އިބޫއާއި ބައްދަލުކުރުމުން ޖަރުމަނު ރައީސް ރައީސަކަށްނުވި

ރާއްޖެ - ޖަރުމަނުގެ ގުޅުން ބަދަހިކުރަން ޖަރުމަނުގެ ރައީސަށް ކުރެއްވޭނެ ކަމެއް އޮތްކަމަކަށް ނުވޭ!

އިބޫއާއި ބައްދަލުކުރުމުން ޖަރުމަނު ރައީސް ރައީސަކަށްނުވި

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާއި ބައްދަލުކުރެއްވިއެވެ. ދެ ރައީސުންގެ އެ ބައްދަލުކުރެއްވުމަކީ އެއްވެސް ހުރުމަތެއް ނެތް ތާކުންތާކު ނުޖެހޭ ބައްދަލުކުރެއް ވުމެއްކަމަށް ސިފަކޮށްދޭން އިދިކޮޅުން ލައްކަ ސަކަރާތް ޖަހައިފިއެވެ. ހަސަދަވެރިކަމާއި ފިތުނަވެރިކަން ބައެއްގައި ހުންނާނީ މިހާކަށް ވަރަށެވެ. 

ޖަރުމަނުގެ ރައީސަކީ އާރެއް ބާރެއްނެތް ސޮހޮލެއްގެ ގޮތުގައި އާއްމުންނަށް ވިސްނާދޭން އިދިކޮޅުން އެބަ ގައިވީދައެވެ. ރައީސް ސާލިހަށް ދުނިޔޭގެ އުރައްޕަތެއް ހުރި ވެރިއަކާ ބައްދަލު ނުވެވޭކަން ދެއްކުމަށް ފުމެއެރުވި ވަރަކަށް ފައިބަނީ އެބައިގަނޑުގެ ހުޅުބެވެ. ގެއްލެނީ އިތުބާރެވެ. ކިތަންމެ ބޮޑުތެދެއް އިދިކޮޅުން  ހެދިޔަސް ގާބޫލުކުރާ މީހަކު މިހާރަކު ނޫޅެއެވެ.

ކުކުޅަށް ވުރެ ބިސްދޮށިވެގެން ޓްވީޓްކުރާ ރޯނުއެދުރު ނޫސްވެރިޔާ ރައީސްގެ ދެކަނބަލުންގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އަޅުވާ ބަދުނާމު ކުރަން އުޅެން ހަދައިގެން ބަރަހަނާ ވަނީ ތިމާ މީހާއެވެ. އެންމެ ފަހުން އަނގަ އަށްޕަތަކަން ހަދަން ޖެހުނީ ޖަރުމަން ކައުންސިލް އެންޑްރިޔަސް ޓްވީޓަކުން ތަފާލެއް އެޅީމައެވެ.

ރާއްޖެއާއި ޖަރުމަނުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޖަރުމަނުގެ ރައީސަށް ކުރެއްވޭނެ ކަމެއް އޮތްކަމަކަށް ބްރާންތިކަމުން އިދިކޮޅަށް ގަބޫލެއް ނުކުރެވެއެވެ. ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެރައީސް ކުރައްވާ މަސްވަރާއަކުން އެއްވެސް ހެޔޮ ނަތީޖާއެއް ފެންނާނެ ކަމަކަށް އިދިކޮޅު މައުތުޕީސްގެ މަވެތި ނޫސްވެރިޔާވެސް ގަބޫލެއް ނުކުރެއެވެ. 

ރާއްޖޭގެ މަސް އެކްސްޕޯޓުކުރުމަށް ޓެރިފް ރޭޓް ކަނޑައެޅުމާއި ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ޖަރުމަނުން އަދާކުރާ ދައުރުގައި ޖަރުމަނުގެ ރައީސަށް ކުރެއްވޭނެ އެއްކަމެއްވެސް އޮންނާނެކަމަށް އެ އުނި ސިކުނޑިތަކަކަށް ނުވިސްނެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ފުރުސަތުތަކާއި، ވައިގެ ދަތުރުފަތުރާއި، ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ފުޅާކުރުމާއިމެދު ދެ ރައީސުން ކުރެއްވި އެއްވެސް މަޝްވަރައަކީ ބުރަދަނެއް ހުރި ކަމަކަށް ނުވެޔޯލައެވެ. ރައީސް ސާލިހާ ބައްދަލު ކުރެއްވުމުން ޖަރުމަނުގެ ރައީސް ރައިސަކަށްވެސް ނުވިއެވެ.