއި ސުންނަތް ރޯދައާއި ކައްފާރާ ރޯދަ އަދި އެނޫން ރޯދައެއް ވިޔަސް އެ ދެ ދުވަހު ހިފުން ހުއްދަވެގެން ނުވެމެވެ." 
  • އައްޔާމުއް ތަޝްރީގުގެ ތިން ދުވަހު ރޯދަ ހިފުން: އައްޔާމުއް ތަޝްރީގުގެ ތިން ދުވަހަކީ ހައްޖުމަހުގެ 11، 12 އަދި 13ވަނަ ދުވަހެވެ.
  1. އައްޔާމުއް ތަޝްރީގުގެ ދުވަސްތަކުގައި ރޯދަ ހިފުމަށް ނަބިއްޔާ ހުއްދަ ނުދެއްވާކަން ސައްހަ ސަނަދުން ސާބިތުވެއެވެ.
  2. އައްޔާމުއް ތަޝްރީގުގެ ދުވަސްތަކަކީ ކެއުން ބުއިމުގެ ދުވަސްތަކެއް ކަމަށް ހަދީސް ކުރައްވާފައިވެއެވެ.
  •  ހަމައެކަނި ހުކުރު ދުވަސް ހާއްސަ ކޮށްގެން ރޯދަ ހިފުން:
  1. ރަސޫލާ ހަދީސް ކުރައްވާފައިވަނީ "ތިޔަބައިމީހުން ކުރެ މީހަކު ހުކުރު ދުވަހު ރޯދަ ނުހިފާށެވެ. އޭގެ ކުރީ ދުވަހާ އެކު ނުވަތަ ޖެހިގެން އަންނަ ދުވަހާ އެކު ރޯދަ ހިފާ މީހަކު ފިޔަވައެވެ." އެބަހީ: ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ މައްސަލައެއް ނެތެވެ.
  2. ވަކި ހާލަތްތަކެއްގައި ހުކުރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. އެއީ އެހެން ސަބަބެއް މެދުވެރިވެގެން ހުކުރު ދުވަހު ރޯދަ ހިފުމުން ހުކުރު ދުވަހުގައި ރޯދަ ހިފުން ހާއްސަ ކުރިކަމަށް ނުވާތީއެވެ.
  •  ހުކުރު ދުވަހު ރޯދަ ހިފުން ހުއްދަ ހާލަތްތައް:
  1. ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރުދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފުން
  2. ފަރުޟު ރޯދައަކަށްވުން:-
  • އަދާއަށް ނުވަތަ ޤަޟާއަށް ރަމަޟާންމަހުގެ ރޯދަ ހިފުން
  • ކައްފާރާގެ ރޯދަތައް ހިފުން
  • ތަމައްތުއު ހައްޖެއް ވީ މީހަކު ހަދްޔުގެ ބަދަލުގައި ހިފާ ރޯދަ ފަދަ ރޯދަ ހިފުން

މިކަމުގައި މައްސަލައެއް ނެތެވެ. އެއީ މިގޮތަށް ރޯދަ ހިފާއިރު ހުކުރު ދުވަހު ރޯދަ ހިފުމުގައި ހާއްސަ ކަމެއްވާ ކަމަށް އިއުތިގާދު ނުކުރާނަމައެވެ. އަދި އޭނާގެ ތާވަލު ހުންނަ ގޮތުން އެ ދުވަހުގައި ރޯދައަށް ހުންނަން ފަސޭހަ ވާތީ ހަމައެކަނި ހުކުރުދުވަހު ރޯދައަށް ހުރެވިދާނެއެވެ. މިހާލަތުގައި ވެސް ބޮޑަށް ރަނގަޅީ އަދި ރައްކާތެރި ގޮތަކީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަސް ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދައަށް ހުރުމެވެ.

  • ރޯދަހިފުން ޝަރުއު ކުރެވިފައިވާ ދުވަހެއް ހުކުރުދުވަހަކާ ދިމާވުމުން ހުކުރު ދުވަހު ރޯދަ ހިފުން

އޭގެ މިސާލަކީ: ކޮންމެ ހަނދުމަހެއްގެ 13 14 15ގައި ހިފާ ރޯދަ އާއި އަރަފާތު ދުވަހުގެ ރޯދައާއި އާޝޫރާގެ ރޯދައާއި ޝައްވާލުމަހުގެ ހަ ރޯދަ އަދި ހައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަހިފާއިރު ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ހުކުރު ދުވަހު ރޯދަހިފުން މައްސަލައެއް ނެތެވެ. އެހެނީ އެ ދުވަސްތަކުގައި އޭނާ ރޯދަ އެ ހިފަނީ އެއީ ހުކުރު ދުވަހަށް ވާތީއެއް ނޫނެއެވެ. އެހެނަސް އެއީ ރޯދަހިފުން ޝަރުއު ކުރައްވާފައިވާ ދުވަސްތަކަކަށް ވާތީއެވެ.

  • އާދަކޮށް ހިފާ ރޯދައަކާ ދިމާވުން

މިސާލަކަށް ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުންނަ އޭނާ ރޯދައަށް ހުންނަ ދުވަސް ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ފަހެ އެ ދުވަހުގައި ރޯދަހިފުން އެއީ މައްސަލައެއް ނޫނެވެ. އެއީ ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ ނަހީ ކުރެއްވިއިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިސްނާ ކުރައްވާފައިވެއެވެ. 

  • ހުކުރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތު:

އިސްވެ ބަޔާންވެ ދިޔަ އެއްވެސް ސަބަބެއް ނެތި ސުންނަތް ރޯދަ ހިފުމަށް ހަމައެކަނި ހުކުރު ދުވަސް ހާއްސަ ކުރުން މަކުރޫހައެވެ.

  • ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން
  1. ނަބިއްޔާ އަންގަވާފައިވަނީ "ތިޔަބައިމީހުން ހޮނިހިރުދުވަހު ރޯދަނުހިފާށެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ރޯދަ ފިޔަވައެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް (އެދުވަހު ކާނާގެ ގޮތުގައި) މޭބިސްކަދުރުގެ ތޮށިކޮޅެއް ނުވަތަ ގަހަކުން ދަނޑިކޮޅެއް ފިޔަވާ އެހެން އެއްޗެއް ނުލިބިއްޖެނަމަ ފަހެ އެ ހަފާށެވެ." މުރާދަކީ އެހަފައިގެން ވިޔަސް އެދުވަހު ރޯދައަށް ނުހުންނާށެވެ.
  2. ހޮނިހިރު ދުވަހު ރޯދަހިފުން ނަހީވުމާއި ހުއްދަވުން އެކި ހާލަތްތަކުގައި ތަފާތެވެ. އެއީ ހުކުރު ދުވަހާމެދު އިސްވެ ބަޔާންވެ ދިޔަ ގޮތާ އެއް ގޮތަށެވެ.
  • ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދަ ހާލަތްތަކަކީ:
  1. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ނުވަތަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ރޯދަ ހިފުން
  2. ފަރުޟު ރޯދައަކަށްވުން
  3. ރޯދަހިފުން ޝަރުއު ކުރައްވާފައިވާ ދުވަހެއް ހޮނިހިރު ދުވަހާ ދިމާވުމުން ހޮނިހިރު ދުވަހު ރޯދަ ހިފުން
  4. އާދަކޮށް ހިފާ ރޯދައަކާ ދިމާވުން
  • ހޮނިހިރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތު:

އިސްވެ ބަޔާންވެ ދިޔަ އެއްވެސް ސަބަބެއް ނެތި ސުންނަތް ރޯދަ ހިފުމަށް ހަމައެކަނި ހޮނިހިރު ދުވަސް ހާއްސަކުރުން

  • ޝަޢުބާން މަސް ދެބައިވުމުން ރޯދަ ހިފުން

ރަސޫލާގެ ހަދީސްފުޅެއްގެ މާނާގައިވެއެވެ. "ޝައުބާން މަސް ދެބައިވުމުން ރޯދަ ނުހިފާށެވެ." ހަދީސުން މިވަނީ ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައެވެ. މި ނަހީއިން އިސްތިޘްނާވާ ހާލަތްތަކެއް ވެއެވެ.

  • ފުރަތަމަ ހާލަތް: އާދަކޮށް ރޯދަހިފަމުންދާ މީހާ

ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އާދަކޮށް ރޯދަހިފާމީހަކަށް ޝަޢުބާން މަހުގެ ދެބައިން ފަހުބައިގަވެސް ރޯދަހިފިދާނެއެވެ. ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ ނަހީކުރެއްވި އިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިސްނާ ކުރައްވާފައިވެއެވެ.

  • ދެވަނަ ހާލަތް: ޝައުބާން މަސް ދެބައިވުމުގެ ކުރިން ރޯދަ ހިފަން ފެށި މީހާ

އެފަދަ މީހަކަށްވެސް ޝައުބާންމަހުގެ ފަހުބައިގައި ރޯދަ ހިފުން ހުއްދަ ވެގެންވެއެވެ. ކީރިތި ނަބިއްޔާ ޝައުބާންމަހުގެ ގިނަ ދުވަސްތަކުގައި ރޯދައަށް ހުންނަވާކަން ސައްހަ ހަދީސްތަކުން ސާބިތުވެއެވެ.

  •  ތިންވަނަ ހާލަތް: ރަމަޟާންމަހުގެ ޤަޟާ ރޯދަތައް ހިފާ މީހާ

ޝައުބާން މަސް ދެބައިވުމުންވެސް ޤަޟާ ރޯދަތައް ހިފޭނެއެވެ. އެހެނީ އެމީހަކު ރަމަޟާން މަސް ފެށުމުގެ ކުރިން އެރޯދަތައް ހިފަން ޖެހޭ އިރު ދެން އިތުރު ފުރުޞަތެއް އޭނާއަށް ނުވާތީއެވެ.

އެހެންކަމުން ޝައުބާންމަސް ދެބައިވުމަށް ފަހުގައި އެމަހުގެ ކުރީ ކޮޅުގައި ސުންނަތް ރޯދަ ހިފަން ނުފަށާ މީހަކު އެމަސް ދެބައިވުމަށް ފަހު ސުންނަތް ރޯދަ ދެން ނުހިފާނީއެވެ. 

  • ޝައްކުގެ ދުވަހު ރޯދަ ހިފުން

ޝައްކުގެ ދުވަހަކީ ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހެވެ. އެދުވަހަށް އެނަމުން ނަން ދެވުނީ ވިލާ ބޯވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝައުބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތޯ ޝައުބާންމަހުގެ ތިރީސްވަނަ ދުވަސްތޯ ޝައްކު އުފެދޭތީއެވެ. ޝައްކުގެ ދުވަހު ރޯދަ ހިފައިފި މީހާ ހަމަކަށަވަރުން ނަބިއްޔާ އުރެދިއްޖެއެވެ.

  • ޝައްކުގެ ދުވަހު ރޯދަ ހިފުމުގައި ނުވަތަ ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަ ހިފުމުގެ ހާލަތްތަކެއް ވެއެވެ.
  1. އާދަވެގެން ރޯދަ ހިފަމުން އައި މީހަކު އެދުވަސްތަކުގައި ރޯދަ ހިފުން
  2. ޤަޟާ ރޯދަ ހިފުން
  3. ރަމަޟާން މަހުގެ ރޯދައަށް ރައްކާތެރިވުމުގެ ގޮތުން ޝައްކުގެ ދުވަހު ރޯދަ ހިފުމަކީ ހުއްދަކަމެއް ނޫން
  • އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން

އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން ނަބިއްޔާ ވަނީ ނަހީކުރައްވާފައެވެ. ރަސޫލާ ހަދީސް ކުރައްވާފައި ވަނީ އަބަދު ރޯދަ ހިފާ މީހާއަށް ރޯދަ ނުވާ ކަމަށެވެ.

  • ވިޞާލުކޮށް ރޯދަ ހިފުން

ވިޞާލުގެ ލަފްޒީ މާނައަކީ ގުޅުވާލުމެވެ. ރޯދަ ހިފުމުގައި ވިޞާލު ކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. އެއް ދުވަހަށް ވުރެ ގިނައިން ރޯދައަށް ހުރުމެވެ. ވިޞާލުކޮށް ރޯދަ ހިފުމުގައި ދެގޮތެއް ވެއެވެ. 

  1. އިރު އޮއްސުމުން ރޯދަ ވީއްލުމުގެ އިހުތިޔާރު އޮވެ ގަސްދުގައި ރޯދަ ނުވީއްލާ ފަސްކޮށްފައި ރޯދަ ވީއްލުން
  2. ރޯދަ ނުވީއްލާ ވިދިވިދިގެން ދެ ދުވަހު ނުވަތަ އެއަށް ވުރެ ގިނަދުވަހު ރޯދައަށް ހުރުން 

ނަބިއްޔާ ވަނީ މިކަން ނަހީކުރައްވާފައެވެ. ބާރުއަޅުއްވާފައިވަނީ އިރުއޮއްސުމުން އަވަހަށް ރޯދަ ވީއްލުމަށެވެ. ރޯދަ ވީއްލުމަކާ ނުލައި ދެ ދުވަސް ނުވަތަ އެއަށް ވުރެ ގިނަދުވަސް ވަންދެން ރޯދަ ހިފުމަކީ ހަރާމްކަމެކެވެ. 

  • ހައިޟު އާއި ނިފާސްގެ ދުވަސްވަރުގައި ރޯދަ ހިފުން
  1. ހައިޟުގެ ދުވަސްވަރު ކަނބަލުން އަމަލުކު ރަންވީ ގޮތަކީ އެކަން ދިމާވުމުން ރޯދަ ދޫކޮށްލާފައި އެ ދުވަސްތައް ޤަޟާ ކުރުމެވެ. އެދުވަސްތަކުގައި ފާއިތުވި ނަމާދުތައް ޤަޟާކުރުމަކަށް އަމުރެއް ނުކުރައްވައެވެ.
  2. ނިފާސްގެ އަހުލުވެރިންގެ ހުކުމަކީ ޙައިޟުވެރިންގެ ހުކުމެވެ. އެކަމަށް އިލްމުވެރިންވަނީ އިޖުމާއުވެފައެވެ.
  • ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ އިޛުނަ ނެތި ސުންނަތް ރޯދަ ހިފުން
  1. ގާތުގައި ފިރިމީހާ ހުއްޓާ، އޭނާގެ ހުއްދަ ނެތި ސުންނަތް ރޯދަ ހިފުން އަންހެނަކަށް ހުއްދަވެގެން ނުވެއެވެ.
  2. މިއީ ސުންނަތް ރޯދަތަކަށް ހާއްސަ ހުކުމެކެވެ. ފިރިމީހާ ރަށުގައި ނޫޅޭނަމަ އެފަދައިން ރޯދަ ހިފޭނެއެވެ.
  3. ފަރުޟު ރޯދަތަކާއި ޤަޟާ ރޯދަތައް ހިފާއިރު ފިރިމީހާގެ ހުއްދައަށް އެދެން ނުޖެހޭނެއެވެ. ވަކިން ހާއްސަކޮށް އަނެއް ރަމަޟާން މަސް ގާތްވެފައި ވަނިކޮށް ރޯދަތައް ޤަޟާ ނުކުރެވިދާނެކަމުގެ ބިރު އޮއްވާ އެފަދައިން ހުއްދައަށް އެދެން ނުޖެހޭނެއެވެ. 

ކުރުކޮށް:

މިލިޔުމުގެ ބަޔާންވެގެން ދިޔަ ޙުކުމްތަމުގެ ހުލާސާއަކީ:

  1. އީދު ދުވަހު ރޯދަ ހިފުން

ފިތުރު އީދު ދުވަހާއި އަޟްހާ އީދު ދުވަހުގައި ރޯދަ ހިފުމަކީ ނަބިއްޔާ ނަހީކުރައްވާފައިވާ ކަމެކެވެ. އެއީ ނަދުރު ރޯދައާއި ސުންނަތް ރޯދައާއި ކައްފާރާ ރޯދަ އަދި އެނޫން ރޯދައެއް ވިޔަސް މެއެވެ.

  1. އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހު ރޯދަ ހިފުން

އައްޔާމުއް ތަޝްރީގުގެ ތިން ދުވަހަކީ ހައްޖުމަހުގެ 11، 12 އަދި 13ވަނަ ދުވަހެވެ. އައްޔާމުއް ތަޝްރީގުގެ ދުވަސްތަކުގައި ރޯދަ ހިފުމަކަށް ނަބިއްޔާ ހުއްދަ ނުދެއްވައެވެ. ހައްޖުވެރިންގެ ތެރެއިން ކަތިލާނެ ހަދުޔެއް ނުލިބުނު މީހުންނަށް ފިޔަވައެވެ.

  1. ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުން

ވަކި ހާލަތްތަކެއްގައި ހުކުރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. ހުކުރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތަކީ ބަޔާންވެ ދިޔަފަދަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހުކުރުދުވަސް ހާއްސަކުރުމެވެ.

  1. ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން

ވަކި ހާލަތްތަކެއްގައި ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. ހޮނިހިރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ހާލަތަކީ ބަޔާންވެ ދިޔަފަދަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހޮނިހިރު ދުވަސް ހާއްސަކުރުމެވެ.

  1. ޝައުބާންމަސް ދެބައިވުމުން ރޯދަ ހިފުން

ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީ ކުރައްވާފައިވެއެވެ. އެހެނަސް މި ނަހީއިން އިސްތިސްނާވާ ހާލަތްތަކެއް ވެއެވެ.

  1. ޝައްކުގެ ދުވަހު ރޯދަ ހިފުން

ޝައްކުގެ ދުވަހަކީ ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަހެވެ. ރައްކާތެރިކަމުގެ ގޮތުންކަމަށް ބުނެ ހަނދު ނުފެނުމުންވެސް ޝަޢުބާން ތިރީސްވަނަ ދުވަހު ރޯދައަށް ތިބުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އާދަވެގެން ރޯދަ ނުހިފާ މީހާ އެދުވަސްތަކުގައި ރޯދަ ހިފުންވަނީ ނަހީކުރައްވާފައެވެ.

  1. އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން

ނަބިއްޔާ ވަނީ، އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން ނަހީކުރައްވާފައެވެ.

  1. ވިޞާލުކޮށް ރޯދަ ހިފުން

ރޯދަ ހިފުމުގައި ވިޞާލުކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. ރޯދަ ވީއްލުމަކާ ނުލައި ދެ ދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސްވަންދެން ރޯދަ ހިފުމަކީ ހަރާމްކަމެކެވެ.

  1. ހައިޟުގެ ދުވަސްވަރުގައި ނުވަތަ ނިފާސްގެ ދުވަސްވަރުގައި ރޯދަ ހިފުން

ޙައިޟުގެ ދުވަސްވަރުގައި އަދި ނިފާސްގެ ދުވަސްވަރުގައި އެއްވެސް ރޯދައެއް ހިފުމަކީ ހުއްދަކަމެއް ނޫނެވެ.

  1. ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ ރުހުން ނެތި ސުންނަތް ރޯދަ ހިފުން

ފިރިމީހާ ގާތުގައި ހުއްޓާ ސުންނަތް ރޯދަތައް ހިފަންވާނީ ފިރިމީހާގެ ރުހުމާ އެކުގައެވެ. އެއީ ސުންނަތް ރޯދަތަކަށް ހާއްސަ ހުކުމެކެވެ. ފަރުޟު ރޯދަތަކާއި ޤަޟާ ރޯދަތައް ހިފާއިރު ފިރިމީހާގެ ހުއްދައަށް އެދެން ނުޖެހޭނެއެވެ.