މުއިއްޒުގެ ގޮތްދޫނުކުރުމުގެ ސަޒާ ދިވެހިންނަށް!
ޗައިނާގެ އުގަށް ވެއްޓިގަތަސް ބޭނުންހާ ކަމެއް ނުވާނެ!
އެތައް ސަތޭކަ އަހަރަކުއްސުރެ އޮތް ގާތްކަމާއި އިތުބާރާއި އަހުވަންތަ ގުޅުން ކަނޑާލާ މާދުރުގައި ތިބި ބަޔަކަށް ބަރޯސާވުމަކީ ގައުމަށް އޮތް ރަނގަޅެއް ނޫނެވެ. ފަސޭހައެއް ނޫނެވެ. ހަރަދު ކުޑަ ގޮތެއްވެސް ނޫނެވެ. ކާބޯ ތަކެއްޗާއި ބޭސް ފަރުވާއާއި އިމާރާތް ކުރުމާގުޅޭ މުދާ ޒަމާނުއްސުރެ އިންޑިއާ އިން ރާއްޖެ އެތެރެ ކުރަމުން އައީ ޗައިނާއާއި ތުރުކީއާއި ތައިލެންޑާއި ދުބާއީއާއި ޕާކިސްތާން އޮއްވައެވެ.
އެންމެ ރަނގަޅެވެ. ދިވެހި ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ކުރާ ހޭދައަށްވުރެ ބޮޑު ހޭދައެއް ނުކޮށް ބެންކޮކުންނާއި ދުބާއީންނާއި މެލޭސިޔާއިންނާއި ސިންގަޕޫރުންނާއި ޗައިނާއިން ބޭސްފަރުވާ ކުރެވޭނެ ހެއްޔެވެ. އިންޑިއާގެ ހޮސްޕީޓަލް ތަކުން ހެޔޮ އަގުގައި ދިވެހީން ހޯދި ހިދުމަތަށް އާސަންދައިން ދައްކަންޖެހި ނުދެއްކި ހުރި އެތައް މިލިޔަން ރުފިޔާއެއް މިހާރުވެސް އެބަ އޮތެވެ. އެ ހާލުގައި އޮތް ދިވެހި ދައުލަތަށް ބެންކޮކް ފަދަ ގައުމު ތަކުން ރައްޔިތުންނަށް ބޭސްފަރުވާކޮށް ދިނުމުގެ ގާބިލުކަން އެބަހުރި ހެއްޔެވެ. ކުޑަ މިނުން ފްލައިޓް ޓިކެޓަށް ބެއްޔަސް އިންޑިއާ އަށް ކުރާ ދަތުރަކަށް ވުރެ ދެގުނަ ތިންގުނަ ބޮޑުކޮށް ހޭދަނުކޮށް އެއިން އެންމެ ދަތުރެއް ވެސް ފަރުޖެއްސޭނެ ހެއްޔެވެ. ނުވާނެއެވެ.
ދައުލަތުގެ އިސްމަގާމުތަކުގައި ތިބެގެން ރައްޔިތުން ހައްދަން ކޮންމެ އެއްޗެކޭވެސް ކިޔެދާނެއެވެ. އެ މީހުނަށް އާއްމު ދެރަވަރު މީހާގެ ހާލަތު ވަޒަން ނުކުރެވޭ ތާނގައި ދައުލަތު އާމްދަނީ ހަރަދު ކުޑަކޮށްވެސް ވަޒަންކޮށްލެވޭ ނަމަ އަމިއްލަ ހާލަށް ހަމްދަރުދީ ވާނެއެވެ. އިންޑިއާއަށް އާސަންދަ ހަމަ ނުޖެހިގެން އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު އެބައުޅެއެވެ. ހަމަޖެހޭ އާސަންދައިގެ ހަރަދު ނުލިބިގެން މީހުންގަނޑު ތެޅެފޮޅޭކަން ނޭނގޭ ބަޔަކަށް ނޭގުނަސް މިހާރުވެސް އެއްޔަކީ ދައުލަތަށް އޮތް ކުޑަ ބުރައެއް ނޫނެވެ. އާސަންދައާއި އެންސްޕައިން މިލިޔަނުން ފައިސާ ނުލިބިގެން ބަނގުރޫޓުވާ ހިސާބުގައި ރާއްޖޭގެ އެތައް ބޭސްފިހާރައަކާއި ކުލިނިކެއް އެބަހުއްޓެވެ. އިންޑިއާގެ އެތައް ހޮސްޕިޓަލަކުން ހިދުމަތް ހޯދާ ފައިސާ ނުދެއްކިފައި އެތައް މިލިޔަން ޑޮލަރެއް އާސަންދައިގެ ދަރަނީގެ ގޮތުގައި އެބައޮތެވެ. މިވަރު ގައުމަކުން ބެންކޮކާއި ސިންގަޕޫރާއި މެލޭސިޔާއާއި ދުބާއީން ރައްޔިތުންނަށް ބޭސްކޮށްދޭ ވާހަކަ އެބަ ދައްކައެވެ.
އަދިވެސް އެހެން ވާހަކައެކެވެ. އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އިންޑިއާ ނޫން ގައުމަކުން ގެންނަން ހޭދަ ކުރަންޖެހޭ ވަގުތާ ފައިސާއަށް ބެއްޔަސް އެތައް ގުނައެއް އިތުރުވާނެއެވެ. ނަތީޖާއެއްގެ ގޮތުން ކާބޯ ތަކެތީގެ އަސާސީ ބާވަތްތައް އަތްފޯރާ އަގެއްގައި ބާޒާރުން ލިބޭކަށް ނުހުންނާނެއެވެ. ސަރުކާރުން ސަބްސިޑީ ދީގެން އަތްފޯރާ ފަށަށް ތަކެތީގެ އަގު ތިރިކުރުމުގެ ފުދުންތެރިކަން ދިވެހި ސަރުކާރުގައި މިހާރުން މިހާރަށް އެބަހުރި ހެއްޔެވެ. ނެތެވެ. ފަސޭހައަކުން ގޮތެއް ނުވެސް ހޯދޭނެއެވެ. ޗައިނާގެ އުގަށް ވެއްޓިގަތަސް ވާނީ ވާން އޮތްވަރެކެވެ. ބޭނުންހާ ކަމެއް ނުވާނެއެވެ.
ދާއިމީ ގޮތެއްގައި ދެމެހެއްޓެނިވި ގޮތަކަށް ނުކުރެވޭ ކަންކަން ޖަޒްބާތުގައި ޖެހިގެން އާނދޮގޭ ކިޔާފައި ފޮރޮޅާލުމުގެ ގެއްލުން ދިވެހި ރައްޔިތުން ލަހެއްނުވެ ތަހައްމަލު ކުރަންނުޖެހިއެއް ނުދާނެއެވެ. ވަރުނުބަލާ ޖަހާ ބޮޑު އިހާ ގޮނޑިން ލުހިގެން ފަނުފުލުން ޖެހެނީ ބިންމައްޗަށްކަން ނޭނގުމަކީ ގަމާރުކަމެވެ.