ކުރީ ސަރުކާރު ބަދުނާމު ކުރިވަރަކަށް ގެއްލޭ ވޯޓް ވަނީގިނަ

މުއިއްޒު ސަރުކާރަށް މާސިންގާ ބޮޑު ބަޖެޓަކާއި ސަޕްލިމެންޓްރީ ބަޖެޓެއް ލިބުނު

ކުރީ ސަރުކާރު ބަދުނާމު ކުރިވަރަކަށް ގެއްލޭ ވޯޓް ވަނީގިނަ

ރައީސް ސޯލިހު ވެރިކަން ކުރެއްވި ގޮތް ގޯސްވެގެން ވެރިކަން ކުރަން އައި މީހުން މިހާރު މިހާވަނީ ކޮން ހަޑިއެއް ހެއްޔެވެ. ރާއްޖޭގެ ތާރީހުގައި ހެދި އެންމެ ބޮޑު ބަޖެޓް ލިބިފައި މިއޮތީ އެ މީހުންނަށެވެ. ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ނެތް މަޖިލީހުން ބަޖެޓް ބޭނުންވާ ކަމަށް ސަރުކާރުން ބުނި ވަރަށް ވުރެ ބޮޑު ބަޖެޓެއް އެ އޮތީ ފާސްކޮށް ދީފައެވެ. ކުރީ ސަރުކާރުން ކޮށްފައިވާ ހަރަދުތައް ހަމަ ޖެއްސުމަށާއި ހުސްވި އަހަރުގެ ފަހު ދެ މަހުގެ ހަރަދުތައް ހަމަޖެއްސުމަށް ސަޕްލިމަންޓަރީ ބަޖެޓެއްވެސް ފާސްކޮށް ދީފައި މި ސަރުކާރަށް މަޖިލީހުން ދިނެވެ. 

ކޮވިޑްގެ ހާލަތާ ހެދި ދެއަހަރަށް ވުރެ ގިނަ ދުވަހު ދުނިޔެ އޮތީ ހުއްޓިފައއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލިބުނު އާމްދަނީ ހުއްޓި ގައުމީ ރިޒާވް ހުސްވެ ދަރަނިވެރި ވިއެވެ. ފަހަރެއްގައިވެސް އެއީ ނެތް ހާލަތެއް ނޫނެވެ. އެ ހާލަތުން ގައުމު އަރައިގަތުމަށް ކުރީ ސަރުކާރުން ކުރި ގިނަ ގުނަ މަސައްކަތުގެ ނަތީޖާއަކީ ރައްޔިތުން ބަނޑަށް ނުޖެހި ގައުމު ބަގުރޫޓް ނުވެ އެންމެ އަވަހަށް އިޔާދަ ކުރެވުނު އިގްތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ. 

ކުރީ ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅު ތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ ބޮޑުތަނުންވީ އިތުރެވެ. ރާއްޖެއަށް އެތެރެވާ ފަތުރުވެރިން ވެސް ވީ އެތައް ގުނަ އަކަށް އިތުރެވެ. ޖިއެސްޓީ ބޮޑުކޮށް، ޕްރޮފިޓް ޓެކްސް ބޮޑުކޮށް، ކޮތަޅުން ޖީއެސްޓީ ބޮޑު ކުރުންވީ ކުރީ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ. އެ ސަރުކާރާ ދެކޮޅަށް އިދިކޮޅުން އެންމެ ބާރަށް ދެއްކި އެއްވާހަކަ އަކީވެސް އެއީއެވެ.

މުއިއްޒު ސަރުކާރަށް މާސިންގާ ބޮޑު ބަޖެޓަކާއި ސަޕްލިމެންޓްރީ ބަޖެޓެއް ލިބުނެވެ. ކުރީ ސަރުކާރުން ބޮޑުކޮށްގެން އުޅުނު ކޮތަޅު ޓެކްސް ވެސް ބަރާބަރަށް ލިބެއެވެ. ޖީއެސްޓީއަށް އިތުރު ކުރި %2 ވެސް ކަނޑާ ނުލާ ނަގަމުން ދެއެވެ. ބޮޑުކުރި ޕްރޮފިޓް ޓެކްސް ވެސް ލިބެއެވެ. ސަރުކާރަށް އާމްދަނީ ހޯދަން ކުރީ ސަރުކާރުން އިތުރު ކުރި ޓެކްސްތަކުން ހަތަރުއަނާ އެއްވެސް މި ސަރުކާރުން ކަނޑައެއް ނުލައެވެ.

ބޮޑު ބަޖެޓަކާއިއެކު ސަރުކާރު ހިންގަން ލިބުމުން "ކުރީ ސަރުކާރު" ކިޔާލަ ކިޔާލާ މިތިބެނީ ކަމެއް ކުރުމުގެ ގާބިލްކަން ނެތުމުންނެވެ. ފަހަރަކު ވަޒީރަކު ނިކުމެ ކުރީ ސަރުކާރުގެ އެވަނަކަމެއް މިވެނަ ކަމެއް އެބައޮތޭ ކިޔައިގެން މި ދަމަނީ ކޮންހާ ހާސަރެއް ހެއްޔެވެ. އެކަކަށް ރަށްރަށުގެ ފުލުސް ޕޯސްޓްތައް އަޅަން ދީފައި އޮތް ގޮތެއް ކަމަކު ނުދިއައެވެ. އަނެކަކަށް ރަށްރަށުގެ ހޮސްޕިޓާތައް އަޅަން ދީފައި އޮތް ގޮތެއް ކަމަކު ނުދެއެވެ. އަނެކަކަށް ރަށްރަށުގެ އިންޖީނުގެތައް އަޅާ ގޮތެއް ކަމަކު ނުދެއެވެ. އަނެކަކަށް ރަށްރަށުގެ ބަނދަރުތައް ހަދާ ގޮތެއް އާރުޓީއެލް ނިޒާމެއް ކަމަކު ނުދެއެވެ. ކަމުދާ ކަމެއް ކަމުދާ ގޮތަކަށް ކުރެވިފައި އޮތް ކަމަކަށް ނުވެއެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. ތިޔަ ތިބީ ވެރި ކަމުގައެވެ. އެހެންނޭ މިހެންނޭ ކިޔައިގެން ޕޯޑިއަމްތަކާއި ނޫސްވެރިން ގާތު ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރެވޭ ހެއްޔެވެ. ގާނޫނާ ގަވައިދާ ހިލާފަށް ކަމެއް ކޮށްފާ އޮތިއްޔާ އެ މައްސަލައެއް ބަލާ ފިޔަވަޅު ނާޅާށޭ ބުނީ ކާކު ހެއްޔެވެ. އަޅަން ޖެހޭ ފިޔަވަޅެއް އަޅައިގެންވެސް ރައްޔިތުންގެ ލާބައަށް ފަށަފައިވާ އެއްވެސް ކަމެއް ނުކޮށް ނުބަހައްޓާ ކަންކަން ކުރެވޭކަން އަމަލުން ދައްކަބަލާށެވެ. ކޮށްދޭނަމޭ ކުރާނަމޭ އަގައިން ކިޔަކަސް ރައްޔިތުން މިހާރަކު ގަބޫލެއް ނުކުރާނެއެވެ. މަޖިލީހުގެ ކެންޕޭނަށް ވެގެން ވޯޓު ހޯދަން ކުރީ ސަރުކާރު ބަދުނާމު ކުރި ވަރަކަށް ގެއްލޭ ވޯޓް ވަނީ ގިނައެވެ.