32 ވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސް ރާއްޖޭގައި

ކޮންފަރެންސެއް އައި.ޖީ.އެމް.އެޗްގައި ބޭއްވުމަކީ އިތުރު ތަޖުރިބާތަކެއް

32 ވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސް ރާއްޖޭގައި

ކްރޭނިއޯ-މެކްސިލޯފޭޝަލްއަކީ އުފެދުމުގައި ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ކަރުން މައްޗަށް (ލޮލަށް، ނޭފަތަށް، ބޮލަށް) ކަރުންމަތީގެ އެހެން ގުނަވަންތަކަށް އަދި މޫނުގެ އައިބުވެފައި ހުންނަ ކަށިތައް ރަނގަޅު ބައްޓަމަކަށް ގެނެސްދިނުމަށް ހަދާ ސާރޖަރީއެކެވެ. ސާރޖަރީ ހެދުމުން ބަލާލަން ރީތި ވެފައި އައިބުތައް ފިލުވާލަދެއެވެ.

ދުނިޔޭގެ ތިރީސް ދެވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސްގެ ޕްރީ ކޮންފަރެންސްތަކެއް 2023 ގެ މޭ 1 އަދި 2 ގައި ބޭއްވިއެވެ. އެގޮތުން މޭ 1 ގައި ބޭއްވި ހޭންޑްސްއޮން ވޯރކްޝޮޕް ގެ މަޢުލޫއަކީ "ކޯޓިކޯ ބާރސަލް އިމްޕްލާންޓޮލޮޖީ" އެވެ. މި ވޯރކްޝޮޕް ކުރިޔަށް ގެންދަނީ ޑެންޓިސްޓުންނަށް ޙާއްޞަކޮށް ހުޅުވާލެވިގެން، އިންޑިޔާގެ މިކަމާ ގުޅުންހުރި އެންމެ ފުންނާބުއުސް ޑޮކްޓަރުންގެ ޓީމަކުންނެވެ.

2 މޭގައި ކުރިއަށް ގެންދާ މާސްޓަރ ކުލާހުގެ މަޢުލޫއަކީ "ޕީޑިއަޓްރިކް އެންޑް އެޑަލްޓު ކްރޭނިއޯމެކްސިލޯ ސާރޖަރީ ކޮންޖެނިޓަލް އެންޑް އެކުއާރޑް ޗެލެންޖަސް" އަދި ކުރިޔަށް ގެންދާނީ އެމެރިކާގެ ނިއުޔޯރކް ޔުނިވާރސިޓީގެ ކްރެނިއޯފޭޝިއަލް ޓީމެކެވެ. މި މާސްޓަރ ކުލާހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ އޯރަލް ސަރޖަރީ، ޕްލާސްޓިކް ސަރޖަރީ، ނިއުރޯ ސާރޖަރީ ފަދަ ކްރޭނިއޯ މެކްސިލޮފޭޝަލް ސާރޖަރީއާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ މާހިރުންނަށް ޚާއްސަކުރެވިގެންނެވެ.

މިފަދަ ކޮންފަރެންސެއް އައި.ޖީ.އެމް.އެޗްގައި ބޭއްވުމަކީ އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެކަމެކެވެ. އަދި ސިއްޙީ ދާއިރާ ކުރިއެރުމަށްލިބޭ އިތުރު ފުރުސަތެކެވެ.

އައި.ސީ. އެމް.އެފް.އެސްގެ ތިންދުވަހުގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަނޑޮސް އައިލެންޑު ރިސޯރޓުގައެވެ. 3 - 5 މޭ 2023ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގައި މުޅި ދުނިޔޭގެ އެކި ހިސާބުތަކުން ފުންނާބުއުސް ސިއްޙީ އެތައް ގިނަ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިފަދަ ކޮންގްރެސްއެއް ދިވެހިރާއްޖޭގައި ބޭއްވުން މިއީ އަޅުގަނޑުމެންނަށް ލިބިގެންދާ ޝަރަފެކެވެ. އަދި ޝައްކެއްވެސް ނެތް ގޮތުގައި ސިއްޙީ ދާއިރާއަށް ލިބިގެންދާ ކުރިއެރުމެއްވެސްމެއެވެ.

ދުނިޔޭގެ ތިރީސް ދެވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސް މި އަހަރު ބޭއްވެނީ ދިވެހިރާއްޖޭގައެވެ. ތިރީސް ދެވަނަ މި ކޮންގްރެސްއަކީ އިންޓަރނޭޝަންލް ކޮލެޖް އޮފް މެކްސިލޯފޭޝިއަލް ސާރޖަރީ (އައި.ސީ.އެމް.އެފް.އެސް) ގެ ކޮންފަރެންސެކެވެ. މިފަދަ ބައްދަލުވުންތަކުގައި މިކަމާއި ގުޅިގެން ހޯދިފައިވާ ކުރިއެރުންތަކާއި ، އައު ވިސްނުންތަކާއިި އަދި ކުރެވެމުންދާ ދިރާސާތަކާއިބެހޭ ވާހަކަތައް ބަދަލުކޮށް ހަދައެވެ.

ކޮންގްރެސް ގެ ޕްރެޒިޑެންޓަކީ އިންޑިއާގެ ޕްރޮފެސަރ ޑޮކްޓަރ އެސް.އެމް. ބާލާޖީއެވެ. ޕްރޮފެސަރ ޑރ. ބަލާޖީ އަކީ އޮނޮރަރީ ކޮންސަލްޓަންޓް ފޭޝިއޯމެކްސިލަރީ ސަރޖަން އެއްގެގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އައި.ޖީ.އެމް.އެޗް އަދި ރީޖަނަލް ހޮސްޕިޓަލް ތަކުގައި އޭނާ ގިނަ އޮޕަރޭޝަންތައް ކުރައްވާފައި ވެއެވެ. ސްވިޒަލޭންޑް އަދި ކެނެޑާގައި ބޭއްވުނު ދުނިޔޭގެ ކްލެފްޓް ކޮންގްރެސްގައި އެންމެ މޮޅު ސައިންސް ތަހުލީލު ތަކާއި ބެހޭ ކަރުދާސް، ދެފަހަރުމަތިން ހާސިލް ކުރެއްވުމާއެކު އިންޑިއާގެ އެސޯސިއޭޝަން އޮފް އޯރަލް އެންޑް މެކްސިލޮފޭޝަލް ސާރޖަންސް ގެ ފަހުރުވެރި "ޖިންވާލާ" ޓްރޮފީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް މެކްސިލޮފޭޝަލް ސަރޖަރީ އިން ރަން މެޑަލް ހާސިލްކޮށްފައިވެއެވެ. ޓެމިލްނާޑޫ ސަރުކާރުގެ ފަރާތުން ދޭ ސައިންޓިސްޓް އެވޯޑް ހާސިލްކޮށްފައިވެއެވެ. ޓެމިލްނާޑޫގެ ސަރުކާރުން ދޭ އެންމެ މޮޅު މެޑިކަލް ފޮތުގެ އެވޯޑުވެސް އެކި ފަހަރުމަތިން އޭނާ ލިއުނު ފޮތްތަކަށް ވަނީ ލިބިފައެވެ.