ސަރަހައްދުން ބައެއްދޫކޮށްލިކަމަށް ބުނާބުނުން ދިފާއެއް ނުކުރެވުނު
ބޭސް ލައިން ކުރެހިއިރު ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަކަށް ނުބަލާ: މުނައްވަރު
މިސަރުކާރުން ރާއްޖޭގެ ސަރަހައްދުން ބައެއްދޫކޮށްލި ކަމަށް ބުނާ ބުނުން ދިފާއެއް އިދިކޮޅަކަށް ނުކުރެވުނެވެ. ކުރީގެ ބަންޑާރަ ނައިބުން އެ މީހުން ހޭވި ހަޑީގެ މަތިއަޅާ، ނަގަން އުޅުނު ސިޔާސީ ފައިދާ ނުނެގި މިއަދު އަތަށް ގޮއްވާ ލައިފިއެވެ.
1996 ވަނަ އަހަރު އުފަން ކުރުވި ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކުގެ ގާނޫނު ލިޔެވުނު އިރު ޗާގޯސް ކިޔާ ތަނެއް ރާއްޖޭގެ ދެކުނުގައި އޮތެވެ. އޭރު އެތަން އޮތީ އިނގިރޭސި އިސްތިއުމާރުގެ ދަށުގައެވެ. އެތަނާ ރާއްޖެއާ ދެމެދު 400 ނޯޓިކަލް މޭލެއް ނެތެވެ. ރާއްޖެއާއި ޗާގޯހާ ދޭތެރެއިން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ނަގައިފިއްޔާ ޗާގޯސްގެ އިގްތިސާދީ ސަރަހައްދާ ފުށު އަރާނެކަން ކަނޑުތަކުގެ ގާނޫނު ހޭދިއިރުވެސް އެ ގާނޫގެ ހުރިހާ އަކުރަކާ ފިއްޔެއް ލިޔުއްވި ޑރ. މުނައްވަރަށް އެނގިވަޑައި ނުގަތީތޯ ސުވާލު އުފެއްދީމެވެ.
ރާއްޖޭގެ ބަޔަކަށް ޗާގޯސް ވާނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި އާޕިލަޖިކް ބޭސް ލައިން ކުރެހިއިރު ޗާގޯސް ވެސް ރާއްޖޭގެ ބޭސްލައިން ގެ ތެރޭގައި ނުހިމެނުމުން ޗާގޯހަކީ ރާއްޖޭގެ ބައެއް ކަމަށް އޭރުވެސް ގަބޫލު ނުކުރާކަން ސާފުވެއެވެ. ޗާގޯހުގެ ސިޔާދަތީ ބާރު ރާއްޖެ ނޫން އެހެން ކޮންމެ ގައުމަކަށް ލިބުނަސް އެ ދުވަހަކުން އިގްތިސާދީ ސަރަަހައްދުގެ ފުށުއެރުން އޮންނާނެކަން އެނގެއެވެ. އެހާލަތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި އެވާ ގޮތަށް ފުށުއަރާ އިގްތިސާދީ ސަރަހައްދު ބައިކުރުން ނޫންގޮތެއް ނުއޮންނާނެކަން އެގެއެވެ.
ފުށުއަރާ ސަރަހައްދު ބައިކުރަން ގާނޫނުގައި ބަޔާކޮށްފައި އޮތްއިރު ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެ ނޫން ކޮންމެ ގައުމަކަށް ލިބުނަސް އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން އޮންނާނެ ކަމާއި އެ ހާލަތުގައި ކަނޑުތަކާ ބެހޭ ގާނޫނުގެ 7 ވަނަ މާއްދާގައި ބުނާ ގޮތަށް އަމަލު ކުރަން ޖެހޭނެކަމަށް ސާފުކޮށް ރާއްޖޭެ ގާނޫނު ބުނެއެވެ. އެހެން އެކަން އޮވެ ފުށުއަރާބައި ބައިކުރުމުން ބައެއް ދޫކޮށްލީ ކަމަށް ބާރުލާފައި ބުނަނީ ކީއްވެގެންތޯ ހީރަސް އިން ކުރި ސުވާލަށް ޑރ. މުނައްވަރަކަށް ވެސް އާޒިމާއަކަށްވެސް ޖަވާބެއް ނުދެއްވުނެވެ. އެ އިސްތިސްނާ ގާނޫނުގައި ހިމެނީ އުތުރުން އިންޑިއާއި ލަންކާއާއި ފުށުއަރާ ސަރަހައްދާގުޅިގެން ކަމަށް ބުނެ ދެކުނުން ޗާގޯހާ ފުށު އަރާއެރުމުގެ ވާހަކަ އޮއްބާލެއްވީއެވެ. ގާނޫނުގައި ބަޔާންވެ ކަނޑައެޅިފައި އޮތްގޮތަށް ސަރުކާރުން އަމަލު ކުރުމުން ސަރުކާރުން ގާނޫނާ ހިލާފަށް ސަރަހައްދުން ބައެއް ދޫކޮށްލީ ކަމަށް ބުނެ މާ ގައުމީ ވެގެން ފޮނުއަރުވަނީ ސިޔާސީ ބޭނުމުގައެވެ.