ހަލީލު މަގާމާ ހަވާލުމުގެ ހުއްދަ އިންޑިއާ އިން ހޯދީތަ!
ވަކިބަޔަކު ކުރީމާ ހަރާންވެފައި، ވަކިބަޔަކު ކުރީމާ ހަލާލުވާ ޑިޕްލޮމަސީ
އިބޫ ސަރުކާރުގެ ދުވަސްވަރު ސަރުކާރުގެ ވެރިއަކު އިން ގޮނޑިން ތެދުވަން ވެސް އިންޑިއާ ސަފީރުގެ ހުއްދަ ނަގަން ޖެހޭ ކަމަށް ބުނި މުއިއްޒުގެ ސަރުކާރަށް މިޖެހުނީ ވަކި ކޮން ހާލެއް ހެއްޔެވެ. މުއިއްޒުގެ އައު ފޮރިން މިނިސްޓަރު މަގާމާ ހަވާލުވެ މަސައްކަތް ފަށައިގަތުމަށްވެސް ހުއްދަ ނަގަން މިޖެހުނީ އިންޑިއާ ސަފީރު މަހާވަރުގެ އަރިހުންނެވެ.
ކުރީ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި ހުންނެވި އިންޑިއާ ސަފީރު ހަމަ އެ މަހާވަރު، އޭރުގެ ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސް ވެރިންނާ އެކު ޑިފެންސް މިނިސްޓްރީގައި ބައްދަލު ކުރެއްވި ކުރެއްވުން ވެސް މުއިއްޒުމެން އޭރު ހެދީ އިންޑިއާއަށް އަޅުވެތި ވީވުމަކަށެވެ. އިންޑިއާ ސަފީރުގެ ކާރުކޮޅު ސިފައިންގެ ދޮރުމަތިން ފެނެގެން ވެސް ހީވީ ފަޔަށް ހިނި އަރައިގެން އުޅުނު ހެންނެވެ.
މުއިއްޒު ވެރިކަމާ ހަވާލުވެފައި ޗައިނާއަށް ކުރި ދަތުރު ނިންމާލާ މާލެ އެރުމުގެ ކުރިން ހުޅުލޭގައި ހުރެ އިންޑިއާ ސަފީރަށާއި އިންޑިއާ ސަރުކާރަށް ވަށިވަށިން ވަރުގެ ކޮޅަށް ދިނެވެ. އެ ދުވަހުވެސް މުއިއްޒު ބުނީ ކުރީ ސަރުކާރުގެ ވެރިން އިން ގޮނޑިން ތެދުވަންވެސް އިންޑިއާ ސަފީރު މުނޫ މަހާވަރުގެ އަރިހުން ހުއްދަ ނަގަންޖެހޭ ކަމަށެވެ. އިންޑިއާ ކަނޑެއް ނޫނޭ ރާއްޖެ ކަނޑޭ، ބެކްޔާޑޭ، ބްލީއޭ ކިޔައިގެން އިންޑިއާއަށް އެދުވަހުވެސް ފުރައްސާރަ ކުރިވާހަކަތައް ބާއްވަމާ ހެއްޔެވެ.
ރާއްޖޭގައި އިންޑިއާ ސަފީރު ނޫނަސް ކިތަންމެ ގައުމެއްގެ ސަފީރުން އެބަތިއްބަވައެވެ. ޗައިނާއާއި ސައޫދި އަރަބިޔާ އާއި ޕާކިސްތާނާއި އެމެރިކާގެ އެމްބަސީއާއި އެމްބެސެޑަރުން ރާއްޖޭގައި އެބަތިއްބަވައެވެ. އެއިން އެއްވެސް ބޭފުޅަކާ ބައްދަލުކުރުމުގެ ކުރިން މިނިސްޓަރު ހަލީލު އިންޑިއާ ސަފީރު މަހާވަރުގެ ފައިންޕުޅު ދުށް ދުށުމަކީ މުއިއްޒު އެބުނި ފާޑުގެ ހުއްދަ ނެގުމެއް ނޫން ހެއްޔެވެ. ވަކިބަޔަކު ކުރީމާ ހަރާން ވެފައި، ވަކިބަޔަކު ކުރީމާ ހަލާލުވާ ކަމަކަށް ޑިޕްލޮމަސީ ވީ ކޮންތާކު ކޮން އިރަކުހެއްޔެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި މުއިއްޒުމެން ރާއްޖެ ސިފަކުރީ އިންޑިއާގެ ސްޓޭޓެއްގެ ގޮތުގައެވެ. އޭރު މުއިއްޒުމެން ބުނަމުން އައީ މުއިއްޒު ވެރިކަމަށް އަންނަށް ވާދަކުރީ އިންޑިއާގެ ސްޓޭޓެއްގެ ޗީފް މިނިސްޓަރަކާއެވެ. ދިވެހީންގެރާއްޖެ މުއިއްްޒު ހޯދަން އުޅުނީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުންނެވެ.
ރައީސް ސޯލިހު ވެރިކަމުގައި ސަފީރު މުނޫ މަހާވަރު ސިފަކުރީ އިންޑީއާ މައި ސަރުކާރުން ސްޓޭޓަށް ކަނޑައަޅާފައި ހުންނަ ގަވަރުނަރުގެ ގޮތުގައެވެ. މުއިއްޒާއި އޭނާގެ އައުވާނުންނަށް އޭރު އިންޑިއާގެ ބޮޑުވަޒީރު މޯދީއަކީ ރާއްޖެ އަޅުވެތިކޮށްގެން އުޅުނު ގެރި މޯދީއެވެ.
އެހެން އޭރު އެކަން އޮތްނަމަ މިހާރު މުއިއްޒު ސަރުކާރުން މި ޖަހަނީ ވަކި ކޮން ސަކަރާތެއް ހެއްޔެވެ. ބައެއްގެ ލަދުހަޔާތް ނެތިއްޖެއްޔާ ކިޔާފައި ނުކިޔާނެ އެއްޗެއް ނޯންނާނެތާއެވެ. ބަހާ އަމަލު ދިމާނުވެ ކީހާޅެއް ފަރިއްސަށްވެ އަމިއްލަ ރައްޔިތުންނާއި ދުނިޔޭގެ ކުރިމަތީގައި ވެރިބަޔަކު ބޮލާފޮށާއެޅީ މިހާކަށް ވަރަށެވެ.