ޕްރޮގްރަސިވް ކޯލިޝަނުން ޕީއެންސީ ވަކިވުން

ނޮވެންބަރ 17ގައި ފެށޭނީ އެހެން ބައެއްގެ ބައިވެރިވުން ނެތް ޕީއެންސީ ވެރިކަމެއް

ޕްރޮގްރަސިވް ކޯލިޝަނުން ޕީއެންސީ ވަކިވުން

އަދާލަތު ޕާޓީން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ޑރ. މުއިއްޒު ރާއްޖޭގެ ރައީސް ކަމަށް އެ ވަޑައިގަތީ ދިހަ ވަރަކަށް އަހަރުގެ މަސައްކަތްޕުޅުންނެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާފައި އުފެދުނު ޑރ. ވަހީދު ސަރުކާރުގެ ވަޒީރުކަން ހޯއްދެވީ އަދާލަތުންނެވެ. އަދާލަތު ބައިވެރިވާ ޕްރޮގްރަސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް 2013ގައި ވެރިކަން ލިބިވަޑައިގަތުމުން ހައުސިން މިނިސްޓަރުކަމުގެ ސްލޮޓް އޮތް އެމްޑީއޭއަށް މަގާމު ހޯއްދެވުމަށް ބަދަލުވެ ވަޑައިގަތީ އަދާލަތަށް ދޮންކަޅު އަންގަވާ ނުލައްވައެވެ. އެމްޑީއޭއަށް ބަދަލުވެ ވަޑައިގެން ހައުސިން މިނިސްޓަރުކަން ހޯއްދަވައިގެން އޭރު ވެރިކަން ކުރާ މައިޕާޓީ ޕީޕީއެމަށް ބަދަލުވެ ވަޑައިގަތެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމި އެންމެ ހުތޫރަތްތެރި ދަނޑިވަޅުގައި ދަނޑިވަޅުބައްލަވާ ޕީޕީއެމް ޓިކެޓްގައި މާލޭ ސިޓީ މޭޔަރުކަން ހޯއްދެވީ ވެރިކަން ކުރާ އެމްޑީޕީގެ މައްޗަށް ގަދަވެ ގަނެގެނެވެ. މާބޮޑު ގާތްކަމެއް ރައީސް ޔާމީނާ ނެތް ކަމަށް ދައްކައިގެންނެވެ. މޭޔަރު ކަމުގައި ހުންނަވައިގެން ދޮން ކުރެއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެއްވެސް މީހަކަށް ނުލިބޭނެކަން ކަށަވަރުވުމުން ޕީއެންސީއަށް ކުއްލިއަކަށް ބަދަލުވެ ވަޑައިގެން ޕްލޭން ބީ އިން ޓިކެޓް ކަށަވަރު ކުރެއްވީއެވެ. ޕީޕީއެމްގެ ރައީސް ޔާމީނު އިންތިހާބު ބޮއިކޮޓްކުރަން ގޮވާލައްވަނިކޮށެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޖަލު ބަންދުގައި ހުންނެވި ރައީސް ޔާމީނުގެ ފޮޓޯފުޅާއި ރައީސް ޔާމީނުގެ ސިޔާސީ ހުރިހާ ހަކަތައަކާއި ބާރަކާއި ބޭނުން ކުރައްވައިގެން ގާނޫނާ ހިލާފަށް ކެންޕޭން ކުރައްވައިގެން ޑރ. މުއިއްޒު އެހުންނެވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެނެވެ. ތިންހާސް ހަމަނުވާ ކުޑަކުޑަ ޕާޓީއެއްގެ ޓިކެޓް ހިއްޕަވައިގެން ނިކުންނަވައެވެ. ޕީޕީއެމްގެ ސައްތައިން ސައްތަ މަސައްކަތުންނެވެ.

ކޮންމެ ގޮތެއް ހައްދަވައިގެންވެސް އިންތިހާބު ކާމިޔާބު ކުރެއްވުނީމާ ނިމުނީތާއެވެ. އެހިސާބުން އެވަނީ ރައްޔިތުންގެ ރައީސަށެވެ. މަގާމް ހޯއްދަވާ ދެއްވަން މަސައްކަތްކުރި މީހުން ބުނާހާ ކަމެއް ބުނާހާ ގޮތަކަށް ކޮށްދޭކަށް ނުވެސް ޖެހޭނެތާއެވެ. ވަރުގަދަ ލީޑަރެއްގެ އަތްޕުޅުން ޓިކެޓް ފިރުކައިގަނެގެން އެ ޓިކެޓްގައި ނިކުމެ ވެރިކަން ހޯދޭނީ ފިސާރި ހުޝިޔާރު ސްމާޓް މީހަކަށެވެ. ޑރ. މުއިއްޒަކީ އެ މީހާއެވެ. 

ޑރ. މުއިއްޒުގެ ކުޅަދާނަކަން ދެކި ބަލާށެވެ. ޕީޕީއެމްގެ ޓިކެޓްގައި ރަނިންގ މޭޓަކަށް ނިކުންނެވި ހުސައިން މުހައްމަދު ލަތީފް (ސެންބެ) ޕީޕީއެމް ދޫކުރައްވާ ޕީއެންސީއަށް ބަދަލުވެ ވަޑައިގެން ފެށޭ ވެރިކަމުގެ ރިޔާސަތުން ޕީޕީއެމްގެ ކުލަ ފިލުވާލީއެވެ. ހަމަ އެއާއި އެކު ޕީއެންސީގެ ރައީސް ކަމާއި ނައިބު ރައީސްކަމަށް އިންތިހާބީ ރައީސާއި ނައިބު ރައީސް ހަމަޖެހިގެން ދިޔައީ ބަސްބުނާހާ އަވަހަށެވެ. ދެން އިވޭނީ ޕްރޮގްރަސިވް ކޯލިޝަނުން ޕީއެންސީ ވަކިވާ އަޑެވެ. އެހެން ބައެއްގެ ބައިވެރިވުމެއް ނެތް ޕީއެންސީގެ ފުރިހަމަ ވެރިކަމެއް ގާއިމުވެގެން ދާތަން 17 ނޮވެންބަރގައި ފެންނާނެއެވެ. 

އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވާ ގޮތުން އެމަނިކުފާނަކީ މީހެއްގެ މީހެއް ނޫނެވެ. ރައްޔިތުންގެ މީހެކެވެ. ވެރިކަމަށް ވަޑައިގެންނެވުނީ ކޮންމެ ހެނެއް ހަދައގެން ކަމަށް ވިޔަސް ޑރ. މުއިއްޒަކީ ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބު ކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަނިކުފާނަށް ހެޔޮވެރިކަމެއް ކުރެއްވުމަށް ޖާގަ ދޭން ޖެހެއެވެ. އެ މަނިކުފާނާ ވާދަކުރެއްވި ރައީސް ސޯލިހު ވެސް އެ ހުންނެވީ އެގޮތުގައެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީވެސް އޮތީ ޑރ. މުއިއްޒަށް ވެރިކަން ކުރެއްވުމަށް ޖާގަދީގެން ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި މަސައްކަތް ކުރުމަށް ރުހިގެންނެވެ. މިހުރިއްޔަކީ ރައީސް ޔާމީނަށް ކެތްކުރެއްވޭ ވަރުގެ ކަންކަމަކަށް ނުވާނެއެވެ.