ރިޓަޔަރޑް ސިފައިން މުއިއްޒު ދެކެ ރަތަށް!
ރިޓަޔަރޑް ސިފައިން ތިބީ މަގުމަތިކޮށްފާ!
ސިފައިންނަކީ ގައުމީ ހިދުމަތުގައި ދެވަނައެއް ނެތް ބައެކެވެ. ގައުމީ ސަލާމަތީ ބާރެވެ. ވެރިކަމެއް ދެމިއޮންނަނީ ދިފާއީ ބަރަކާއެކުގައެވެ. ގުދުރަތީ ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ކޮންމެ ހާލަތެއްގައި ސަރުކާރާއި ރައްޔިތުންގެ އައްޑަނައަކީ ސިފައިންނެވެ.
ސިފައިންގެ ހިދުމަތުގައި ވިހިތިރީސް އަހަރު ހިދުމަތް ކުރުމަށް ފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރކުރާ ސިފައިންނަކީ ގައުމުގެ ވަރަށް މަތިވެރި ރައުސުލްމާލެކެވެ. ރިޓަޔަރޑް ސިފައިންގެ މީހާއަކީ ހިދުމަތަށް ގޮވާލެވޭ ކޮންމެ ހާލަތެއްގައި ގައުމުގެ ދިފާއުގައި ނިކުންނަށް ތައްޔާރަށް ތިބޭ ބައެކެވެ.
ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ރިޓޔަރޑް ސިފައިންނަކީ ވަރަށްވެސް ޝަރަފުވެރި ބައެކެވެ. އަބުރުވެރި އަމިއްލަ މަސައްކަތާއި ގައުމީ ހިދުމަތުގައި ފަންނީ މަސައްކަތް ރިޓަޔަރޑް ސިފައިން ކޮށްއުޅެއެވެ. އެ މީހުންނަކީ ސިފައިންގެއިން ރިޓަޔަރ ކުރުމަށް ފަހު ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށް އާއްމުކޮށް އެހެނިހެން ވަޒީފާ އަދާކުރަ ބައެއް ނޫނެވެ.
ރާއްޖޭގައި އެކަން އޮންނަނީ އެހެނެއް ނޫނެވެ. ދައުލަތުން ބޮޑު ހޭދަކޮށްގެން ތައުލީމާއި ތަމްރީނު ދީފައި ހުންނަ ސިފައިންގެ މީހާ ޝަރަފްވެރި ކަމާއެކު މަގާމުން ގިނައިން ވަކިކޮށްލަނީ ސަމަންތަރު ހެޔޮ ހަށިހެޔޮ ޒުވާން އުމުރުގައެވެ. ފުރިހަމަ ސިއްހަތުގައި ހަކަތަ ހުއްޓައެވެ. އޭރު ގިނަ މީހުންގެ ދަރިން ބޮޑަށްޗެއް ނުވާނެއެވެ. ރިޔަމަންޓްގެ ގޮތުގައި ލިބޭ އެއްޗަކުން އުމުރުގެ ބާކީ ބައިގައި ޝަރަފުވެރި އުޅުމެއް އުޅެވޭ ވަރެއް ނުވެއެވެ. އެހެން ކަމުން ރިޓަޔަރޑް ސިފައިންނަކީ ރާއްޖޭގައި ގަން ހިނގަ ހިނގާ ތިބެން ޖެހިފައިވާ ބައެކެވެ. ޝަރަފްވެރީ ނަމަކަށެވެ.
އަނެއްކޮޅުން ރިޓަޔަރޑް ސިފައިންނާމެދު ސަރުކާރުން ކަންކުރަނީ ވެސް އަމަލު ކުރަން އޮންނަ އުސޫލާއި ހަމައަކުން ނޫނެވެ. އެކުލަވާލާ އަމަލުކުރަން އޮންނަ ގަވައިދާއެއް އެއްގޮތަށް ވެސް އަމަލެއް ނުކުރެއެވެ. ސަރުކާރުން އަމަލު ކުރަނީ ހިތުހުރި ގޮތަކަށެވެ.
ސިފައިންގެ ރިޓަޔަރނަމްޓް ގަވައިދު ބުނަނީ މުއައްޒަފަކު ރިޓަޔަރ ކުރާއިރު ހުންނަ ރޭންކްގެ އަސާސީ މުސާރަ ބޮޑުކޮށްފިނަމަ ރިޓަޔަރ ކުރުމަށް ފަހުވެސް މަހުން މަހަށްދޭ ރިޓަރމަންޓް ފައިސާ ދޭންވާނީ ރޭންކަށް ބޮޑުކުރި މުސާރައިން ހިސާބު ހަދައިގެން ކަމަށެވެ. އެހެން ނަމަވެސް ރިޓަޔަރޑް ސިފައިންނާމެދު ރައީސް މުއިއްޒު ސަރުކާރުން އަމަލު ކުރަނީ އެހެނަކުންނޫނެވެ. މިހާރުވެސް ރިޓަރމަންޓް ދެނީ ރިޓަޔަކުރި އިރު ހުރި މުސާރައިން ހިސާބު ހަދައިގެންނެވެ.
ރައީސް މުއިއްޒު ވެރިކަމަށް އެރިފަހުން ސިފައިންގެ މުސާރަ ބޮޑުކޮށްފިއެވެ. އެހެން ނަމަވެސް ރިޓަޔަރޑް ސިފައިންގެ ރިޓަޔަރމަންޓަކަށް އެ ބަދަލެއް ނާދެއެވެ. ރިޓޔަރމަންޓްގެ ގަވައިދުގައި އޮތް އެއްޗެއް ބެލުމަކަށް ބޭނުމެއް ނުވެއެވެ. ހަމަޔަ އުސޫލަކީ މުއިއްޒަށް އޮތް އެއްޗެއް ނޫނެވެ. ސިޔާސީ ގޮތުން މޮޅު ހޯދުމަށް މުއިއްޒު އެޅި ފިޔަވަޅުން ހުރިހާ ރިޓަޔަޑް ސިފައިން ތިބީ ރަތަށް އަރާފައެވެ.