މުއިއްޒު ރަސްފަންނާއި ސުނާމީ މައިޒާން ފަނާކޮށްލަނީ!

ރަސްފަންނު އާބާތުރަފިލުވަން އެމްޓީސީސީއަށް ނަގަންޖެހޭ ހުއްދައެއް ނޯންނާނެ!

މުއިއްޒު ރަސްފަންނާއި ސުނާމީ މައިޒާން ފަނާކޮށްލަނީ!

2016 ވަނަ އަހަރުން ފެށިގެން ރަސްފަންނު މަރާމާތުކޮށް ބެލެހެއްޓުމަކީ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެމްޓީސީސާއާއި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން އެމްޓީސީސީން ކުރަމުން އަންނަ ކަމެކެވެ. އެއްބަސްވުމަކީ ބާތިލުނުވެ ދިރިއޮތް އެއްބަސްވުމެކެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާން އަދި ކައިރިވެސް ނުވެއެވެ. އެހެން ނަމަވެސް މުއިއްޒު ވެރިކަމަށް އެރީއްސުރެ އެމްޓީސީސީން ރަސްފަންނުގެ އާބާތުރަ ފިލުވުމުގެ އެއްވެސް މަސައްކަތެއް ނުކުރެއެވެ.

މާލޭގައި ދިރިއުޅޭ މީހުން ހިތްފަސޭހަކޮށްލުމަށް ރައީސް ޔާމީނު ވެރިކަމުގައި ބިނާކުރި ރަސްފަންނު ވީރާނާ ވާން މުއިއްޒު އޮތީ ދޫކޮށްލާފައެވެ. ސިޓީ ކައުންސިލުން ހުއްދަ ނުޑީގެން މަސައްކަތް ނުކުރެވިފައި އޮންނަ ކަމުގެ ބަހަނާ އެމްޓީސީސިން ދައްކަނީ ރަސްފަންނު އާބާތުރަ ފިލުވުމުގެ ވިސްނުން ރައީސް މުއިއްޒުގެ ނެތީމައެވެ. 

މުއިއްޒު ބޭނުން ނުވާ މީހަކު މާލޭ މޭޔަރަކަށް ހުރުމަކީ މާލެ ސިޓީ ރައްޔިތުންނަށް ސަރުކާރުން ޖެއްސުންކޮށް ފުރައްސާރަ ކުރަން ޖެހޭ ކަމެއް ނޫނެވެ. ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި މެޑެލިޖަހައިގެންވެސް ރައްޔިތުންގެ ފަސޭހައަށް ކުރެވިފައި ހުންނަ ކަންކަން ނަގަހައްޓާ ދަމަހައްޓަންޖެހެއެވެ. ރަސްފަންނުގައި ހުރި މަސްފިހާ ގްރިލްތަކާއި އަށިތައް ހަލާކުވެ ދަނީއެވެ. ޖޯލިފަތި ތަކާއި އިށީންނަށް ހަދާފައިވާ ހަޓްތައް ފުޑުފުޑުވަނީއެވެ. ސަރުކާރުން އެކަމާ އަޅާވެސް ނުލައެވެ.

ރަސްފަންނު އާބާތުރަ ފިލުވުމުގެ މައްސަލަ މާލޭ ސިޓީ ކައުންސިލުން ވަނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ. އެމްޓީސީސީގެ ސަމާލުކަމަށް އެމައްސަލަ ގެނެސް އެތައް ފަހަރެއްގެ މަތީން މާލެ ސިޓީ ކައުންސިލުން އެކަމަށް އެދިފައިވެއެވެ. އެހެންނަމަވެސް ސަރުކަރާއި އެމްޓީސީސީ ހިރުވާތަން ކަހާވެސް ނުލައެވެ.  

އަނެއްކޮޅުން ކުރީގެ ތިން ރުއްޕާކުގައި ބިނާކޮށްފައިވާ ސްނާމީ ބިނާ މައިޒާން ވެސް އެދަނީ ވީރާނާ ވަމުންނެވެ. ސްނާމީ ބިނާ މައިޒާނުގެ ހުޅަނގު ފަރާތުން ތޮށިގަނޑު ވެއްޓި މާލޭގެ ބިމުން ފަސްގަނޑު މޫދަށް އެޅި އެދަނީ ހަލާކުވަމުންނެވެ. ސަރުކާރުގެ ސަމާލުކަމަށް އެކަންވެސް ސިޓީ ކައުންސިލުން ވަނީ ގެނެސްފައެވެ. ކަމަކީ ސިޓީ ކައުންސިލުން ކުރެވޭ ވަރަށްވުރެ ބޮޑު އެހާމެ ހައްސާސްކަމެކެވެ. 

މާލޭގެ ބިމުގެ ފަސްގަނޑު ދޫވެ ކަނޑަށް ފާބައިގެން ދިއުމަކީ އާދައިގެ ކަމެއްނޫނެވެ. އަވަސްކަމެއްގެ ގޮތުގައި މިހާރުން މިހާރަށް ކުރަން ޖެހިފައި އޮތްކަމެކެވެ. އެހެންނަމަވެސް މުއިއްޒު ސަރުކާރުން ދެނެހުރި ކަމަށްވެސް ނުހަދައެވެ. މާލޭގެ ބިން ވިއްކައިގެން ފައިސާ ހޯދެނިކޮށް މުއިއްޒަށް ނިމުނީއެވެ.